ދުނިޔޭގެ އެންމެ ބޮޑު އެއް އޮންލައިން ޕޭމަންޓް ޕްލެޓްފޯމް ކަމަށްވާ ޕޭޕަލްގެ ޚިދުމަތް ރާއްޖެއަށް ތަޢާރަފްވެގެން ދިއުމަކީ، ބައިނަލްއަޤްވާމީ ޑިޖިޓަލް އިޤްތިޞާދުގައި ދިވެހި ރައްޔިތުންގެ ބައިވެރިވުން އިތުރަށް ފުޅާވެގެންދާނެ ކަމެއް ކަމަށް އިޤްތިޞާދީ ތަރައްޤީއާއި ދަތުރުފަތުރާއި ވިޔަފާރިއާ ބެހޭ ވަޒީރު މުޙައްމަދު ސަޢީދު ވިދާޅުވެއްޖެއެވެ.
އުރީދޫ މޯލްޑިވްސް އިން ރާއްޖެއަށް ޕޭޕަލްގެ ޚިދުމަތް ރަސްމީކޮށް ފެށުމަށް ބޭއްވި ޚާއްޞަ ރަސްމިއްޔާތުގައި ވާހަކަދައްކަވަމުން ވަޒީރު ސަޢީދު ވިދާޅުވީ، މި ޚިދުމަތް ރާއްޖޭގެ ނިޒާމުގެ ތެރެއަށް ފަސޭހަކަމާއެކު އިންޓަގްރޭޓް ކުރެވިގެން ދިއުމަކީ ދިވެހިންނަށް ކުރިމަތިވެފައި އޮތް ބޮޑު ހުރަހެއް ނައްތާލެވުން ކަމަށެވެ. މިއީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވެރިކަމާ ޙަވާލުވެވަޑައިގަތުމަށްފަހު، ރާއްޖޭގެ މާލީ ނިޒާމު ހަރުދަނާކުރުމަށް ކުރެއްވި ގިނަގުނަ މަސައްކަތްތަކުގެ ނަތީޖާކަންވެސް ވަޒީރު ފާހަގަކުރެއްވިއެވެ.
ވަޒީރުގެ ވާހަކަފުޅުގައި އިތުރަށް ވިދާޅުވީ، ރަނގަޅު ތަޞައްވުރަކާއެކު ހަރުދަނާ ލީޑަރޝިޕެއްގެ ދަށުން މަސައްކަތް ކޮށްފިނަމަ ކާމިޔާބީއާ ހަމައަށް ވާސިލްވެވޭނެ ކަމަށެވެ. އަދި ރާއްޖެއަކީ ކުޑަ މާކެޓެއް އޮތް ޤައުމަކަށް ވީނަމަވެސް ނުވަތަ ޖަޒީރާ ރަށްތަކެއްގެ ގޮތުގައި އުފެދިފައި އޮތް ނަމަވެސް، ދުނިޔޭގެ ކުރިއެރުންތަކުން ފަހަތަށް ޖެހެންޖެހޭ އެއްވެސް ސަބަބެއް ނެތްކަން މި ފެށުނު ޚިދުމަތުން ސާބިތުވެގެންދާ ކަމަށްވެސް އެމަނިކުފާނު ވިދާޅުވިއެވެ.
މި ޚިދުމަތް ރަސްމީކޮށް ފެށުމާއެކު، ރާއްޖޭގެ ކުދި އަދި މެދު ފަންތީގެ ވިޔަފާރިތަކަށާއި ފްރީލާންސް މަސައްކަތްތެރިންނަށް ބައިނަލްއަޤްވާމީ މުޢާމަލާތްތައް ހިންގުމުގައި ބޮޑެތި ފަސޭހަތަކެއް ލިބިގެންދާނެ ކަމަށް ބެލެވެއެވެ.

