ފަތުރުވެރިކަމުގެ ދާއިރާއިން ލިބުނު މުދަލާއި ޚިދުމަތުގެ ޓެކްސް (ޓީ.ޖީ.އެސް.ޓީ)އިން ލިބުނު އާމްދަނީ އިތުރުވެ، ދައުލތުގެ ބަޖެތަށް ބޮޑު ކުރިއެރުމެއް އައިސްފިއެވެ.
ޓީ.ޖީ.އެސް.ޓީ އިތުރުވެ 2026 ވަނަ އަހަރު ދައުލަތަށް ލިބުނު އާމްދަނީއަށް ބޮޑު ކުރިއެރުމެއް ލިބިފައިވާކަން ހާމަވެފައިވަނީ، މާލީ ކަންކަމާއި ސަރުކާރު ކުންފުނިތަކާ ބެހޭ ވުޒާރާއިން އެންމެ ފަހުން އާންމުކޮށްފައިވާ ވީކްލީ ފިސްކަލް ޑިވެލޮޕްމަންޓްސް ރިޕޯޓުންނެވެ.
އެ ރިޕޯޓުގައިވާ ގޮތުގައި، 04 ޖޫން 2026ގެ ނިޔަލަށް ދައުލަތަށް ލިބުނު ޖުމްލަ އާމްދަނީއާއި ހިލޭ އެހީގެ މިންވަރު ވަނީ 19.1 ބިލިޔަން ރުފިޔާއަށް އަރާފައެވެ. މިއީ މިދިޔަ އަހަރުގެ އެ މުއްދަތުގައި ލިބުނު 17.3 ބިލިޔަން ރުފިޔާއަށް ވުރެ 1.8 ބިލިޔަން ރުފިޔާ ނުވަތަ 10.1 އިންސައްތަ އިތުރު އަދަދެކެވެ. މިއީ ރާއްޖޭގެ މައިގަޑު އިޤްތިޞާދީ ހަރަކާތްތަކުން ލިބޭ އާމްދަނީ މެދުނުކެނޑި ކުރިއަރަމުންދާކަން ހާމަކޮށްދޭ ހެއްކެކެއް ކަމަށް ބެލެވޭނެއެވެ.
މި ކުރިއެރުމުގެ މައިގަނޑު ސަބަބަކީ ޓީ.ޖީ.އެސް.ޓީގެ ގޮތުގައި ލިބުނު އާމްދަނީއެވެ. 2025 ވަނަ އަހަރުގެ މި މުއްދަތުގައި ޓީ.ޖީ.އެސް.ޓީގެ ގޮތުގައި 5 ބިލިޔަން ރުފިޔާ ލިބިފައިވާއިރު، މިއަހަރު އެ އަދަދު ވަނީ 6 ބިލިޔަން ރުފިޔާއަށް އަރާފައެވެ. މިއީ 7.6 އިންސައްތައިގެ ކުރިއެރުމެކެވެ. މީގެއިތުރުން، އާންމު މުދަލާއި ޚިދުމަތުގެ ޓެކްސް (ޖީ.އެސް.ޓީ) ގެ ގޮތުގައި ލިބުނު އާމްދަނީ ވެސް ވަނީ 2.2 ބިލިޔަން ރުފިޔާއިން 2.5 ބިލިޔަން ރުފިޔާއަށް އިތުރުވެފައެވެ.
ދައުލަތަށް ލިބޭ އާމްދަނީގެ އެންމެ ބޮޑު ބައެއް ހިއްސާކުރަނީ ޓެކްސްގެ ގޮތުގައި ލިބޭ ފައިސާއެވެ. އެގޮތުން 2025 ވަނަ އަހަރުގެ މި މުއްދަތުގައި ޓެކްސްގެ ގޮތުގައި 13.2 ބިލިޔަން ރުފިޔާ ލިބިފައިވާއިރު، 04 ޖޫން 2026 ގެ ނިޔަލަށް މި އަހަރު އެ އަދަދު ވަނީ 14.8 ބިލިއަން ރުފިޔާއަށް އުފުލިފައެވެ. މިއީ 12.4 އިންސައްތައިގެ ކުރިއެރުމެކެވެ. ދައުލަތަށް ލިބުނު ޖުމްލަ އާމްދަނީގެ 78 އިންސައްތައަކީ ޓެކްސްގެ ގޮތުގައި ލިބުނު ފައިސާއެވެ.

