އެމެރިކާ އާއި އީރާނާ ދެމެދު ހިނގަމުންދިޔަ ހަނގުރާމަ ނިމުމަކަށް ގެނައުމަށްޓަކައި ދެ ޤައުމުން އެއްބަސްވުމަކަށް އައިސްފައިވާތީ، އެ ނިންމުމަށް ދިވެހި ސަރުކާރުން މަރުހަބާ ކިޔައިފިއެވެ. މި އެއްބަސްވުމަކީ ސަރަޙައްދީ ހަމަޖެހުމަށް އެޅުނު މުހިންމު ފިޔަވަޅެއްގެ ގޮތުގައި ސަރުކާރުން ފާހަގަކުރެއެވެ.
ޚާރިޖީ ވުޒާރާއިން ނެރުއްވި ބަޔާނެއްގައި ބުނީ، މި އެއްބަސްވުމާއެކު ހޮރްމޫޒް ކަނޑުއޮޅި އަލުން ހުޅުވައިލުމަށް ނިންމުމަކީ ރާއްޖެއިން ވަރަށް ބޮޑަށް އުފާކުރާ ކަމެއް ކަމަށެވެ. އަދި މި ނިންމުމުގެ ސަބަބުން ދެ ޤައުމުގެ ނުތަނަވަސްކަން ކުޑަވެ، މުޅި ސަރަޙައްދަށް ސުލްހައާއި ހަމަޖެހުން ލިބޭނެ ކަމަށް ޤަބޫލުކުރާ ކަމަށްވެސް އެ ވުޒާރާއިން ވަނީ ބުނެފައެވެ.
ދިވެހި ސަރުކާރުން ވަނީ ޚިޔާލުތަފާތުވުންތައް ޙައްލުކުރުމަށް މަޝްވަރާއާއި ޑިޕްލޮމަސީގެ މަގު ޚިޔާރުކުރި ކަން ފާހަގަކޮށްފައެވެ. މި މަޝްވަރާތަކަށް މަގުފަހިކޮށްދިނުމުގައި ޕާކިސްތާނާއި، ޤަޠަރާއި، ގަލްފްގެ ޤައުމުތަކުން އަދާކުރި ހައްސާސް ދައުރު ފާހަގަކޮށް ދިވެހި ސަރުކާރުން ވަނީ އެ ޤައުމުތަކަށް ޝުކުރު އަދާކޮށްފައެވެ.
ޚާރިޖީ ވުޒާރާގެ ބަޔާނުގައި ބުނީ ބައިނަލްއަޤުވާމީ ޤާނޫނުތަކާ އެއްގޮތަށް ކުރިއަށްދާ މިފަދަ މަސައްކަތްތަކަށާއި، ދެމިގެންވާ ސުލްހައާއި އިޤްތިޞާދީ ކުރިއެރުމަށް ރާއްޖެއިން އަބަދުވެސް ވާގިވެރިވާނެ ކަމުގެ ޔަޤީންކަން ދޭ ކަމަށެވެ.
އެމެރިކާ އާއި އީރާނާ ދެމެދު ހެދި މި އެއްބަސްވުމުގައި ރަސްމީކޮށް ސޮއިކުރުން އޮންނާނީ އަންނަ ހުކުރު ދުވަހުއެވެ. މި އެއްބަސްވުމުގެ ދަށުން ލުބުނާނު ހިމެނޭހެން އެ ސަރަޙައްދުގެ ހުރިހާ ހިސާބެއްގައި ކުރިއަށްދާ އަސްކަރީ ހަރަކާތްތައް ވަގުތުންނާއި ދާއިމީކޮށް ހުއްޓައިލަން ޖެހެއެވެ.

