ނަމާދު ވަގުތަށް ކުޅިވަރު ކުޅޭ ހުރިހާ މައިދާންތަކެއްގައި ވެސް 20 މިނެޓުގެ ވަގުތަކަށް ހަރަކާތްތައް ހުއްޓާލުމަށް މިނިސްޓްރީ އޮފް ސްޕޯޓްސް، ފިޓްނަސް އެންޑް ރެކްރިއޭޝަނުން ރަސްމީކޮށް އަންގައިފިއެވެ.
ސްޕޯޓްސް މިނިސްޓްރީން ކުޅިވަރު އެސޯސިއޭޝަންތަކަށް މިއަދު ފޮނުވި ސާކިއުލާއެއްގައި ބުނެފައިވަނީ، ނަމާދަށް ގޮވާ ވަގުތުން ފެށިގެން 20 މިނެޓުގެ ވަގުތަކަށް ހުރިހާ ކުޅިވަރު ހަރަކާތްތަކެއް މެދުކަނޑާލަން ޖެހޭނެ ކަމަށެވެ. މިއީ ރާއްޖޭގެ ކުޅިވަރު އެސޯސިއޭޝަންތަކާއި، ކްލަބްތަކާއި، އެކަޑަމީތަކުގެ އިތުރުން އަމިއްލަ ފަރާތްތަކުން ހިންގާ ހަރަކާތްތަކަށް ވެސް އަމަލުކުރުން ލާޒިމު ސިޔާސަތެއް ކަމަށް މިނިސްޓްރީން ވަނީ ކަނޑައަޅާފައެވެ.
މިނިސްޓްރީގެ ސާކިއުލާގައި ބުނެފައިވަނީ، “އެހެންކަމުން ތިޔަ އެސޯސިއޭޝަންގެ ބެލުމުގެ ދަށުން ކުރިއަށް ގެންދާ އެންމެހާ ހަރަކާތްތައް އިސްވެ ދެންނެވުނު ފަދައިން ނަމާދުވަގުތަށް މެދުކަނޑާލައި މިކަން ތަންފީޒުކުރަމުން ގެންގޮސްދެއްވުމަށް ދަންނަވަމެވެ” މިފަދައިންނެވެ.
މި ނިންމުމަކީ މި މަހުގެ އެއްވަނަ ދުވަހު ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ނޫސްވެރިންގެ ބައްދަލުވުމެއްގައި އިޢުލާނު ކުރެއްވި ސިޔާސަތެކެވެ. ރައީސް ވިދާޅުވެފައިވަނީ ބަންގި ގޮވާ ގަޑިން ފެށިގެން ކަނޑައެޅޭ ވަކި ވަގުތުކޮޅެއް ވަންދެން ހުރިހާ ކުޅިވަރެއް މެދުކަނޑާލަން ޖެހޭގޮތަށް ހައްދަވާނެ ކަމަށެވެ.
މީގެ އިތުރުން، ކުޅިވަރު ކުޅޭ މައިދާންތަކުގައި ނަމާދު ކުރެވޭނެ މަގު ފަހިކޮށްދިނުމަށްޓަކައި، މިހާރު ސަރުކާރުން އަޅާ ސްޕޯޓްސް ކޮމްޕްލެކްސްތައް ހިމެނޭހެން ކުޅިވަރު ކުޅޭ އިމާރާތްތަކާއި މައިދާންތަކުގައި ނަމާދު ކުރެވޭނެ އިންތިޒާމް ހަމަޖައްސަވާނެ ކަމަށް ވެސް ރައީސް ވަނީ ވިދާޅުވެފައެވެ.
ސަރުކާރުގެ މި ނިންމުމާއެކު، ރާއްޖޭގެ ހުރިހާ ކުޅިވަރު މައިދާންތަކެއްގައި ނަމާދު ވަގުތަށް އިސްކަންދީ، އެ ވަގުތުތަކުގައި ކުޅިވަރުގެ ހަރަކާތްތައް މެދުކަނޑާލުމުގެ އުސޫލަށް މިއަދުން ފެށިގެން އަމަލުކުރަން ފަށާނެއެވެ.

