ހުޅުމާލެ ދެވަނަ ފިޔަވަހީގައި ހުންނަ ހިޔާ ފްލެޓްތަކުގެ ޓަވަރު 13، 14 އަދި 15 ގައި އަލަށް ހަރުކުރި ލިފްޓުތަކުގެ މަސައްކަތް ނިންމައި، އާންމުންނަށް ބޭނުންކުރެވޭ ގޮތަށް މިއަދު ހުޅުވާލައިފިއެވެ. މިއީ ހިޔާ ޓަވަރުތަކުގައި ދިރިއުޅޭ ރައްޔިތުންނަށް ދިމާވެފައިވާ ލިފްޓުގެ ދަތިކަން ހައްލުކުރުމަށް ސަރުކާރުން ކުރިއަށްގެންދާ ހާއްސަ މަޝްރޫއުގެ ދަށުން ނިންމާލެވުނު މުހިންމު މަރުހަލާއެކެވެ.
ހައުސިންގ ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އެޗްޑީސީ) އިން ހާމަކުރި ގޮތުގައި، މި މަޝްރޫއުގެ ދަށުން މިހާރު މަސައްކަތް ނުނިމި ހުރީ ހަމައެކަނި 16 ވަނަ ޓަވަރުގައެވެ. އެ ޓަވަރު ފިޔަވައި އެހެން ހުރިހާ ޓަވަރެއްގައި އިތުރު ދެ ލިފްޓު ހަރުކުރުމުގެ އަމަލީ މަސައްކަތް މިހާރު ވަނީ މުޅިން ނިމިފައެވެ.
މި މަޝްރޫއުގެ އެންމެ ބޮޑު އެއް ބޭނުމަކީ ކުރިން ހުރި ލިފްޓުތަކުގައި ސްޓްރެޗާ އެރުވުމަށް ހުރި ދަތިތައް ހައްލުކުރުމެވެ. އެޗްޑީސީން ބުނީ “ހިޔާގެ ކޮންމެ ޓަވަރެއްގައި އަލަށް ހަރުކުރެވިފައިވާ އިތުރު ދެ ލިފްޓަކީ ސްޓްރެޗާ އެރުވޭ ވަރުގެ ބޮޑެތި ލިފްޓުތަކެއް” ކަމަށެވެ. މީގެ ކުރިން 25 ފަންގިފިލާގެ މި ޓަވަރުތަކުގައި ހުރި ލިފްޓުތަކަކީ ބަލިމީހުން އުފުލުމަށް އެކަށީގެންވާ ޖާގަ އޮތް ތަންތަނެއް ނޫނެވެ.
ހިޔާގެ ކޮންމެ ޓަވަރެއްގައި އިތުރު ދެ ލިފްޓު ހަރުކުރުމަކީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒުގެ ރިޔާސީ ވައުދުފުޅެކެވެ. މި މަޝްރޫއު ކުރިއަށް ގެންދަނީ ޗައިނާގެ ޝެންޔަންގް ޔުއާން އިންޓެލެކްޗުއަލް ގުރޫޕާ ހަވާލުކޮށްގެންނެވެ.
ޖުމްލަ 32 ލިފްޓު ހަރުކުރުމަށް ހިންގާ މި ބިޔަ މަޝްރޫއަށް ގާތްގަނޑަކަށް 18 މިލިއަން ޑޮލަރު (277 މިލިއަން ރުފިޔާ) ހޭދަވާނެ ކަމަށް އެޗްޑީސީން ކުރިން ލަފާކޮށްފައިވެއެވެ. މި މަސައްކަތް އެއްކޮށް ނިމުމުން ހިޔާ ސަރަހައްދުގައި ދިރިއުޅޭ އާއިލާތަކަށް ލިފްޓަށް ކިއު ހަދަންޖެހޭ މައްސަލައަށް ބޮޑު ލުޔެއް ލިބިގެންދާނެއެވެ.

