ނިޝާން މުލީގޭ ޝަރަފްގެ ޢިއްޒަތުގެ ވެރިޔާ މުޙައްމަދު ޞާލިޙްގެ އަމިއްލަފުޅު ގޯތީގައި ބިނާކުރެއްވި އައު މިސްކިތް މިއަދު ރަސްމީކޮށް ހުޅުވައިފިއެވެ. އައްޑޫ ސިޓީ ހުޅުދޫގައި ބިނާކުރި މި މިސްކިތަށް ދީފައިވާ ނަމަކީ “މަސްޖިދު ޒުލައިޙާ މުޙައްމަދު” އެވެ.
މި މިސްކިތް ރަސްމީކޮށް ހުޅުވައިދެއްވީ އިސްލާމީ ކަންތައްތަކާއި އައުޤާފާ ބެހޭ ވަޒީރު ޑރ. މުޙައްމަދު ޝަހީމް ޢަލީ ސަޢީދުއެވެ. މިއަދު ހަވީރު ހުޅުދޫގައި ބޭއްވި މި ޚާއްޞަ ރަސްމިއްޔާތުގައި މުޙައްމަދު ޞާލިޙްގެ އިތުރުން އެމަނިކުފާނުގެ ޢާއިލާގެ ބޭފުޅުން ބައިވެރިވެވަޑައިގެންނެވިއެވެ.
މި ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުން ވަޒީރު ޑރ. ޝަހީމް ވަނީ މުޙައްމަދު ޞާލިޙްގެ އަމިއްލަފުޅު ބިމެއް މާތް ﷲ އަށްޓަކައި ވަޤްފުކޮށް، އެތަނުގައި މިސްކިތެއް ބިނާކުރެއްވި ދީލަތިކަން ފާހަގަކުރައްވައި އެކަމަށް ތަޢުރީފު ކުރައްވާފައެވެ. އަދި މިއީ މިއަދުގެ ޒުވާން ޖީލަށް ދެއްކެވި ވަރަށް ރަނގަޅު ނަމޫނާއެއްކަމަށް ވަޒީރު ވިދާޅުވިއެވެ.
މަސްޖިދު ޒުލައިޙާ މުޙައްމަދަކީ އެއްފަހަރާ 200 މީހުންނަށް ނަމާދު ކުރެވޭނެ ޖާގަ އޮތް މިސްކިތެކެވެ. މިއީ އަމިއްލަ ފަރާތަކުން އިސްނަގައިގެން ދީނީ ކަންކަމަށް ދެއްވި ވަރަށް ބޮޑު އެހީތެރިކަމެއްގެ ގޮތުގައި ވަނީ ފާހަގަކުރެވިފައެވެ.

