ވެލާނާ އިންޓަރނޭޝަނަލް އެއަރޕޯޓުގެ ދެވަނަ ޓާމިނަލް ސަރަހައްދުގައި ކުރިއަށްދާ މަގު މަރާމާތު ކުރުމުގެ މަސައްކަތަކާ ގުޅިގެން، އާރްޓީއެލް އެއަރޕޯޓް ބަހުގެ ދަތުރުތަކަށް ބަދަލުތަކެއް ގެނައުމަށް އެމްޓީސީސީން ނިންމައިފިއެވެ.
އެމްޓީސީސީން ހާމަކުރި ގޮތުގައި، ޖޫން 16 އިން ފެށިގެން 25 ގެ ނިޔަލަށް ކޮންމެ ދުވަހަކުވެސް ދެވަނަ ޓާމިނަލް ކައިރީގައި މަރާމާތުގެ މަސައްކަތްތައް ކުރިއަށްދާނެއެވެ. މި މަސައްކަތްތައް ކުރިއަށް ގެންދިއުމަށް ހަމަޖެހިފައިވަނީ ކޮންމެ ރެއަކު ދަންވަރު 12:00 އިން ފެށިގެން ފަތިހު 5:00 އާ ހަމައަށެވެ. މި ވަގުތުތަކުގައި ބަހުގެ ރޫޓަށް ބަދަލުތަކެއް އަންނާނެ ކަމަށް އެ ކުންފުނިން މައުލޫމާތު ދެއެވެ.
މި މުއްދަތުގައި ބަސް ރޫޓަށް ގެނެވޭ ބަދަލުތަކާއެކު، ދަތުރުވެރިން ބަހަށް އަރާ ފޭބުމަށް ހަމަޖެހިފައިވަނީ ސައިކަލް ޕާކުކުރާ ސަރަހައްދުގައެވެ.
މި ބަދަލުތަކާ ގުޅޭގޮތުން އިތުރު ތަފްސީލް ހޯއްދެވުމަށް އެމްޓީސީސީގެ ހޮޓްލައިން ނަންބަރު 1650 އަށް ގުޅުއްވުމަށް އެ ކުންފުނިން އިލްތިމާސް ކުރެއެވެ.

