ވެރިކަން ކުރާ ޕާޓީ، ޕީޕަލްސް ނެޝަނަލް ކޮންގްރެސް (ޕީއެންއެސީ)ގެ ކޮންގްރެސް އަންނަ ސެޕްޓެމްބަރު މަހުގެ 15 އިން 18އަށް ބާއްވަން އެ ޕާޓީއިން ނިންމައިފިއެވެ.
މިއަދު އޮތް އެޕާޓީގެ ނޫސްވެރިންގެ ބައްދަލުވުމުގައި ޕީއެންސީގެ ޗެއާޕާސަން އަބްދުއްރަޙީމް އަބްދުالله ވަނީ އެކަން އިއުލާންކުރައްވާ، ތަފްސީލުތައް ދެއްވާފައެވެ.
އެގޮތުން އެ ޕާޓީގެ ކޮންގްރެސް ނުވަތަ މަތީ މަޖިލިސް ބޭއްވުމަށް ވާންޖެހޭ ތައްޔާރީތައް ވުމަށް ސްޓިއަރިން ކޮމިޓީއެއް މިހާރު އެކުލަވާލެވިފައިވާ ކަމަށާ، އެ ކޮމިޓީގައި ޖުމްލަ 13 މެމްބަރުން ތިބޭނެ ކަމަށް އަބްދުއްރަހީމު ވަނީ ވިދާޅުވެފައެވެ. ކޮންގްރެސްއަށް ތައްޔާރުވުމުގެ ގޮތުން، ބައެއް މަގާމުތަކަށް ބޭފުޅުން އައްޔަނު ކުރުމަށް ނިންމާފައިވާ ކަމަށާ، އެ މަގާމުތަކަށް މިއަދުން ފެށިގެން މިމަހު 30 ވަނަ ދުވަހަށް ކުރިމަތިލުމުގެ ފުރުސަތު އޮންނާނެ ކަމަށް ވެސް އޭނާ ވިދާޅުވެފައިވެއެވެ.
ކުރިމަތިލާން ހުޅުވާލި މަގާމުތަކުގެ ތެރޭގައި، ދާއިރާގެ ރައީސުން (ޕީއެންސީ މަޖިލިސް މެންބަރުން ނެތް ދާއިރާތަކަށް)، ދާއިރާގެ ނާއިބު ރައީސުން، އަންހެނުންގެ ހަރާކާތުގެ ރައީސުން، ސްޓިއަރިން ކޮމިޓީގެ މެންބަރުން އަދި ޒުވާނުންގެ ހަރަކާތުގެ ރައީސުން ހިމެނެއެވެ.
ޚާއްސަ ޕޯޓަލް އެއް މެދުވެރިކޮށް މި މަގާމުތަކަށް ކުރިމަތިލެވޭ އިރު، އެ ޕޯޓަލް މިއަދު އިފްތިތާޙް ކުރެވޭނެ ކަމަށް ވެސް ޗެއަރޕާސަން ވިދާޅުވެފައިވެއެވެ. އަދި މަގާމުތަކަށް ކުރިމަތިލެވޭނީ މިއަދުގެ ނިޔަލަށް އެ ޕާޓީގެ މެންބަރުންގެ ގޮތުގައި ތިބި މީހުންނަށް ކަމަށްވެސް އޭނާ ވިދާޅުވިއެވެ.
އަބްދުއްރަހީމު އިތުރަށް ވިދާޅުވީ ކޮންގްރެސަށް ތައްޔާރުވުމަށް އެ މަގާމުތަކަށް މީހުން ހޮވަން ބާއްވާ އިންތިޚާބު އޮންނާނީ ޖުލައި 11ގައި ކަމަށާ އެ އިންތިޚާބުގައި ވޯޓުލެވޭނީ ވެސް މިއަދުގެ ނިޔަލަށް މެންބަރުންގެ ގޮތިގައި ތިބި މީހުންނަށް ކަމަށެވެ.
އިންތިޚާބާ ގުޅޭ އިތުރު މައުލޫމާތު ޕީއެންސީގެ ވެބްސައިޓުން ލިބޭނެ ކަމަށް ވެސް އަބްދުއްރަހީމު ވިދާޅުވެފައިވެއެވެ.
ސެޕްޓެމްބަރު މަހު އޮންނަ ކޮންގްރެސްގައި ޕާޓީގެ ރައީސް އާއި ޗެއާޕާސަންގެ މަގާމު ފިޔަވައި އެހެން އިސް މަގާމުތަކަށް މީހުން އިންތިހާބުކުރުން އޮންނާނެއެވެ.

