2028 ވަނަ އަހަރުގެ ރިޔާސީ އިންތިހާބަށް އަމާޒުކޮށް ޕީއެންސީގެ ޓީމުތައް ރުކުރުވާލުމުގެ މަސައްކަތް ބާރު ސްޕީޑުގައި ކުރިއަށްދާ ކަމަށް އެ ޕާޓީގެ ޗެއާމަން އަދި ރައްޔިތުންގެ މަޖިލީހުގެ ރައީސް އަބްދުއްރަހީމް އަބްދުﷲ ވިދާޅުވެއްޖެއެވެ.
ޕީއެންސީން އިއްޔެ ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި އަބްދުއްރަހީމް ވިދާޅުވީ، މަޖިލިސް މެމްބަރުންނާއި ޕާޓީގެ ލީޑާޝިޕްގެ އިސް ބޭފުޅުން ހިމެނިވަޑައިގަންނަވާ ވަފުދުތައް މި މަހުގެ 24 އިން ފެށިގެން އަތޮޅުތަކަށް ދަތުރުތައް ފަށާނެ ކަމަށެވެ. މި ދަތުރުތަކުގެ ބޭނުމަކީ ޕާޓީގެ މެމްބަރުންނާ ބައްދަލުކޮށް، އެ ބޭފުޅުންގެ ކަންބޮޑުވުންތައް އޮޅުންފިލުވައި، ކުރިއަށް އޮތް ކޮންގްރެސްއަށް ތައްޔާރުވުމަށް ހިތްވަރު ދިނުން ކަމަށް އޭނާ ވިދާޅުވިއެވެ.
“އެއީ އަޅުގަނޑުމެންގެ ޕާޓީގެ މެމްބަރުންނާ ބައްދަލުކޮށް އެ މެމްބަރުންގެ ކަންބޮޑުވުންތައް އޮޅުންފިލުވައި، އަދި ކޮންގްރެސް އަށް ތައްޔާރުވުމަށް ހިތްވަރުދީ، ހަމައެއާއެކުގައި 2028 އަށް ޓީމުތައް ރުކުރުވާލުމުގެ މަސައްކަތް ބަރު ސްޕީޑުގައި ކުރިއަށްދާނެ،” އަބްދުއްރަހީމް ވިދާޅުވިއެވެ.
ޕީއެންސީގެ ދާއިރާތަކުގެ އިންތިހާބު އަންނަ މަހުގެ 11 ގައި ބޭއްވުމަށް ނިންމާފައިވާއިރު، ޕާޓީގެ މަތީ މަޖިލިސް (ކޮންގްރެސް) ބޭއްވުމަށް ހަމަޖެހިފައިވަނީ ސެޕްޓެމްބަރު މަހުގެ 15 އިން 18 އަށެވެ. އަބްދުއްރަހީމް ވިދާޅުވި ގޮތުގައި މަތީ މަޖިލީހުގައި މައިގަނޑު ގޮތެއްގައި އޮންނާނީ ލީޑަޝިޕްގެ މަގާމުތަކަށް ބޭފުޅުން އިންތިހާބު ކުރުމާއި، ޕާޓީގެ ތަސައްވުރު ހުށަހެޅުމުގެ އިތުރުން އަސާސީ ގަވައިދަށް ގެންނަން ޖެހޭ ބަދަލުތައް ގެނައުމެވެ.
ރިޔާސީ ކެންޑިޑޭޓަކާ ގުޅޭގޮތުން ވާހަކަދައްކަވަމުން އަބްދުއްރަހީމް ފާހަގަކުރެއްވީ، ޕާޓީގެ އަސާސީ ގަވައިދު އޮންނަ ގޮތުން ޕާޓީގެ ޓިކެޓުގައި ރައީސުލްޖުމްހޫރިއްޔާ ކަމަށް އިންތިހާބުވާ ބޭފުޅަކު ދެވަނަ ދައުރަކަށް ކުރިމަތިލައްވާ ނަމަ، އިތުރު ޕްރައިމަރީއަކަށް ވަޑައިގަންނަވަން ނުޖެހޭނެ ކަމަށެވެ. “އެ ބޭފުޅަކަށް ޓިކެޓު ލިބޭ ގޮތަށް އަޅުގަނޑުމެންގެ އަސާސީ ގަވައިދު އޮންނަނީ،” އޭނާ ވިދާޅުވިއެވެ.
އަބްދުއްރަހީމް އިތުރަށް ވިދާޅުވީ ޕީއެންސީގެ މަތީ މަޖިލީހަށް ފަހު ދެން އޮންނާނީ ރައީސް ޑރ. މުއިއްޒަށް ދެވަނަ ދައުރެއް ހޯދައިދިނުމަށް ކުރަންޖެހޭ މަސައްކަތްތައް ކަމަށެވެ. އަދި އިންތިހާބުގެ ކުރިން ކޮންގްރެސް ބޭއްވުމުން ޕާޓީއަށް އިތުރު ދިރުމެއް ލިބި، މަސައްކަތްތަކަށް ހަލުވިކަމެއް އަންނާނެ ކަމަށްވެސް އޭނާ ވިދާޅުވިއެވެ.

