ބައިނަލްއަގްވާމީ މުޖުތަމައުގައި ދިވެހިރާއްޖެއާ ރުޅި އަދި ދުޝްމަނު ގައުމެއް މިހާރު ނޯންނާނެ ކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެއެވެ.
އެމަނިކުފާނު މިފަދައިން ވިދާޅުވެފައި މިވަނީ، ދ. މީދޫ ކައުންސިލްގެ ގޮނޑި ޕީއެންސީއިން ކާމިޔާބު ކުރުމުން އެ ޕާޓީއިން އުފާފާޅުކުރުމަށް ބޭއްވި ޚާއްސަ ޖަލްސާގައި ވާހަކަ ދައްކަވަމުންނެވެ.
ރައީސް މުއިއްޒު ވިދާޅުވީ، މީގެކުރިން ކަންކަން ހިނގާފައިވަނީ ވަކި ގައުމަކުން ބޭނުންވާ ގޮތަށް، މިރާއްޖޭގެ ހުރިހާ ކަމެއް ބައްޓަންވާ ގޮތަށް ކަމަށެވެ. އަދި ފާއިތުވި ދެތިން ސަރުކާރެއްގައި ބޭނުންވުމުން ގައުމުތަކާ ސިޔާސީ ކުޅިވަރު ކުޅެ، ބައިނަލްއަގުވާމީ ޖަމާއަތްތަކުން ވަކިވަމުން ގޮސްފައިވާކަމީ ދެރަ، ނަމަވެސް ހަގީގަތް ކަމަށެވެ.
ނަމަވެސް އެމަނިކުފާނުގެ ސަރުކާރުން އެންމެ ފުރަތަމަ އިސްކަން ދެނީ ދިވެހި ރައްޔިތުންނަށާއި ދިވެހި ގައުމަށް އެންމެ ފައިދާހުރި ގޮތްތަކަށް ބަލައިގެން ޚާރިޖީ ސިޔާސަތު ކުރިއަށް ގެންދިއުމަށް ކަމަށާ އެ ސިޔާސަތުގެ ތެރެއިން ރާއްޖެއާ ރުޅި، ދުރު އަދި ދުޝްމަނު ގައުމެއްވެސް މިހާރު ނޯންނާނެ ކަމަށް އެމަނިކުފާނު ވިދާޅުވިއެވެ.
ޚާރިޖީ ސިޔާސަތުގައި އެއްވެސް ގައުމެއް ބާކީނުކޮށް ގާތްކަން ރާއްޖެއިން ބޭއްވި ނަމަވެސް ފަލަސްތީނުގެ ރައްޔިތުންނަށް އިސްރާއީލުން ދެމުންދާ ލާއިންސާނީ އަނިޔާ ބަލައިނުގަނެވޭނެ ކަމަށާ އެހެންކަމުން އެއްވެސް ގައުމެއް ބާކީނުކޮށް ގާތް ގުޅުން ރާއްޖެއިން ބާއްވާ އެ ސިޔާސތުގެ ތެެރެއިން އިސްރާއިލު އިސްތިސްނާވާ ކަމަށް ރައީސް ވިދާޅުވިއެވެ.
ސިޔާސަތުގެ ދަށުން އަޅުގަނޑުމެންނަށް އެ އެހީތެރިކަން، ދިވެހި ރައްޔިތުންނަށް އެހީތެރިކަން ދޭނަމަ، ދިވެހި ގައުމުގެ ތަރައްގީއާ ރައްޔިތުންގެ ތަރައްގީއަށް ސަޕޯޓު ކުރާނަމަ އަޅުގަނޑުމެން އެ ގައުމުތަކާ ގާތްވާނެ. އެއީ ކިތަންމެ ކައިރި ގައުމެއް ވިޔަސް، ކިތަންމެ ދުރު ގައުމެއް ވިޔަސް. ކިތަންމެ ކުޑަ ގައުމެއް ވިޔަސް، ކިތަންމެ ބޮޑު ގައުމެއް ވިޔަސް
ރައީސް
މާޒީގައި އިސްރާއީލާ ވަރަށް ބޮޑަށް ގާތްވެ، އެ ގައުމުގެ ލޮލުގެ ޑޮކްޓަރުން ރާއްޖެ ގެނައުމަށާއި، އިސްރާއީލްގެ އެއާލައިންތައް ރާއްޖެއަށް އުދުހުމުގެ ކަންކަން ތައްޔާރުކުރަމުންދިޔަ ކަން ހަނދާންކޮށްދެއްވަމުން ރައީސް ވިދާޅުވީ، އެއީ ފަނާކުރަނިވި ސިޔާސަތެއް ކަމަށާއި އެކަން ހުއްޓުވީ ގައުމުދެކެ ލޯބިވާ ރައްޔިތުން ނުކުމެ ކުރި އިހުތިޖާޖުތަކުން ކަމަށެވެ.

