ވެރިކަންކުރާ ޕީޕަލްސް ނޭޝަނަލް ކޮންގްރެސް (ޕީއެންސީ) އަކީ އެންމެ ކުރު މުއްދަތެއްގެ ތެރޭގައި ރައްޔިތުންގެ އެންމެ ބޮޑު ތާއީދާއި އިތުބާރު ހާސިލުކުރި ޕާޓީކަން ފާހަގަކުރައްވަމުން، އެ ޕާޓީގެ ފިކުރަކީ ނުގުނޑާނެ ވަރުގަދަ ފިކުރެއް ކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވިދާޅުވެއްޖެއެވެ.
ދ. މީދޫ ކައުންސިލްގެ ރައީސް ހޮވުމަށް ބޭއްވި ބައި-އިލެކްޝަނާއި ހިތަދޫ އުތުރު ދާއިރާގެ ބައި-އިލެކްޝަނުން ޕީއެންސީއަށް ލިބުނު ކާމިޔާބީ ފާހަގަކުރުމަށް ބޭއްވި ޖަލްސާގައި ވާހަކަފުޅު ދައްކަވަމުން ރައީސް ވިދާޅުވީ، ޕީއެންސީގެ އަސާސަކީ އިސްލާމްދީން ހިމާޔަތްކުރުމާއެކު ގައުމުގައި އަމާންކަމާއި ސުލްހަވެރިކަން ނަގަހައްޓައި، ތަރައްގީ ހޯދައިދިނުން ކަމަށެވެ. އަދި އެއީ ދެގޮތެއްނުވާ ސާބިތު ފިކުރެއްގެ ގޮތުގައި އެމަނިކުފާނު ސިފަކުރެއްވިއެވެ.
ރައީސްގެ ވާހަކަފުޅުގައި މި ސަރުކާރުގެ ޚާރިޖީ ސިޔާސަތަކީ “ދިވެހިން އިސްކުރުމުގެ ސިޔާސަތު” ކަމަށް ވިދާޅުވިއެވެ. ކުރީ ސަރުކާރުގައި ވަކި ގައުމެއްގެ ނުފޫޒުން އެހެން ގައުމުތަކާ އޮންނަ ގުޅުން ކަނޑާލައި، ބައިނަލްއަގުވާމީ ޖަމްއިއްޔާތަކުން ވަކިވަމުން ދިޔަ ނަމަވެސް، މި ސަރުކާރުން އިސްކުރާނީ ދިވެހި ގައުމަށް އެންމެ ފައިދާހުރި ގޮތް ކަމަށް އެމަނިކުފާނު ވިދާޅުވިއެވެ. “އަޅުގަނޑުމެންނަކާ ރުޅި ގައުމެއް ނޯންނާނެ. ދިވެހި ރައްޔިތުންގެ ތަރައްގީއަށް އެހީތެރިވާނަމަ އެ ގައުމަކާ ގާތް ގުޅުން އޮންނާނެ،” ރައީސް ވިދާޅުވިއެވެ.
ކުރީ ސަރުކާރުން ރާއްޖޭގެ ކަނޑުގެ ސަރަހައްދުން ބައެއް ދޫކޮށްލާފައިވާ މައްސަލައަށް އަލިއަޅުއްވާލައްވަމުން ރައީސް ވިދާޅުވީ، އެ ސަރަހައްދަކީ ރާއްޖޭގެ ސަރަހައްދެއްގެ ގޮތުގައި މިހާރު ކަނޑައަޅާފައިވާނެ ކަމަށާއި، އެބައި ރަސްމީކޮށް ހިމެނުމަށް ކުރަންޖެހޭ ގާނޫނީ މަސައްކަތްތައް ބޮޑު ހޭދައެއް ކޮށްގެންވެސް ސަރުކާރުން ކުރިއަށްގެންދާ ކަމަށެވެ.
މީގެ އިތުރުން، އިސްރާއީލާ މެދު ގެންގުޅޭ ސިޔާސަތާ ގުޅޭގޮތުން ރައީސް ވިދާޅުވީ، މި ސަރުކާރަކީ އިސްރާއީލު ޕާސްޕޯޓުގައި ރާއްޖެއަށް އެތެރެނުވެވޭނެ ގޮތަށް ކަނޑައެޅި ސަރުކާރު ކަމަށެވެ. އަދި ކުރީގެ ބައެއް ސަރުކާރުތަކުން އިސްރާއީލާ ގުޅުން ބަދަހިކޮށް، ވައިގެ ދަތުރުފަތުރު ފަށަން މަސައްކަތް ކުރި ނަމަވެސް، މި ސަރުކާރުގައި އިސްރާއީލާއެކު އެއްވެސް ޚާރިޖީ ގުޅުމެއް ނޯންނާނެކަން އެމަނިކުފާނު ކަށަވަރުކޮށްދެއްވިއެވެ.
ރައީސްގެ ވާހަކަފުޅު ނިންމަވާލެއްވީ، ސަރުކާރުގެ ކޮންމެ ސިޔާސަތެއްގެ މަދަކީ އިސްލާމްދީނަށް ނަސްރުދިނުން ކަމަށާއި، ކުޑަކުދިންނާއި ދޮށީ އުމުރުގެ މީހުންނާ ގުޅިގެން ތަންފީޒުކުރާ ކޮންމެ ކަމެއްގެ އަސާސަކީވެސް ދީން ކަމުގައި ވިދާޅުވަމުންނެވެ.

