ދާދި ފަހުން މަލީ ވަޒީރުކަމަށް ރައީސުލްޖުމްހުރިއްޔާ އައްޔަންކުރެއްވި ހަސަން ޒަރީރަށް ރުހުން ދިނުމާ މެދު ގޮތް ނިންމަން މަޖިލީހުގެ ކޮމިޓީއަށް ފޮނުވައިފިއެވެ.
ވަޒީރު ޒަރީރަށް ރުހުން ހޯދުމަށް ރައީސް ޑރ. މުޙައްމަދު މުޢިއްޒު ރައްޔިތުންގެ މަޖިލީހަށް ފޮނުވާފައިވާ މައްސަލަ ދިރާސާ ކުރުމަށް މިއަދު ފޮނުވާފައިވަނީ ރައްޔިތުންގެ މަޖިލީހުގެ ސަރުކާރުގެ މަސްއޫލިއްޔަތު އަދާ ކުރާ މިންވަރު ބަލާ ކޮމިޓީއަށެވެ.
ޒަރީރު ވަޒީރުކަމުގެ މަޤާމަށް ރައީސް އައްޔަނު ކުރަށްވާފައިވަނީ މި މަހުގެ 8 ވަނަ ދުވަހުއެވެ. އެ ދުވަހު އެ މަގާމު ހުސްވުމުވާ ގުޅިގެން ރައީސް، ޒަރީރު އެ މަގާމަށް އައްޔަނުކުރެއްވިއިރު، އެ މަގާމުގައި ކުރިން ހުންނެވި މޫސާ ޒަމިރު އިސްތިއުފާ ދެއްވީ ސިއްހީ ސަބަބުތަކަށްޓަކައެވެ.
ޒަރީރަކީ ޓެކްސް އަދި އޮޑިޓާ ގުޅޭ އެކި މަޤާމުތަކުގައި 2000 ވަނަ އަހަރުން ފެށިގެން މަސައްކަތް ކުރައްވާފައިވާ ބޭފުޅެކެވެ. ޓެކްސް ކޮމިޝަނަރަކަށް އައްޔަނު ކުރެއްވުމުގެ ކުރިން ޙަސަން ޒަރީރު ވަނީ ވިލާ ޝިޕިންގ އެންޑް ޓްރޭޑިންގ ކޮމްޕެނީ ޕްރައިވެޓް ލިމިޓެޑްގެ ޑިރެކްޓަރ އޮފް ފައިނޭންސް އެންޑް ގްރޫޕް ޗީފް ކޮމްޕަލަޔަންސް އޮފިސަރގެ މަޤާމު އަދާކުރަށްވާފައެވެ.
އޭގެ އިތުރުން ބޭންކް އޮފް މޯލްޑިވްސްގެ ޗެއަރޕަރސަންގެ މަޤާމު 7 މާރިޗު 2024 އިން 23 މެއި 2024 އަށް އަދާކުރަށްވާފައިވެއެވެ. ޒަރީރު މީގެ ކުރިން ޑެޕިއުޓީ ކޮމިޝަނަރ ޖެނެރަލް އޮފް ޓެކްސޭޝަންގެ މަޤާމުވެސް އަދާކުރަށްވާފައިވެއެވެ.
ޙަސަން ޒަރީރު ވަނީ އިންޓަރނޭޝަނަލް އިސްލާމިކް ޔުނިވަރސިޓީ މެލޭޝިއާ (އައި.އައި.ޔޫ.އެމް) ގައި ބެޗެލަރ އޮފް އެކައުންޓިންގ އަދި މާސްޓަރ އޮފް ސައިންސް ފައިނޭންސް ޑިގްރީ ހާޞިލްކުރަށްވާފައެވެ. އޭގެ އިތުރުން ޙަސަން ޒަރީރު ވަނީ، އިނގިރޭސިވިލާތުގެ ފެލޯ ޗާޓަރޑް މެނޭޖްމަންޓް އެކައުންޓަންޓް (އެފް.ސީ.އެމް.އޭ، ސީ.ޖީ.އެމް.އޭ) އާއި، އޮސްޓްރޭލިއާގެ ސަރޓިފައިޑް ޕްރެކްޓިސިންގ އެކައުންޓަންޓްގެ ކޮލިފިކޭޝަން ހާސިލްކުރަށްވާފައެވެ.

