ލެކްޝަންސް ކޮމިޝަން (އީސީ) އިން ހުސްވެފައިވާ މެންބަރުކަމުގެ މަޤާމަށް، މޯލްޑިވްސް ޙައްޖު ކޯޕަރޭޝަންގެ މިހާރުގެ މެނޭޖިންގ ޑިރެކްޓަރ މުޙައްމަދު ޝަކީލް އައްޔަންކުރެއްވުމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ރައްޔިތުންގެ މަޖިލީހަށް ހުށަހަޅުއްވައިފިއެވެ.
މި މަޤާމަށް ކުރިމަތިލުމަށް ހުޅުވާލި ފުރުޞަތުގައި ކުރިމަތިލެއްވި ބޭފުޅުންގެ ތެރެއިން ރައީސުލްޖުމްހޫރިއްޔާ އިސްކަންދެއްވާ ނަމެއްގެ ގޮތުގައި މަޖިލީހަށް ފޮނުއްވާފައިވަނީ ޝަކީލްގެ ނަންފުޅެވެ. ނަމަވެސް، ޝަކީލްގެ ނަންފުޅާއެކު، އެ މަޤާމަށް ޝަރުތުހަމަވާ އެހެން ހުރިހާ ބޭފުޅުންގެ ނަންތައްވެސް ރައީސް ވަނީ ދިރާސާކުރުމަށް މަޖިލީހަށް ފޮނުއްވާފައެވެ.
މުޙައްމަދު ޝަކީލަކީ މީގެ ކުރިންވެސް އިލެކްޝަންސް ކޮމިޝަންގައި އިސް މަޤާމުތަކެއް ފުރުއްވާފައިވާ ބޭފުޅެކެވެ. އެގޮތުން 2013 އިން 2014 އަށް އެ ކޮމިޝަންގެ ޑިރެކްޓަރ ޖެނެރަލްގެ މަޤާމު އަދާކުރެއްވުމަށްފަހު، ޑިސެމްބަރު 2014 އިން މޭ 2018 އާ ހަމައަށް އޭނާ ވަނީ ކޮމިޝަންގެ މެންބަރުކަންވެސް ކުރައްވާފައެވެ.
އިލެކްޝަންސް ކޮމިޝަނުން ގޮނޑިއެއް ހުސްވީ އެ ކޮމިޝަންގެ ރައީސްގެ މަޤާމުގައި ހުންނެވި މުޙައްމަދު ޒާހިދު، މެންބަރުކަމުންނާއި ރައީސްކަމުގެ މަޤާމުން އިސްތިއުފާ ދެއްވުމާ ގުޅިގެންނެވެ. ފަސް މެންބަރުންގެ މައްޗަށް އެކުލެވޭ އެ ކޮމިޝަންގައި މިވަގުތު ތިއްބެވީ ހަތަރު މެންބަރުންނެވެ. އެއީ ނައިބު ރައީސް ޢަބްދުއްރަޙްމާން ޞަލާހު ރަޝީދުގެ އިތުރުން މެންބަރުން ކަމަށްވާ ހަސަން ޒަކަރިއްޔާ، ޢަބްދުލްޙަސީބް އިސްމާޢީލް އަދި ރިފްޢަތު ޢަބްދުﷲ އެވެ.
ކޮމިޝަންގެ ރައީސްގެ މަޤާމު މިވަގުތު އޮތީ ހުސްކޮށެވެ. ޤާނޫނު ބުނާގޮތުން ކޮމިޝަނަށް ރައީސަކު އައްޔަންކުރެވޭނީ، ހުސްވެފައިވާ މެންބަރުކަމުގެ މަޤާމަށް ބޭފުޅަކު އައްޔަންކޮށް ކޮމިޝަންގެ މެންބަރުންގެ އަދަދު ހަމަވުމުން، މެންބަރުންގެ ތެރެއިން މަޖިލީހުގެ ރުހުމާއެކު ރައީސުލްޖުމްހޫރިއްޔާ ކަނޑައަޅުއްވާ ބޭފުޅެކެވެ.

