ދިވެހި އުފެއްދުންތެރިންނަށް ބައިނަލްއަގުވާމީ މައިދާނުގައި ފައިތިލަ ސާބިތުކުރުމުގެ ފުރުސަތު ހުޅުވިއްޖެ ކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ މުހައްމަދު މުއިއްޒު ވިދާޅުވެއްޖެއެވެ.
އެމަނިކުފާނު މިފަދައިން ވިދާޅުވީ، ރާއްޖެއަށް ޕޭޕަލްގެ ޚިދުމަތް ފެށުމަށް ބޭއްވި ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުންނެވެ.
ރައީސް ވަނީ، މިއީ އެމަނިކުފާނު ރައްޔިތުންނަށް ވެވަޑައިގެންނެވި ވަޢުދެއް ފުރިހަމަކަމާއެކު ފުދިގެން ދިޔަ މުނާސަބަތެއް ކަން ފާހަގަކުރައްވާ ފުރުސަތުގެ ބޭނުން ފުރިހަމަ ގޮތުގައި ހިފުމަށް ރައްޔިތުންނަށް ގޮވާލައްވާފައެވެ. ރައީސް މުޢިއްޒު ވިދާޅުވީ ރާއްޖޭގެ އުފެއްދުންތެރިންނާއި އީޖާދީންނަށް ދިމާވެފައިވާ އެންމެ ބޮޑު ގޮންޖެހުމަކީ ހުނަރުތައް ބައިނަލްއަގުވާމީ މާކެޓާ ހިއްސާކޮށް އޭގެން މަންފާލިބޭނެ ފަސޭހަ ގޮތްތަކެއް ހަމަޖެހިފައި ނެތުންކަމަށެވެ.
އެގޮތުން ރާއްޖެއަކީ ކުޑަ ޤައުމަކަށްވާތީ އެފަދަ ފުރުސަތުތައް ފަހިކޮށްދެވެން ނެތް ކަމަށް ޒަމާންތަކެއް ވަންދެން ބުނަމުންއައި ނަމަވެސް އެމަނިކުފާނު އެކަން ގަބޫލުކުރައްވަން ބޭނުންފުޅު ވެވަޑައިނުގެން، ރާއްޖެއަށް ޕޭޕަލްފަދަ ޚިދުމަތްތައް ގެނައުމުގެ މަސައްކަތް ފެއްޓެވީ އެ މަޤުސަދުގައި ކަމަށް ވެސް ރައީސް ވިދާޅުވިއެވެ.
ރައީސް ވިދާޅުވީ ޕޭޕަލްއަކީ ސްޓްރެޓެޖިކް އިންފްރާސްޓްރަކްޗާއެއް ތަރައްގީ ކުރުމަށް ގެންގުޅުއްވާ ބޮޑު ބްލޫޕްރިންޓެއްގެ ހިއްސާއެއް ކަމަށެވެ. މިފަދަ ހުރިހާ މަސައްކަތެއްވެސް ކުރިއަށްގެންދަނީ 2040ވަނަ އަހަރާ ހަމައަށް ރާއްޖެއަކީ ތަރައްގީވެފައިވާ ޤައުމަކަށް ހެދުމަށް ގެންގުޅޭ ތަސައްވުރާ އެއްގޮތަށް ކަމަށާއި ޤައުމުގެ އިގްތިސާދު ސިންދަފާތުނުކޮށް އެކަން ނުކުރެވޭނެ ކަމަށް ވިދާޅުވިއެވެ.
ޕޭޕަލްގެ ޚިދުމަތް ތަޢާރަފުވެ ބައިނަލްއަގުވާމީ މާކެޓަށް ވަނުމަށް ލިބިގެންދިޔަ ލުއިތަކާއެކު އޭގެ ފައިދާ ނެގުމަށް ރާއްޖޭގެ އުފެއްދުންތެރިންނަށް ގޮވާލައްވާފައެވެ. އެގޮތުން، ޒަމާނުއްސުރެ ކާބަފައިން ރާއްޖެއާ ބައިނަލްއަގުވާމީ ދުނިޔެއާ ގުޅުވައިދިނީ ކަނޑުމަގުން ކަމަށާއި އެމަނިކުފާނު މިއަދު ރާއްޖެ ބައިނަލްއަގުވާމީ ދުނިޔެއާ ގުޅުވާލަދިނީ ޑިޖިޓަލް އިގްތިސާދުގެ ތެރެއިން ކަމަށް ވިދާޅުވިއެވެ.
ރައީސް ވަނީ ޑިޖިޓަލް ވަސީލަތްތަކާއެއްވަރަށް ފިސިކަލް ސްޕޭސްތައްވެސް ތަރައްގީކުރައްވަމުންދާ ކަމަށެވެ. އެގޮތުން، ކްރިއޭޓަރ ހަބްގެ މަސައްކަތް ހަލުވި ކަމާއެކު ކުރިއަށްދާކަމަށާއި މިއަހަރުގެ ނޮވެނެބަރު 11ގައި އެތަން ހުޅުވިގެންދާނެ ކަމަށް ވިދާޅުވިއެވެ. މި ކްރިއޭޓަރ ހަބް ތަރައްގީ ކުރަނީ އެންމެފަހުގެ ވަސީލަތްތައް ހިމެނޭ ސްޓޫޑިއޯތަކާއި ކޯ ވޯކިން ސްޕޭސްތަކާއެކުގައެވެ.
މީގެ އިތުރުން ސަރަހައްދީ ފެސިލިޓީތައްވެސް ތަރައްގީ ކުރަމުން އަންނަ ކަމަށާއި ކޮންމެ ރައްޔިތަކުވެސް މިކަމުގެ ފައިދާ ނަގައި ތަފާތު އުފެއްދުންތައް ދުނިޔެއާ ހިއްސާކުރުމަށް އެމަނިކުފާނު އެދިވަޑައިގެންނެވިއެވެ.
ވަނަ އަހަރާ ހަމައަށް ޑިޖިޓަލް އިކޮނޮމީން ރާއްޖޭގެ އުފެއްދުންތެރިކަމަށް ހިއްސާކުރާ އަދަދު މަދުވެގެން %15 އަށް އިތުރުކުރުމަކީ ތަސައްވުރެއް ކަމަށާއި ގޫގަލް އާއެކު ދިވަރު އިންޓަނޭޝަނަލް ސަބްމެރިން ކޭބަލް ގެނައުމުގެ މަސައްކަތް ފަށާފައިވަނީ އެ ތަސައްވުރާ އެއްގޮތަށް ކަމަށް އެމަނިކުފާނު ވިދާޅުވިއެވެ. އަދި ރާއްޖެ އޮތީ އެންމެ އެޑްވާންސް ޑިޖިޓަލް އިންފްރާސްޓްރަކްޗާއަށް ތައްޔާރަށް ކަމަށްވެސް އެމަނިކުފާނު ވިދާޅުވިއެވެ.
ބާސެލޯ ނަސަންދުރާގައި މިއަދު ބޭއްވި ހާއްސަ ރަސްމިއްޔާތެއްގައި، އުރީދޫ މޯލްޑިވްސްގެ ޕޭޕަލްގެ ހިދުމަތް ރަސްމީކޮށް އިފްތިތާހުކޮށްދެއްވީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒުއެވެ.
ރާއްޖެއަށް ޕޭޕަލްގެ ވިތުޑްރޯވަލް ނުވަތަ ފައިސާ ނެގޭނެ މަގު ފަހިކުރުމަށް މި ސަރުކާރުން ކުރި ބުރަ މަސައްކަތްތައް ފެށުނީ ޖޫން 6، 2024 ގައެވެ. މިނިސްޓްރީ އޮފް އިކޮނޮމިކް ޑިވެލޮޕްމަންޓް އެންޑް ޓްރޭޑުން ޕޭޕަލްގެ ސީއީއޯ އެލެކްސް ކުރިސްއަށް ފޮނުވި ސިޓީއަކުން ފެށި މި މަސައްކަތުގެ ތެރެއިން، ސަރުކާރުން ވަނީ އެމެރިކާގެ ކަމާބެހޭ ފަރާތްތަކުގެ އެހީތެރިކަމާ އެކު ޕޭޕަލްގެ އިސްވެރިންނާ ބައްދަލުކޮށް ރަސްމީ ޕްރޮޕޯސަލްތައް ހުށަހަޅާފައެވެ. އަދި އޮގަސްޓް 2024 ގައި އިކޮނޮމިކް މިނިސްޓަރު މުހައްމަދު ސައީދު ވަނީ ޕޭޕަލްގެ ގްލޯބަލް ލީޑަޝިޕް ޓީމާ ބައްދަލުކުރައްވައި މުހިންމު މަޝްވަރާތަކެއް ކުރައްވާފައެވެ.
މި ހިދުމަތް ރާއްޖެއަށް ގެނައުމަށް ލޯކަލް ޕާޓްނަރެއްގެ ގޮތުގައި ހަމަޖެއްސީ އުރީދޫ މޯލްޑިވްސްއެވެ. ފުރަތަމަ މި ހިދުމަތް ލޯންޗުކުރަން ރޭވި ނަމަވެސް، އެންޓި-މަނީ ލޯންޑްރިން (އޭއެމްއެލް) ކޮމްޕްލަޔަންސްގެ ބައެއް މިންގަނޑުތައް ހަމަނުވެ ހުރުމުގެ ސަބަބުން 2025 ވަނަ އަހަރުގެ އޮގަސްޓް މަހު ހިދުމަތް ފެށުން ލަސްވިއެވެ. ނަމަވެސް، އުރީދޫން އެ ކުންފުނީގެ އޭއެމްއެލް ޕްރޮގްރާމް އިތުރަށް ވަރުގަދަކޮށް، ޕޭޕަލްގެ ހުރިހާ ޝަރުތުތަކެއް ފުރިހަމަކުރުމާ ގުޅިގެން މި އަހަރުގެ މޭ މަހު ސިސްޓަމް ޓެސްޓުތައް ފެށިއެވެ. މީގެ އިތުރުން، މޯލްޑިވްސް މަނިޓަރީ އޮތޯރިޓީ (އެމްއެމްއޭ) އިން ވަނީ މިދިޔަ އަހަރުގެ އޮކްޓޯބަރު މަހު އުރީދޫއަށް އިންވާޑް ރެމިޓެންސް ލައިސަންސް ވެސް ދޫކޮށްފައެވެ.
ޕޭޕަލްގެ ހިދުމަތް ރާއްޖެއަށް ތައާރަފުވުމަކީ ރާއްޖޭގައި ތިބެގެން މަސައްކަތްކުރާ ފްރީލާންސަރުންނަށާއި، ކުދި އަދި މެދުފަންތީގެ ވިޔަފާރިތަކަށް ލިބުނު ވަރަށް ބޮޑު ލުޔެކެވެ. މީގެ ސަބަބުން ބޭރު ގައުމުތަކުން ފަސޭހަކަމާ އެކު ފައިސާ ލިބޭނެ މަގު ފަހިވެ، ގައުމީ އިގްތިސާދަށް ބޮޑެތި ކުރިއެރުންތަކެއް ލިބޭނެ ކަމަށް އުރީދޫއިން ފާހަގަކުރެއެވެ.
ރައީސްގެ ރިޔާސީ ބަޔާނުގައި ވެސް ހާއްސަ އިސްކަމެއް ދެއްވި މި މަޝްރޫއު ކާމިޔާބުވުމަކީ ރާއްޖޭގެ ޑިޖިޓަލް ދާއިރާއަށް ލިބުނު ތާރީހީ ކުރިއެރުމެކެވެ.

