މޫސުމީ މަޢުލޫމާތު އެއްކުރުމަށްޓަކައި ރާއްޖޭގައި ޤާއިމުކުރާ 6 ވަނަ މެނުއަލް ސްޓޭޝަން ނ. މާފަރު އިންޓަރނޭޝަނަލް އެއަރޕޯޓުގައި ޤާއިމުކޮށްފިއެވެ. މިއީ ރާއްޖޭގެ އެވިއޭޝަން ސިނާޢަތަށް ލިބިގެންދިޔަ މުހިއްމު ކުރިއެރުމެއްގެ ގޮތުގައި މޫސުމާ ބެހޭ ޤައުމީ އިދާރާއިން ސިފަކުރައްވައެވެ.
މާފަރު އިންޓަރނޭޝަނަލް އެއަރޕޯޓަކީ އަހަރުގެ އެކި ދުވަސްވަރު ރާއްޖެއަށް އެންމެ ގިނަ ޖެޓު ޖައްސާ އެއަރޕޯޓަށް ވުމާއެކު، އެންމެ ފަހުގެ އަދި އެންމެ ސައްޙަ މޫސުމީ މަޢުލޫމާތު ލިބުމަކީ ފްލައިޓުތަކުގެ ސަލާމަތާއި ރައްކާތެރިކަމަށް ކޮންމެހެން ބޭނުންތެރި ކަމެކެވެ. މާފަރުގައި މިހާރުވެސް އޮޓޮމެޓިކް ވެދަރ ސްޓޭޝަނެއް ހުރި ނަމަވެސް، މީގެކުރިން އެ ސަރަޙައްދުގެ މެނުއަލް މަޢުލޫމާތު ހޯދަމުން ދިޔައީ ހަނިމާދޫ އެއަރޕޯޓުގައި ހުންނަ ސްޓޭޝަން މެދުވެރިކޮށެވެ.
މޫސުމާ ބެހޭ ޤައުމީ އިދާރާއިން ޕީއެސްއެމް ނިއުސްއަށް މަޢުލޫމާތު ދެއްވަމުން ވިދާޅުވީ، މާފަރުގައި މި ޤާއިމުކުރި ސްޓޭޝަނާއެކު ރާއްޖޭގައި މޫސުން ކުރިއަށް ލަފާކުރުމަށް ބޭނުންކުރާ މެނުއަލް ސްޓޭޝަންތަކުގެ އަދަދު 6 އަކަށް އިތުރުވެފައިވާ ކަމަށެވެ. މީގެކުރިން މިފަދަ ސްޓޭޝަންތައް ޤާއިމުކޮށްފައި ވަނީ ހަނިމާދޫ، ކައްދޫ، ކާޑެއްދޫ، ގަން އަދި ހުޅުލޭގައެވެ.
އެވިއޭޝަން ސިނާއަތުގެ އުސޫލުތައް އޮންނަ ގޮތުން، ކޮންމެ ގަޑިއަކު އެއްފަހަރު އެއަރޕޯޓު އޮންނަ ސަރަޙައްދުގެ މޫސުމީ މަޢުލޫމާތު ފޯރުކޮށްދޭންޖެހެއެވެ. އަދި މޫސުން ގޯސްވާ ޙާލަތްތަކުގައި ވަގުތުން ވަގުތަށް ބަދަލުތައް ފްލައިޓުތަކަށް އަންގަންޖެހެއެވެ. މެޓް އޮފީހުން ވިދާޅުވީ އައު ސްޓޭޝަނާއެކު މާފަރު ސަރަޙައްދުގެ މޫސުން ކުރިއަށްވުރެ ސައްޙަކޮށް ބުނެދިނުމުގެ ފުރުސަތު ފަހިވާނެ ކަމަށެވެ.
މެޓް އޮފީހުން ދަނީ ރާއްޖޭގެ އެވިއޭޝަން ސިނާޢަތުގެ އިތުރުން މަސްވެރިންނާއި، ކަނޑު ދަތުރުފަތުރުކުރާ ފަރާތްތަކަށް ބޭނުންވާ މޫސުމީ މަޢުލޫމާތު 24 ގަޑިއިރު މޮނީޓަރކޮށް ފޯރުކޮށްދެމުންނެވެ. މި އައު ސްޓޭޝަނަކީ ރާއްޖޭގެ މޫސުން މޮނީޓަރކުރުމުގެ ނިޒާމު އިތުރަށް ހަރުދަނާކުރުމަށް އެޅުނު މުހިއްމު ފިޔަވަޅެކެވެ.

