އުރީދޫ މޯލްޑިވްސް އިން ރާއްޖެއަށް ޕޭޕަލްގެ ޚިދުމަތް ރަސްމީކޮށް ތަޢާރަފްކޮށްފިއެވެ.
ބާސެލޯ ނަސަންދުރާގައި ބޭއްވި ޚާއްސަ ރަސްމިއްޔާތެއްގައި މި ޚިދުމަތް ރަސްމީކޮށް އިފްތިތާހުކޮށްދެއްވީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުއެވެ. މިއީ ރާއްޖެއަށް ޑޮލަރު ގެނެވޭނެ މަގު ފަހިކޮށްދިނުމަށް ރައީސް ވެވަޑައިގެންފައިވާ މުހިންމު ވަޢުދުފުޅެއް ފުއްދުމުގެ ގޮތުން އެޅުނު ފިޔަވަޅެކެވެ.
މި ރަސްމިއްޔާތުގައި ވާހަކަދައްކަވަމުން ޕޭޕަލްގެ ނައިބު ރައީސް އަދި ޖެނެރަލް މެނޭޖަރ އާމިރު ވިލިއާނީ ވިދާޅުވީ ޕޭޕަލްގެ ޒަރިއްޔާ އިން ރާއްޖޭގައި އިތުބާރު ކުރެވޭ މާލީ މުއާމަލާތްތަކެއް ޤާއިމުކުރެވުމަކީ މީހުންނާއި ވިޔަފާރިތައް ގުޅި ލާމެހުމަށް ހުޅުވިގެންދާ މުހިންމު ދޮރެއް ކަމަށެވެ. އަދި މިއީ ރާއްޖޭގެ ސަރުކާރުން ގެންގުޅޭ 2.0ގެ ތަސައްވުރާ ގުޅިގެން އެޅޭ މުހިންމު ފިޔަވަޅެއް ކަމަށާއި، މީގެ ސަބަބުން އިގްތިސާދީ ސިންދަފާތުކުރުންތަކުގައި ރާއްޖެ އާ ހަރުފަތަކަށް ގެންދާނެ ކަމަށް އޭނާ ވިދާޅުވިއެވެ.
“ފްރީލަންސަރުންނާއި، ވިޔަފާރުވެރިންނާއި، އާ ފުރުސަތުތައް ހޯދާ ފަރާތްތަކަށް އިތުބާރު ކުރެވޭ މާލީ މުއާމަލާތުތަކެއް ކުރެވުމަކީ އެ ފަރާތްތަކަށް ކުރިއެރުމަށް ލިބޭ ފުރުސަތެއް،” އާމިރު ވިދާޅުވިއެވެ.
އުރީދޫ މޯލްޑިވްސްގެ ސީއީއޯ ޝަޑީ ގަވަސްމީ ވިދާޅުވީ، ރާއްޖޭގައި ޕޭޕަލްގެ ޚިދުމަތް ޤާއިމުކުރުމަކީ ޑިޖިޓަލް އިގްތިސާދެއް ބިނާކުރުމަށް ކުރަމުންދާ މަސައްކަތަށް ލިބުނު ބޮޑު ކުރިއެރުމެއް ކަމަށެވެ. އުރީދޫގެ ދަށުން ހިންގާ ޓެކްފިން މޯލްޑިވްސްއަށް މި ޚިދުމަތް ދިނުމަށް ބޭނުންވާ އިންވާޑް ރެމިޓެންސް ހުއްދަ މޯލްޑިވްސް މަނިޓަރީ އޮތޯރިޓީ (އެމްއެމްއޭ) އިން ދޫކޮށްފައި ވަނީ 2025 ވަނަ އަހަރުގެ އޮކްޓޫބަރު މަހުއެވެ. މި ޚިދުމަތް ރާއްޖޭގައި ބޭނުންކުރާ ހުރިހާ ފޯނު ނަމްބަރުތަކަށް ވެސް އުރީދޫގެ އެމްފައިސާ މެދުވެރިކޮށް ލިބޭނެ އިންތިޒާމު މިހާރު ވަނީ ހަމަޖެހިފައެވެ.
ޕޭޕަލްގެ ޚިދުމަތް ރާއްޖެއަށް ތަޢާރަފުކުރުމަކީ ސަރުކާރުން ވަރަށް ބޮޑު އިސްކަމެއް ދީގެން ކުރިއަށް ގެންދިޔަ މަސައްކަތެކެވެ. ރާއްޖެއަށް ޕޭޕަލް ގެނައުމަށް އެ ކުންފުންޏަށް ޕްރޮޕޯސަލް ހުށަހަޅާފައިވާކަން ސަރުކާރުން ހާމަކޮށްފައި ވަނީ 2024ގެ އޮގަސްޓް މަހުގެ ތެރޭގައެވެ. ޒަމާނީ އޮންލައިން ޕޭމެންޓް ސިސްޓަމްތައް ހިމެނޭހެން އީވޮލެޓް ތަޢާރަފްކުރުމާއި، މާލީ މުޢާމަލާތުތަކަށް ފަސޭހަ އިންތިޒާމްތަކެއް ހަމަޖެއްސުމަކީ ރައީސް ޑރ. މުޢިއްޒުގެ މުހިންމު ވަޢުދުފުޅެކެވެ.
ޕޭޕަލްއަކީ ދުނިޔޭގެ އެކި ކަންކޮޅުތަކަށް ފައިސާ ފޮނުވުމާއި ފައިސާ ލިބިގަތުމަށް ބޭނުންކުރާ އެމެރިކާގެ މަޝްހޫރު ޕޭމަންޓް ސިސްޓަމެކެވެ. މި ޚިދުމަތް ރާއްޖޭގައި ފެށުމަށްޓަކައި ޓެސްޓިން މަރުހަލާތައް މި އަހަރުގެ ކުރީކޮޅު ކުރިއަށް ގެންގޮސްފައިވާއިރު، މިއީ ރާއްޖޭގެ ފަރުދުންނާއި ކުދި ވިޔަފާރިތަކަށް ބައިނަލްއަޤުވާމީ މައިދާނުގައި މާލީ މުއާމަލާތްތައް ހިންގުމަށް ލިބިގެންދާނެ ވަރަށް ބޮޑު ލުޔެކެވެ.

