މާލޭގައި ގަވާއިދާ ހިލާފަށް އުޅެމުންދާ ބިދޭސީން ދެނެގަތުމަށާއި، އެފަރާތްތަކުން ހިންގާ ވިޔަފާރިތައް ހުއްޓުވުމަށް ސަރުކާރުން ކުރިއަށްގެންދާ ހާއްސަ މަސައްކަތްތަކުގެ ތެރެއިން އިތުރު 16 ބިދޭސީއަކު ބަލައިފާސްކޮށްފިއެވެ.
މޯލްޑިވްސް އިމިގްރޭޝަނުން ހާމަކުރި ގޮތުގައި، މި އޮޕަރޭޝަނަކީ އިމިގްރޭޝަން ޓާސްކްފޯސްއިން އިސްނަގައިގެން މިދިޔަ އާދިއްތަ ދުވަހު މާލޭގައި ކުރިއަށް ގެންދިޔަ ހަރަކާތެކެވެ. މި އޮޕަރޭޝަންގައި މައިގަނޑު ގޮތެއްގައި އަމާޒުކޮށްފައިވަނީ ގަވާއިދާ ހިލާފަށް ބިދޭސީން ހިންގަމުންދާ ކަމަށް ފާހަގަކުރެވޭ ވިޔަފާރިތަކަށެވެ.
އިމިގްރޭޝަނުން ވިދާޅުވީ، ބަލައިފާސްކުރި 16 މީހުންގެ ތެރެއިން 5 ބިދޭސީއަކު ރާއްޖޭގައި އުޅެމުންދަނީ އިމިގްރޭޝަންގެ ގާނޫނާއި ގަވާއިދުތަކާ ހިލާފަށްކަން ކަށަވަރުވުމާ ގުޅިގެން، އެމީހުން މިހާރު ވަނީ އިދާރާގެ ބެލުމުގެ ދަށަށް ގެނެސްފައެވެ.
މިދިޔަ އަހަރުން ފެށިގެން އިމިގްރޭޝަނުން އަންނަނީ މާލޭގެ އެކި ސަރަހައްދުތަކުގައި ގަވާއިދާ ހިލާފަށް އުޅޭ ބިދޭސީން ހޯދުމަށް ސިލްސިލާ ރެއިޑް އޮޕަރޭޝަންތަކެއް ހިންގަމުންނެވެ. މި އޮޕަރޭޝަންތަކުގައި މިހާތަނަށް ގިނަ އަދަދެއްގެ ބިދޭސީން ވަނީ އިމިގްރޭޝަންގެ ބެލުމުގެ ދަށަށް ގެނެސްފައެވެ.
މިގޮތަށް އަތުލައިގަނެވޭ ބިދޭސީން ޑިޕޯޓޭޝަން ސެންޓަރުގައި ބޭތިއްބުމަށްފަހު، އެމީހުން އަނބުރާ ގައުމަށް ފޮނުވާލުމުގެ އިދާރީ މަސައްކަތްތައް ވެސް ހަލުވިކަމާއެކު ކުރިއަށްދާ ކަމަށް އެ އިދާރާއިން މައުލޫމާތުދެއެވެ.

