ކުރީގެ ދެ ވަޒީރުން ކަމުގައިވާ ޠާރިގް އިބްރާހިމް އާއި އާދަމް ޝަރީފު އުމަރު ސަފީރުންގެ ގޮތުގައި އައްޔަން ކުރުމަށް ރައްޔިތުންގެ މަޖިލީހުން މިއަދު ރުހުން ދީފިއެވެ. މި ދެ ބޭފުޅުން ސަފީރުކަމަށް އައްޔަން ކުރެއްވުމަށް މަޖިލީހަށް ހުށަހަޅުއްވާފައިވަނީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒެވެ.
ރައީސުލްޖުމްހޫރިއްޔާ ހުށަހަޅުއްވާފައިވަނީ އެކުވެރި ޢަރަބި އިމާރާތް (ޔޫއޭއީ) އަށް ރާއްޖޭން ކަނޑައަޅުއްވާފައި ހުންނަވާ ސަފީރަކަށް ޠާރިޤް އިބްރާހީމް އަދި ޤަތަރަށް ކަނޑައަޅުއްވާފައި ހުންނަވާ ސަފީރަކަށް އާދަމް ޝަރީފް އުމަރު އައްޔަން ކުރެއްވުމަށެވެ. މި ދެ ބޭފުޅުންނަށް ރުހުން ދިނުމަށް މަޖިލީހުން ފާސްކުރީ 57 މެންބަރުންގެ ވޯޓުންނެވެ.
މި ދެ ބޭފުޅުންނަށް ރުހުން ދިނުމަށް މަޖިލީހުގެ ތަޅުމުން ފާސްކުރީ، ޚާރިޖީ ގުޅުންތަކުގެ ކޮމިޓީން އެ ބޭފުޅުންނަށް ރުހުން ދޭން ފެންނަކަމަށް ނިންމުމާ ގުޅިގެންނެވެ. ކޮމިޓީން ނިންމާފައިވަނީ މި ދެ ބޭފުޅުންނަކީ ތަޢުލީމީ ގޮތުންނާއި ތަޖުރިބާގެ ގޮތުން ބަލާއިރު ވަރަށް ޤާބިލު ދެ ބޭފުޅުން ކަމަށްވާތީ، އިތުރު އިންޓަވިއުއަކާ ނުލައި ރުހުން ދިނުމަށެވެ.
ޔޫއޭއީގެ ސަފީރުކަމަށް ރުހުން ދިން ޠާރިޤް އިބްރާހީމަކީ، މި ސަރުކާރުގެ މޫސުމީ ބަދަލުތަކާއި ތިމާވެއްޓާ ހަކަތައާ ބެހޭ ވަޒީރުކަން ކުރައްވާފައިވާ ބޭފުޅެކެވެ. މީގެ އިތުރުން ކުރީގެ ސަރުކާރުތަކުގައިވެސް ވަޒީރުކަމާއި ސަރުކާރުގެ އިސް މަޤާމުތައް އޭނާ ވަނީ ފުރުއްވާފައެވެ.
ޤަތަރުގެ ސަފީރުކަމަށް ރުހުން ދިން އާދަމް ޝަރީފް އުމަރަކީ، މި ސަރުކާރުގައި ސިޓީތަކާއި އިދާރީ ދާއިރާތައް ހިންގުމާއި އާންމު މަސައްކަތްތަކާ ބެހޭ ވަޒީރުކަން ކުރައްވާފައިވާ ބޭފުޅެކެވެ. އޭނާއަކީވެސް ކުރީގެ ސަރުކާރުތަކުގައި ވަޒީރުކަން ކުރައްވާފައިވާ، އަދި މިހާރުވެސް ޚާރިޖީ ވުޒާރާގެ އިސް މަޤާމެއް ފުރުއްވަމުންދާ ތަޖުރިބާކާރު ބޭފުޅެކެވެ.

