ބާޒާރުގައި ފިޔާ ލިބުން ދަތިވެ، އަގު އިންތިހާއަށް އުފުލެމުންދާ ކަމަށް ބުނެ ސޯޝަލް މީޑިއާގައި ފެތުރެމުންދާ ވާހަކަތަކާ ގުޅިގެން، ސްޓޭޓް ޓްރޭޑިންގ އޯގަނައިޒޭޝަން (އެސްޓީއޯ) އިން އެކަން ސާފުކޮށްދީފިއެވެ. އެސްޓީއޯއިން ބުނީ އެ ކުންފުނީގެ ސްޓޮކްގައި ފިޔާ އެބަހުރި ކަމަށާއި، އެއްވެސް ދަތިކަމެއް ނެތި ފިޔާ ލިބެން ހުންނާނެ ކަމަށެވެ.
މީޑިއާތަކަށް ފޮނުވި މެސެޖެއްގައި އެސްޓީއޯއިން ހާމަކުރި ގޮތުގައި، ފިޔާގެ އަގަށް އެއްވެސް ބަދަލެއް ގެނެސްފައެއް ނުވެއެވެ. މިހާރުވެސް އެސްޓީއޯއިން ފިޔާ ކިލޯއެއް ވިއްކަމުންދަނީ ކުރިންވެސް ވިއްކަމުން އައި އަގު ކަމަށްވާ 13 ރުފިޔާ އަށެވެ. މިއީ ބާޒާރުގެ އަގު ކޮންޓްރޯލް ކުރުމަށް އެސްޓީއޯއިން ހިފަހައްޓަމުންދާ އަގެއްކަން އެ ކުންފުނިން ފާހަގަކުރެއެވެ.
އެސްޓީއޯއިން އިތުރަށް ބުނެފައިވަނީ، އަންނަ ހަފްތާގެ ތެރޭގައި ހޯލްސޭލްކޮށް ފިޔާ ދޫކުރަން ފަށާނެ ކަމަށެވެ. މީގެ އިތުރުން، އަތޮޅުތެރޭގައި ހުރި އެސްޓީއޯގެ ރީޖަނަލް ފިހާރަތަކުންވެސް ދަތިކަމެއް ނެތި ފިޔާ ލިބޭނެ އިންތިޒާމުތައް ހަމަޖެއްސުމަށްޓަކައި މިހާރު ގިނަ މަސައްކަތްތަކެއް ކުރަމުންދާ ކަމަށް އެ ކުންފުނިން މައުލޫމާތު ދެއެވެ.
މި ދުވަސްވަރަކީ ބާޒާރުގައި ބައެއް ބާވަތްތަކުގެ އަގު އުފުލެމުންދާ ދުވަސްވަރަކަށް ވީނަމަވެސް، އަސާސީ ކާބޯތަކެތީގެ އަގުތައް އެއްވަރެއްގައި ހިފެހެއްޓުމަށް މަސައްކަތް ކުރަމުންދާނެ ކަމުގެ ޔަގީންކަން އެސްޓީއޯއިން ވަނީ ދީފައެވެ.

