މޯލްޑިވްސް ކަރެކްޝަނަލް ސަރވިސްގެ އޮފިސަރުންނާއި ޖަލުތަކުގައި ހުކުމް ތަންފީޒުކުރަމުންދާ ގައިދީންނަށް އަމާޒުކޮށްގެން ޑިގްރީ ފެންވަރުގެ ތައުލީމީ ޕްރޮގްރާމްތައް ކުރިއަށްގެންދިއުމަކީ ކުރައްވާ ވަރަށް ބޮޑު އުންމީދެއް ކަމަށް ކޮމިޝަނަރ އޮފް ޕްރިޒަންސް ޙަސަން ޒަރީރު ވިދާޅުވެއްޖެއެވެ.
ކޮމިޝަނަރ މިހެން ވިދާޅުވީ އިންސްޓިޓިއުޓް ފޮރ ކަރެކްޝަނަލް ސްޓަޑީޒް (އައިކޯސްޓް) އިން ހިންގި އެކި ކޯސްތައް ނިންމި ގައިދީންނަށް ސެޓްފިކެޓް ދިނުމަށް ބޭއްވި ހާއްސަ ރަސްމިއްޔާތެއްގައި ވާހަކަފުޅު ދައްކަވަމުންނެވެ. މި ރަސްމިއްޔާތުގައި ސީޕީ ވަނީ ޖަލުތަކުގެ ސެކިއުރިޓީ ވަރުގަދަކޮށް، ހިންގުން ހަރުދަނާކުރުމަށް ގިނަ މަސައްކަތްތަކެއް ކުރެވެމުންދާކަން ފާހަގަކުރައްވާފައެވެ.
ކޯސްތައް ފުރިހަމަކުރި ގައިދީންނަށް މަރުހަބާ ވިދާޅުވަމުން ޒަރީރު ވިދާޅުވީ، ގައިދީއަކު ޖަލަށްލުމަކީ އެމީހެއްގެ މުޅި އުމުރު ދިޔައީ ކަމަށް ބަލައިގެން ނުވާނެ ކަމަށެވެ. އަދި ގައިދީން އަމިއްލައަށް އިސްނަގައިގެން ތައުލީމީ ކޯސްތަކުގައި ބައިވެރިވެ، އަމިއްލަ ނަފްސަށް އޮންނަ އިތުބާރު ބޮޑުކޮށް، މުޖުތަމައަށް ބޭނުންތެރި ބަޔަކަށް ވުމަށް ކުރާ މަސައްކަތްތަކަށް ސީޕީ ވަނީ ތައުރީފް ކުރައްވާފައެވެ.
އައިކޯސްޓްގެ މުދައްރިބުންނާއި މުވައްޒަފުން ކުރަމުންދާ މަސައްކަތްތައް ފާހަގަކުރައްވައި، ސީޕީ ވިދާޅުވީ ކުރިމަގުގައި އޮފިސަރުންނާއި ގައިދީންނަށްވެސް މަތީ ތައުލީމުގެ ފުރުސަތުތައް ފަހިކޮށްދިނުމަކީ އަމާޒެއް ކަމަށެވެ. މީގެ އިތުރުން، އެމްސީއެސްގެ އޮފިސަރުން ކުރަމުންދާ ބުރަ މަސައްކަތްތަކަށްވެސް އޭނާ ޝުކުރު އަދާކުރެއްވިއެވެ.
ކޮމިޝަނަރ އޮފް ޕްރިޒަންސްގެ ވާހަކަފުޅު ނިންމަވާލެއްވީ މިނިސްޓަރ އޮފް ހޯމްލޭންޑް ސެކިއުރިޓީ، ލޭބަރ އެންޑް ޓެކްނޯލޮޖީ ޢަލީ އިޙްސާން، ކަރެކްޝަނަލް ސަރވިސްގެ ކުރިއެރުމަށް ދެއްވާ އެއްބާރުލުމާއި ކުރައްވާ މަސައްކަތްޕުޅުތައް ފާހަގަކުރައްވައި އެމަނިކުފާނަށް ޝުކުރު އަދާކުރައްވަމުންނެވެ.

