ގުނަވަން ޓްރާންސްޕްލާންޓްކުރުމުގެ ބިލު އަނބުރާ ފޮނުވާލި ސަބަބު ރައީސް ވިދާޅުވެ ދެއްވައިފިއެވެ.
އެމަނިކުފާނު އެކަން ސާފުކޮށްދެއްވާފައިވަނީ، މިދިޔަ މެއި މަހުގެ 31 ވަނަ ދުވަހު މި ބިލު އަނބުރާ މަޖިލީހަށް ފޮނުއްވައިލައްވާ، މަޖިލިސް ރައީސް އަބްދުއްރަހީމު އަބްދުﷲއަށް ފޮނުއްވި ސިޓީފުޅުގައެވެ.
އެމަނިކުފާނު ވަނީ، ބިލު ފާސްކުރިއިރު ގުނަވަން ހަދިޔާކުރާ މީހުންގެ ޝަރުތުތަކަށް މުހިއްމު ބަދަލުތަކެއް ގެނެސްފައިވާކަން ފާހަގަކުރައްވައިފައެވެ. އެގޮތުން، ގުނަވަން ހަދިޔާކުރާ މީހަކީ ދައުލަތުގެ ބެލުމުގެ ދަށުގައި ހުރި މީހެއް ކަމުގައި ނުވުމާއި، ކުށުގެ ތުހުމަތެއްގައި ނުވަތަ ހުކުމެއް ތަންފީޒުކުރަމުންދާ މީހެއް ކަމުގައި ނުވުން ޝަރުތުގެ ތެރޭގައި ހިމެނޭއިރު މި ދެ ޝަރުތު މަޖިލީހުން އުނިކޮށްފައިވާތީ ރައީސް ވަނީ ސިޓީފުޅުގައި ކަންބޮޑުވުން ފާޅުކުރައްވާފައެވެ.
ރައީސް ވިދާޅުވި ގޮތުގައި، މި ޝަރުތުތަކަކީ އެއްވެސް މަޖުބޫރުކަމެއް ނެތި އަމިއްލަ އިޚްތިޔާރުގައި ގުނަވަން ހަދިޔާކުރުން ކަށަވަރުކުރުމަށްޓަކައި ޑިމޮކްރަޓިކް މުޖުތަމައުތަކުގައި ވެސް އަމަލުކުރާ އުސޫލުތަކެކެވެ. ބަންދުގައި ތިބޭ މީހުންނަކީ އެމީހުންގެ އަމިއްލަ މިނިވަންކަން ގައިދުވެފައިވާ ބަޔަކަށް ވާތީ، އެފަދަ ހާލަތެއްގައި ހުރެ ދޭ ރުހުމަކީ އެއްވެސް ނުފޫޒެއް ނެތި ދޭ ފުރިހަމަ ރުހުމެއް ކަމަށް ބެލުމަކީ ދަތި ކަމެއް ކަމަށް އެމަނިކުފާނު ފާހަގަކުރެއްވިއެވެ.
ހަމައެހެންމެ، ބޭރުގެ ގައުމުތަކުގައި ވެސް ގުނަވަން ހަދިޔާކުރުމުގެ ކަންކަން ކުރަނީ ވަރަށް ގިނަ ކަންކަމަށް ރިއާޔަތްކޮށް، ހަރުދަނާ ނިޒާމެއްގެ ދަށުންކަން ފާހަގަކުރައްވާ ރައީސް ވަނީ، ބަންދުގައި ތިބޭ މީހުންނަށް ގުނަވަން ހަދިޔާކުރުމުގެ ފުރުސަތު ދޭނަމަ، އެކަމާ ގުޅޭ އިތުރު ރައްކާތެރި އުސޫލުތަކެއް ކަނޑައެޅުމަކީ ގާނޫނު އެންމެ ފުރިހަމައަށް ތަންފީޒުކުރުމަށް ކޮންމެހެން ބޭނުންތެރި ކަމެއް ކަމަށް ރައީސް ވިދާޅުވިއެވެ.
މަޖިލީހުން ފާސްކުރި މި ބިލުގައި ގުނަވަނެއް ވިއްކައިފި ނަމަ އެކަމަށް އަދަބު ދެވޭނެ ގޮތްތައް ބަޔާންކޮށްފައިވެއެވެ. ނަމަވެސް، ގައިދީންގެ ރުހުމާ ގުޅޭ ގޮތުން ހުރި މި ކަންބޮޑުވުންތަކަށް ހައްލެއް ހޯދުމަށްޓަކައި، ބިލު އިތުރަށް މުރާޖައާކުރުމަށް ރައީސް ވަނީ މަޖިލީހަށް އިލްތިމާސްކުރައްވައިފައެވެ.

