ހިޖުރީ ސަނަތުން 1448 ވަނަ އަހަރު ފެށިގެން ދާއިރު، މި އަހަރަކީ ދިވެހިރާއްޖޭގެ އިސްލާމީ ކަންތައްތަކަށް ފާހަގަތި އަހަރަކަށް ވެގެންދާނެ ކަމުގައި އިސްލާމީކަންތައްތަކާއި އައުޤާފާ ބެހޭ ވަޒީރު ޑރ. މުޙައްމަދު ޝަހީމް އަލީ ސަޢީދު ވިދާޅުވެއްޖެ އެވެ. ވަޒީރު މިހެން ވިދާޅުވީ ޙިޖުރީ އައު އަހަރުގެ ހެޔޮ އެދުމާ ތަހުނިޔާ މީޑިއާތަކަށް ފޮނުއްވެވި މެސެޖެއްގަ އެވެ.
ވަޒީރުގެ މެސެޖުގައި އިސްލާމީ ދާއިރާއިން މި އަހަރު ހާސިލުކުރަން ކަނޑައަޅާފައިވާ މުހިންމު ލަނޑުދަނޑިތަކެއް ހިއްސާކުރައްވާފައިވެ އެވެ. އެގޮތުން މި އަހަރުގެ ތެރޭގައި ޒުވާން ޚަޠީބުންގެ ޢަދަދު ހާހަކަށް އަރާނެ ކަމަށާއި، އަދި ރާއްޖޭގެ ޙާފިޒުންގެ ޢަދަދު 350 އަށް ގާތްކުރާނެ ކަމަށް ވަޒީރު ލަފާކުރެއްވި އެވެ.
ޢުމްރާނީ ތަރައްޤީއަށް ބަލާއިރު، ބިޔަ ބޮޑު ވަޤުފު ބިނާތައް ނިމި، ވަޤުފު ފަންޑާއި ޒަކާތު ފަންޑު އިތުރުވެގެންދާނެ ކަމަށް ވަޒީރު ވިދާޅުވި އެވެ. މީގެ އިތުރުން މިހާރު ފަށާފައިވާ އިސްލާމީ މަރުކަޒުތަކުގެ މަސައްކަތް ނިމުމަކާ ގާތްވާނެ ކަމަށާއި، އުންމީދަކީ ހުޅުމާލެގައި ބިނާކުރެވޭ ބޮޑު މިސްކިތުގެ ޢަމަލީ މަސައްކަތް ފެށިގެން ދިއުން ކަމަށް ވެސް ޑރ. ޝަހީމް ފާހަގަކުރެއްވި އެވެ.
ވަޒީރު އިތުރަށް ވިދާޅުވީ 1448 ވަނަ އަހަރަކީ ރާއްޖެ އިސްލާމީ ހިދާޔަތް ޤަބޫލުކުރިތާ 900 އަހަރު ފުރޭ ތާރީޚީ އަހަރު ކަމަށެވެ. އެހެންކަމުން ކުރިއަށް އޮތް އިސްލާމީ ޤަރުނަށް ރާއްޖޭގެ އިސްލާމީ ޙަޟާރަތުގެ އަސާސްތައް ވަރުގަދަ ކުރުމުގެ ހަރުދަނާ ބިންގާތަކެއް މި އަހަރުގެ ތެރޭގައި އެޅިގެންދާނެ ކަމަށް ވިދާޅުވި އެވެ.
މި އަހަރުގެ ތެރޭގައި އަތޮޅުތަކާއި ހުޅުމާލޭގައި ބިނާކުރަމުންދާ ދާއިމީ ގިނަ މިސްކިތްތަކެއް ނިމި ހުޅުވިގެންދާނެ ކަމަށް ވެސް ވަޒީރު ވިދާޅުވި އެވެ. ޑރ. ޝަހީމް ވިދާޅުވީ މި ނޫނަސް ގިނަ ކުރިއެރުންތަކެއް މި އަހަރު އިސްލާމީ ދާއިރާއަށް އަންނާނެ ކަމަށެވެ.
“އަޅުގަނޑުމެންގެ ޢަޒުމަކީ ރާއްޖޭގެ އިސްލާމީ ޝަޚްޞިއްޔަތު ދަމަހައްޓާނެ ހަރުދަނާ ޖީލަކާއި ވަރުގަދަ އިސްލާމީ ޢުމްރާނީ ކުރިއެރުން ގެނައުން. މާތް ﷲ ތައުފީޤު ދެއްވާށި. އާމީން،” ވަޒީރުގެ މެސެޖު ނިންމަވާލައްވަމުން ވިދާޅުވެފައިވެ އެވެ.

