މުޖުތަމައުގައި ހިމެނޭ އެންމެ ނާޒުކު ބަޔަކީ ކުޑަކުދިން ކަމަށްވާއިރު، އެކުދިންގެ ރައްކާތެރިކަމާއި ސިއްހީ ދުޅަހެޔޮކަން ކަށަވަރުކުރުމަކީ ބެލެނިވެރިންނާއި، އުނގަންނައިދޭ މުދައްރިސުންނާއި، މުޅި މުޖުތަމައުގެ އިތުރުން ދައުލަތުގެ މައްޗަށް އޮތް ބޮޑު މަސްއޫލިއްޔަތެކެވެ. ޖިންސީ ގޯނާގެ ނުރައްކާތަކުން ކުދިން ދުރުކުރުމަށްޓަކައި ކުރެވޭނެ އެންމެ މުހިންމު ކަމަކީ، ނުރައްކާތެރި ހާލަތްތައް ދެނެގަންނާނެ ގޮތާއި، އަމިއްލަ ނަފްސު ދިފާއުކުރާނެ ގޮތުގެ އިތުރުން، ކަމެއް ދިމާވެއްޖެ ހާލަތެއްގައި އެކަން ރިޕޯޓްކުރާނެ ގޮތް އެކުދިންނަށް ދަސްކޮށްދިނުމެވެ.
ކުޑަކުދިންނަށް ޖިންސީ ގޯނާގެ ނުރައްކަލުން ސަލާމަތްވުމަށް ބޭނުންވާ މައުލޫމާތު މެދުކެނޑުމެއްނެތި ފޯރުކޮށްދިނުމަކީ ކޮންމެހެން ކުރަންޖެހޭ ކަމެކެވެ. މިފަދަ ކަންކަމަށް ހޭލުންތެރިކުރުވުން ކުއްޖާގެ ތުއްތު އުމުރުން ފެށިގެން ފަށަންޖެހެއެވެ. ކުއްޖާގެ ފަރާތުން ސުވާލެއް އައުމުގެ ކުރިން، އިތުބާރު ހުރި ގޮތެއްގައި މި މައުލޫމާތުތައް ފޯރުކޮށްދިނުމަކީ ބެލެނިވެރިންގެ ޒިންމާއެކެވެ.
ކޮންމެ ޖިންސެއްގެ ނުވަތަ ކޮންމެ އުމުރެއްގެ ކުއްޖަކަށް ވެސް ޖިންސީ ގޯނާގެ ނުރައްކާ ކުރިމަތިވެދާނެއެވެ. ހަގީގަތަކީ، ގިނަ ފަހަރަށް މިފަދަ އަމަލުތައް ހިންގަނީ އެކުދިން ދަންނަ އަދި އިތުބާރުކުރާ މީހުން ކަމެވެ. އެހެންކަމުން، ރަނގަޅު އަތްލުމާއި ނުރަނގަޅު އަތްލުމުގެ ތަފާތު ކުދިންނަށް ބުނެދިނުމަކީ އަދަބުވެރިކަމާ ހިލާފު ކަމެއް ނޫނެވެ. އޭގެ ބަދަލުގައި، މިއީ އަމިއްލަ ނަފްސު ރައްކާތެރިކުރުމަށް އެކުދިންނަށް ލިބޭ ބާރެކެވެ.
ކުދިންނަށް އުނގަންނައިދޭންޖެހޭ އެންމެ އަސާސީ އެއް މައުލޫމާތަކީ، އެކުދިންގެ ހަށިގަނޑަކީ އެކުދިންގެ އަމިއްލަ މިލްކެއް ކަމާއި، ނުރުހޭ ކޮންމެ އަތްލުމަކަށް "ނޫނެކޭ" ބުނުމުގެ ފުރިހަމަ ހައްގު އޮތް ކަމެވެ. ސިއްހީ ބޭނުމަކަށް ނުވަތަ ސާފުތާހިރުވުމަށް މެނުވީ، އެކުދިންގެ ނިވާކުރަންޖެހޭ ގުނަވަންތަކުގައި އެއްވެސް މީހަކަށް އަތްނުލެވޭނެކަން އެކުދިންނަށް ސާފުކޮށް އެނގެންޖެހެއެވެ.
ކުޑަކުދިންނަށް ކުރިމަތިވާ ޖިންސީ ގޯނާއަކީ މުޖުތަމައުގައި އޮތް ބޮޑު ބިރަކަށް ވާތީ، ކޮންމެ މީހަކުވެސް މިކަމަށް ވަރަށް ބޮޑަށް ސަމާލުވާން ޖެހެއެވެ. އެހެންކަމުން، ދަރިން މި ނޭއްގާނީ އަމަލުތަކުން ރައްކާތެރިކުރުމަށްޓަކައި، އުފަންވީއްސުރެ ކުއްޖާގެ އުމުރާ ގުޅޭގޮތަށް މި ވާހަކަތައް ކިޔައިދިނުމަކީ ނުހަނު މުހިންމު ކަމެކެވެ.

ނޫނެކޭ ބުނުމުގެ މާނައަކީ ނޫނެކޭ، އޭގެ އެހެން މާނައެއް ނޯންނާނެ—-ފޮޓޯ: އެލްއާރް، ތައްޔާރުކުރީ؛ ޝައްފަ
މިކަމުގައި މުވާސަލާތު ކުރުމަކީ ވަރަށް މުހިންމު ދައުރެއް އަދާކުރާ ކަމެކެވެ. ބެލެނިވެރިންނާއި އަޅާލާ ފަރާތްތަކުން ކުދިންނާ ގާތް ގުޅުމެއް ބާއްވައި، ބިރުވެރިކަމެއް ނެތި ކަންކަން ހިއްސާކުރެވޭނެ މާހައުލެއް ގާއިމުކޮށްދޭންޖެހެއެވެ. އެއްވެސް މީހަކު ނުރަނގަޅު ގޮތަކަށް އަތްލައިފިނަމަ ނުވަތަ ސިއްރުކުރަން ބުނެފިނަމަ، ވަގުތުން އިތުބާރު ހުރި ބޮޑު މީހަކަށް އެކަން ކިޔައިދޭންވާނެ ކަމަށް ކުދިންނަށް ބުނެދޭންޖެހެއެވެ. އަދި އެފަދަ ކަމެއް ދިމާވުމަކީ އެކުދިންގެ ކުށެއް ނޫންކަމުގެ ޔަގީންކަން ދޭންޖެހެއެވެ.
އުމުރުން 7،8،9 އަހަރުވަންދެން، ނުވަތަ ބޮޑުވަމުން އަންނަ މަރުހަލާއާ ހަމައަށް ކުއްޖާ ބެލެނިވެރިންގެ ބެލުމުގެ ދަށުގައި އުޅޭއިރު، ހަށިގަނޑުގެ އައުރަ ނުވަތަ ނާޒުކު ގުނަވަންތަކުގައި އެހެން މީހުންނަށް އަތްނުލެވޭނެކަން ސާފުކޮށް ބުނެދޭންޖެހެއެވެ. މިއީ އަންހެން ކުދިންނާއި ފިރިހެން ކުދިންނަށްވެސް އެއްވަރަކަށް އޮޅުންފިލުވައިދޭންޖެހޭ ކަމެކެވެ.
މިފަދަ މައުލޫމާތުތަކަކީ ކުއްޖާ ބޮޑުވުމުން ދޭންޖެހޭ މައުލޫމާތުތަކެއް ކަމަށް ބައެއް ފަރާތްތަކަށް ހީވި ނަމަވެސް، އެއީ ވަރަށް ބޮޑު ކުށްހީއެކެވެ. މި ވިސްނުން ދޫކޮށްލައި، ކުއްޖާގެ ތުއްތު އުމުރުން ފެށިގެން މިފަދަ ކަންކަމަށް ތައްޔާރުކުރުމަކީ ކޮންމެހެން ބޭނުންތެރި ކަމެކެވެ. ތުއްތު އުމުރުގައި މިފަދަ ތައުލީމު ދޭއިރު، ކުއްޖާގެ ހަށިގަނޑަކީ އެ ކުއްޖާގެ އަމިއްލަ މިލްކެއްކަމާއި، އެއީ ވަރަށް އަގުހުރި އެއްޗެއްކަން ވިސްނައިދޭންޖެހެއެވެ.
ކުއްޖާ ބަލާބޮޑުކުރުމުގައި ބައިވެރިވާ އެހެން ފަރާތްތަކަށްވެސް މިކަންކަން ސާފުކޮށްދޭންޖެހެއެވެ. ކޮންމެ ކޮންމެ މީހަކު ލައްވައި ކުއްޖާގެ ނެޕީ ބަދަލުކުރުވުމާއި ފެންވެރުވުން ފަދަ ޒާތީ ކަންކަން ކުރުވުމުން ދުރުހެލިވާންޖެހެއެވެ. އަދި ކުއްޖާ ބޮޑުވަމުން އަންނަ މިންވަރަކަށް، އަމިއްލައަށް ހެދުން ބަދަލުކުރުން ފަދަ ކަންކަމަށް ފުރުސަތު ދީ، އަމިއްލަ މިނިވަންކަން ދަސްކޮށްދޭންޖެހެއެވެ.
މީގެ އިތުރުން، ހަށިގަނޑުގެ ގުނަވަންތަކަށް ކިޔާ ރަނގަޅު ނަންތައް ކުއްޖާއަށް އޮޅުންފިލުވައިދީ، އެ ގުނަވަންތަކުގައި އެހެން މީހުންނަށް އަތްނުލެވޭނެކަން ކަށަވަރުކޮށްދިނުން މުހިންމެވެ. މިއީ ގޭތެރެއިން ނުވަތަ ގާތް މީހެއްގެ ފަރާތުން ކުރިމަތިވެދާނެ ނުރައްކަލަކަށް ކުއްޖާ ތައްޔާރުކުރުމެވެ. އާއިލާގެ މީހަކު ނަމަވެސް ނުރަނގަޅު އަމަލެއް ހިންގަން އުޅޭނަމަ، އެކަމާ ދެކޮޅަށް "ނޫނެކޭ" ބުނުމުގެ ހިތްވަރު ކުއްޖާގެ ކިބައިގައި އުފައްދަންޖެހެއެވެ. ކުއްޖާގެ އަމިއްލަ ނަފްސަށް އޮންނަ އިތުބާރަކީ އެކުދިންގެ ރައްކާތެރިކަން ކަށަވަރުކުރުމަށް އެޅޭ އެންމެ ވަރުގަދަ ބިންގަލެވެ.
މިޒަމާނުގެ ޓެކްނޮލޮޖީގެ މާހައުލުގައި އިންޓަނެޓުގެ ރައްކާތެރިކަމަށް ސަމާލުވުމަކީ ކޮންމެހެން ބޭނުންތެރި ކަމެކެވެ. ނުދަންނަ މީހުންނާ މުއާމަލާތް ކުރުމާއި، އަމިއްލަ މައުލޫމާތާއި ފޮޓޯ ފަދަ ތަކެތި އޮންލައިންކޮށް ހިއްސާކުރުމުން ކުރިމަތިވެދާނެ ނުރައްކާތަކަށް ކުދިން ހޭލުންތެރިކުރުވަން ޖެހެއެވެ. ހަމައެއާއެކު، ތައުލީމީ މުއައްސަސާތަކުން ވެސް ކުދިންގެ އުމުރާ އެކަށޭނަ ރައްކާތެރިކަމުގެ ހަރަކާތްތައް ހިންގައި، މި މުހިންމު މެސެޖުތައް ކުދިންނަށް ފޯރުކޮށްދޭންޖެހެއެވެ.
ޖިންސީ ގޯނާގެ އަމަލުތައް ހުއްޓުވުމަކީ މުޅި މުޖުތަމައު ގުޅިގެން ކުރަންޖެހޭ މަސައްކަތެކެވެ. އާއިލާތަކާއި، މަދަރުސާތަކާއި، ދީނީ އިދާރާތަކުގެ އިތުރުން ދައުލަތުގެ ހުރިހާ ގުނަވަންތަކެއް އެކުގައި މަސައްކަތް ކޮށްގެން މެނުވީ ކުޑަކުދިންނަށް އަމާން މާހައުލެއް ކަށަވަރެއް ނުކުރެވޭނެއެވެ. ކޮންމެ ކުއްޖަކީވެސް ބިރުވެރިކަމެއް ނެތް، އުފާވެރި ދިރިއުޅުމެއް އުޅުމުގެ ހައްގު ލިބިގެންވާ ކުއްޖެކެވެ. އެހެންކަމުން، އަމިއްލަ ނަފްސު ރައްކާތެރިކުރާނެ ގޮތް އެކުދިންނަށް އުނގަންނައިދިނުމަކީ އަޅުގަނޑުމެންގެ މައްޗަށް އޮތް ދޫކޮށްލެވެން ނެތް ބޮޑު މަސްއޫލިއްޔަތެކެވެ.

