“ބޯހިޔާވަހިކަން އެންމެންނަށް” ސިޔާސަތުގެ ދަށުން ގްރޭޓަރ މާލެ ސަރަޙައްދުން ގޯއްޗާއި ފްލެޓަށް އެދި އެޕްލިކޭޝަން ހުށަހެޅުމަށް ގާއިމްކޮށްފައިވާ “ބޯހިޔާވަހިކަން” ޕޯޓަލްއަށް ޓެކްނިކަލް މައްސަލައެއް ދިމާވެ، އެޕްލިކޭޝަން ހުށަހެޅުމުގެ ޚިދުމަތް ވަގުތީގޮތުން މެދުކެނޑިއްޖެ އެވެ.
މި މައްސަލަ ދިމާވެފައިވަނީ ގޯއްޗާއި ފްލެޓަށް އެދި ފޯމު ހުށަހެޅުމުގެ ސުންގަޑި ހަމަވާން ކުޑަވަގުތުކޮޅަކަށް ވެފައިވަނިކޮށެވެ. މި ފުރުސަތު ހަމަވާނީ މިރޭގެ 11:59 ގެ ނިޔަލަށެވެ. ނަމަވެސް މީގެ ކުޑައިރުކޮޅެއްގެ ކުރީން ފެށިގެން ޕޯޓަލް ވަނީ ޑައުންވެފަ އެވެ.
ހައުސިން މިނިސްޓްރީން ބުނީ ޕޯޓަލްއަށް ދިމާވި ޓެކްނިކަލް މައްސަލައަކާ ގުޅިގެން ޚިދުމަތް މެދުކެނޑިފައިވާ ކަމަށާއި، މި މައްސަލަ ޙައްލުކުރުމަށް މިނިސްޓްރީގެ ޓެކްނިކަލް ޓީމުން މިހާރު ދަނީ މަސައްކަތް ކުރަމުން ކަމަށެވެ. އަދި މައްސަލަ ޙައްލުވިހާ އަވަހަކަށް އެކަން ޢާންމުކޮށް އަންގާނެ ކަމަށްވެސް އެ މިނިސްޓްރީން މަޢުލޫމާތު ދެއެވެ.
މިކަމާ ގުޅިގެން މިނިސްޓްރީން ކުރި ޕޯސްޓެއްގައި ބުނެފައިވަނީ، “މި ކަމުގައި ރައްޔިތުންނަށް ދިމާވެދާނެ ދަތިތަކަށް ނިހާޔަތަށް މަޢާފަށް އެދެމެވެ،” މިހެންނެވެ.
ގިނަ އަދަދެއްގެ ބަޔަކު ފަހު ވަގުތު ފޯމު ހުށަހަޅަމުންދާތީ ޕޯޓަލްއަށް ބާރުބޮޑުވެފައިވާ މި ދަނޑިވަޅުގައި، މައްސަލަ ހައްލުވުމުން އަލުން ފޯމު ހުށަހެޅުމުގެ ފުރުސަތު ލިބިގެންދާނެ އެވެ.

