މި އަހަރުގެ މިހާތަނަށް ރާއްޖެއަށް ޒިޔާރަތްކުރި ފަތުރުވެރިންގެ ޖުމްލަ އަދަދު 999,344 އަށް އަރައި، އެއް މިލިއަން ފަތުރުވެރިންގެ މައިލްސްޓޯނާ ގާތްވެފައިވާ ކަމަށް ފަތުރުވެރިކަމާ ބެހޭ ވުޒާރާގެ ތަފާސްހިސާބުތަކުން ދައްކައިފިއެވެ.
ފަތުރުވެރިކަމާ ބެހޭ ވުޒާރާއިން އާންމުކުރި އެންމެ ފަހުގެ މައުލޫމާތުތަކަށް ބަލާއިރު، މި މަހުގެ 14 ވަނަ ދުވަހުގެ ނިޔަލަށް ރާއްޖެއަށް ވަނީ ގާތްގަނޑަކަށް އެއް މިލިއަން ފަތުރުވެރިން އައިސްފައެވެ. ނަމަވެސް، މިއީ މިދިޔަ އަހަރުގެ މި މުއްދަތާ އަޅާބަލާއިރު 4.9 އިންސައްތައިގެ ދަށްވުމެކެވެ. މިދިޔަ އަހަރުގެ މި މުއްދަތުގައި ރާއްޖެއަށް 1,050,632 ފަތުރުވެރިން ޒިޔާރަތްކޮށްފައިވެއެވެ. ތަފާސްހިސާބުތައް ދައްކާގޮތުން މިހާރު ދުވާލެއްގެ މައްޗަށް އެވްރެޖްކޮށް 6,057 ފަތުރުވެރިން ރާއްޖެއަށް އާދެއެވެ.
ރާއްޖެއަށް މިހާރު އެންމެ ގިނައިން ފަތުރުވެރިން އަންނަ ގައުމުތަކުގެ ލިސްޓުގެ އެއްވަނައިގައި އޮތީ ޗައިނާއެވެ. އެ ގައުމުން މިހާތަނަށް 154,823 ފަތުރުވެރިން ޒިޔާރަތްކޮށްފައިވާއިރު، ދެވަނައިގައި އޮތް ރަޝިއާއިން 137,267 ފަތުރުވެރިން ވަނީ އައިސްފައެވެ. ތިންވަނައިގައި އޮތް އިނގިރޭސިވިލާތުން 83,143 ފަތުރުވެރިން ރާއްޖެއަށް ޒިޔާރަތްކޮށްފައިވާ ކަމަށް ވުޒާރާގެ ހިސާބުތަކުން ދައްކައެވެ.
މި އަހަރުގެ މިހާތަނަށް ވިޔަފާރި ބޭނުންތަކަށް 8,029 ފަތުރުވެރިން އައިސްފައިވާއިރު، ކްރޫޒް ލައިނާ ތަކުގައި 14,847 ފަސެންޖަރުން ވަނީ ރާއްޖެއަށް ޒިޔާރަތްކޮށްފައެވެ. އަދި މި ހިނގާ މަހުގެ މިހާތަނަށް އެކަނިވެސް 55,353 ފަތުރުވެރިން ވަނީ ރާއްޖެއަށް އައިސްފައެވެ.
ރާއްޖެއަށް ފަތުރުވެރިން އެތެރެވާ މައި ދޮރާއްޓަކީ ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓެވެ. އެ އެއާޕޯޓުން މިހާތަނަށް 972,238 ފަތުރުވެރިން އެތެރެވެފައިވެއެވެ. މީގެ އިތުރުން ގަން އިންޓަނޭޝަނަލް އެއާޕޯޓުން 3,969 ފަތުރުވެރިން އަދި މާފަރު އިންޓަނޭޝަނަލް އެއާޕޯޓުން 3,451 ފަތުރުވެރިން ވަނީ ރާއްޖެއަށް އެތެރެވެފައެވެ.
ރާއްޖޭގެ ފަތުރުވެރިކަމުގެ ސިނާއަތުގައި މިހާރު އޮޕަރޭޓް ކުރަމުންދާ ވަސީލަތްތަކަށް ބަލާއިރު، 179 ރިސޯޓާއި، 919 ގެސްޓްހައުސްގެ އިތުރުން 172 ސަފާރީ އާއި 16 ހޮޓެލް ދަނީ ހިދުމަތް ދެމުންނެވެ.

