ލޭ ހަދިޔާކުރުމުގެ އަގުހުރި ޚިދުމަތުގެ ދަރުމަ ލިބިގަތުމަށް ފަރސްޓް ލޭޑީ ސާޖިދާ މުުހައްމަދު ހިތްވަރުދެއްވައިފިއެވެ.
އެކަމަނާ މިފަދަ މުހިއްމު ކަމަކަށް ހިތްވަރު ދެއްވާ ވާހަަކަ ދައްކަވާފައިވަނީ، ދުނިޔޭގެ ލޭ ހަދިޔާކުރާ ފަރާތްތަކުގެ ދުވަސް ފާހަގަކުރުމުގެ ގޮތުން އަންގާރަ ދުވަހުގެރޭ ބޭއްވި ހަފްލާ ޝަރަފުވެރިކޮށްދެއްވަމުންނެވެ.
މެޑަމް ސާޖިދާ ވިދާޅުވީ، މުދާވެރިކަމުގައި ދީލަތިވެވެނީ ފޯރުންތެރީންނަށް ކަމުގައި ވީ ނަމަވެސް، ލޭ ހަދިޔާކުރުމުގައި ދީލަތިވުމަކީ ހަމަ ކޮންމެ މީހަކަށްވެސް އޮތް ފުރުޞަތެއް ކަމަށާއި، ލޭ ހަދިޔާކުރެއްވެން އޮތް ކޮންމެ ބޭފުޅަކުވެސް ލޭ ހަދިޔާކުރައްވައި، އެ ފުރުޞަތުގެ ދަރުމަ ހޯއްދަވައި، އިންސާނިއްޔަތަށް އެ ޚިދުމަތް ދެއްވުމަށް އެދިވަޑައިގަންނަވާ އެކަމަށް އެކަމަނާ ހިތްވަރު ދެއްވާ ކަމަށެވެ.
މީގެ އިތުރުން ލޭ ހަދިޔާކުރައްވާ ފަރާތްތަކުގެ ދުވަހެއް ފާހަގަކުރުމުގެ މުހިއްމު ސަބަބުތައް ފާހަގަކުރައްވައި، އެކަމަނާ ވަނީ ލޭ ހަދިޔާކުރައްވާ ބޭފުޅުންނަކީ ގިނަ ގޮތްގޮތުން ޚާއްޞަ ޝަރަފުވެރި ބައެއްގެ ގޮތުގައި ސިފަކުރައްވާފައެވެ. އަދި ލޭ ހަދިޔާ ކުރައްވާ ބޭފުޅުންގެ ޝަރަފުގައި ޚާއްޞަ ދުވަހެއް ފާހަގަކުރެވޭ އެންމެ ޚާއްޞަ އެއް ސަބަބަކީ އެ މަތިވެރި އިންސާނީ ޞަދަޤާތަށް ހިތްވަރުދީ، އަނެކާގެ ފުރާނަ ސަލާމަތްކުރުމަށްޓަކައި ޖާނުން ހޭދަވުމުގެ އިންސާނީ މަތިވެރި އަޚްލާޤު އާލާކޮށް، އިންސާނީ މުޖުތަމަޢުގައި ކުލުނާއި އިޙްތިރާމު އާލާކުރުންކަމުގައި ފާހަގަކުރައްވާ، މި އަގުހުރި ޚިދުމަތުގައި ދެމިތިއްބެވި ފަރާތްތަކަށް މެޑަމް ސާޖިދާ ޝުކުރުއަދާކުރެއްވިއެވެ.

