މަސްވެރިކަމާއި ދަނޑުވެރިކަމުގެ ދާއިރާއިން ގުޅުން ބަދަހިކުރުމަށް ޖަޕާނާއެކު ދިވެހި ސަރުކާރުން މަޝްވަރާކުރައްވައިފިއެވެ.
މި ދާއިރާތަކުން ގުޅުން ބަދަހިކުރުމާއި ގުޅޭގޮތުން ފުޅާ ދާއިރާއެއްގައި މުހިންމު މަޝްވަރާތަކެއް ކުރައްވާފައިވަނީ، ދިވެހިރާއްޖެއިން ޖަޕާނަށް ކަނޑައަޅުއްވާފައި ހުންނަވާ ސަފީރު އަހުމަދު މަހްލޫފް، ޖަޕާނުގެ އެގްރިކަލްޗަރ ފޮރެސްޓްރީ އެންޑް ފިޝަރީޒް މިނިސްޓަރު ނޮރިކަޒޫ ސުޒުކީއާއެކު ބޭއްވެވި ބައްދަލުކުރެއްވުމެއްގައެވެ.
ސަފީރު މަހްލޫފުގެ މީސްމީޑިޔާ ޕްލްޓުފޯމުގައި އެކަމުގެ މައުލޫމާތު ހިއްސާކުރައްވާ އެމަނިކުފާނު ވިދާޅުވެފައިވަނީ، ޖަޕާނަކީ ރާއްޖޭގެ މަސްވެރިކަމުގެ ދާއިރާގެ ތަރައްގީގައި ޒަމާންވީ ގާތް ބައިވެރިއެއް ކަމަށެވެ. އެގޮތުން، ޓެކްނިކަލް ދާއިރާއިންނާއި ކެޕޭސިޓީ އިތުރުކުރުމާއި މަސްވެރިކަމުގެ ދާއިރާ އިތުރަށް ތަރައްގީކުރުމަށް އެ ޤައުމުން އެހީތެރިކަން ފޯރުކޮށްދޭކަން ފާހަގަކުރެއްވިއެވެ.
މީގެ އިތުރުން، ރާއްޖެއާއި ޖަޕާނާ ދެމެދުހާރިޖީ ގުޅުން ޤާއިމުކުރުމުގެ ކުރިންވެސް އެ ގައުމުގެ މަސްވެރިކަމުގެ ދާއިރާގެ ތަޖުރިބާކާރުން ރާއްޖެއަށް ޒިޔާރަތްކޮށް އެހީތެރިކަން ފޯރުކޮށްދީފައިވާކަމަށް ސަފީރު ވިދާޅުވެފައިވެއެވެ.
އެއާއެކު، ރާއްޖެއާއި ޖަޕާނާ ދެމެދު ޚާރިޖީ ގުޅުން ގާއިމުކުރުމުގެ ކުރިންވެސް އެ ޤައުމުގެ މަސްވެރިކަމުގެ ދާއިރާގެ ތަޖުރިބާކާރުން ރާއްޖެއަށް ޒިޔާރަތްކޮށް އެހީތެރިކަން ފޯރުކޮށްދީފައިވާކަން ސަފީރު ފާހަގަކުރެއްވިއެވެ.
ސަފީރު ވިދާޅުވީ ޖަޕާނުގެ އެގްރިކަލްޗަރ މިނިސްޓަރުގެ އަރިހަށް ކުރެއްވި އިހްތިރާމުގެ ޒިޔާރަތުގައި މަސްވެރިކަމާއި ދަނޑުވެރިކަމުގެ ދާއިރާއިން ދެ ޤައުމުގެ ގުޅުން އިތުރަށް ބަދަހިކުރުމާ ގުޅޭގޮތުން މަޝްވަރާ ކުރެއްވި ކަމަށެވެ. އަދި ދެ ޤައުމުގެ ދެމެދުގައި ޚާރިޖީ ގުޅުން ގާއިމުކުރިތާ އަންނަ އަހަރަށް 60 އަހަރުވާއިރު ގުޅުން އިތުރަށް ހަރުދަނާ ކުރުމާ ގުޅޭގޮތުން މަޝްވަރާ ކުރެއްވި ކަމަށް ސަފީރު އަހުމަދު މަހުލޫފު ވިދާޅުވިއެވެ.

