ރައްޔިތުންގެ ލުއި ފަސޭހައަށް ސަރުކާރުން ތައާރަފްކުރި މާލޭ ޓެކްސީލައިންގެ ހިދުމަތް މާލެ ސަރަހައްދަށް އިތުރަށް ފުޅާކުރުމަށްޓަކައި ވިލިމާލޭގައި އެ ހިދުމަތް ފަށަން ވަމުން ގެންދާ ތައްޔާރީތައް ކަމާ ގުޅުން ހުރި މުއައްސަސާތަކުގެ ވެރިން ބައްލަަވާލައްވައިފިއެވެ.
އެގޮތުން ވިލިމާލޭގައި އެ މަސައްކަތް ކުރިއަށްދާ ގޮތް، އެމްޓީސީސީގެ މެނޭޖިން ޑިރެކްޓަރު ޑީސީޕީ (ރިޓަޔާޑް) އަޙުމަދު ސައުދީ އާއި ވިލިމާލެ ދާއިރާގެ ރައްޔިތުންގެ މަޖިލީހުގެ މެންބަރު މުޙައްމަދު އިސްމާޢީލްގެ އިތުުރުން އެމްޓީސީސީގެ އިސް އޮފިޝަލުން ވެސް ވަނީ ބައްލަވާލައްވާފައެވެ.
ތިމާވެށްޓާ ރައްޓެހި އިލެކްޓްރިކް ފަސް ވެހިކަލް ކަމަށް ސަރުކާރުން އިއުލާންކޮށްފައިވާއިރު، މި ޚިދުމަތަކީ ވިލިމާލޭގެ ދަތުރުފަތުރުގެ ނިޒާމު އިތުރަށް ހަރުދަނާކޮށް، ރައްޔިތުންނަށް ލުއިފަސޭހަކަން ހޯދައިދިނުމަށް ފަށާ ޚިދުމަތެއް ކަމަށް އެމްޓީސީސީއިން ކުރިން ހާމަކުރައްވާފައިވެއެވެ.
އެމްޓީސީސީން ”މާލެ ޓެކްސީ“ގެ ނަމުގައި ޓެކްސީ ދަތުރުތައް ކުރަން ފެށީ މިއަހަރުގެ ފެބްރުއަރީ މަހުގެ ދެވަނަ ދުވަހުއެވެ. ފުރަތަމަ ހިލޭ ދަތުރުތައް ބޭއްވުމަށްފަހު ޓެކްސީ ދަތުރުތަކަށް އަގު ނަގަން ފެބްރުއަރީ 18 ވަނަދުވަހުން ފެށިގެންނެވެ. އެމްޓީސީސީގެ ޓެކްސީ ލައިންގެ ހިދުމަތް 24 ގަޑިއިރު ދެމުން އަންނައިރު 150 ކާރު އަންނަނީ ބޭނުންކުރަމުންނެވެ.
މި ޚިދުމަތް ދިނުމަށްޓަކައި ތިމާވެއްޓާ ރައްޓެހި 150 އުޅަނދު ވަނީ ގެނެސްފައެވެ. މީގެ ތެރޭގައި ތިން ސައިޒެއްގެ އުޅަނދުތައް ހިމެނޭއިރު، މިއީ %100 ތިމާވެއްޓާ ރައްޓެހި އުޅަނދުތަކެކެވެ. ވިލިމާލޭގައި މި ޚިދުމަތް ފެށުމުން، އެ ރަށުގެ ތިމާވެށި ހިމާޔަތްކުރެވޭނެ ފަދަ ގޮތަކަށް ދަތުރުފަތުރުގެ ލުއިފަސޭހަކަން ރައްޔިތުންނަށް ލިބިގެންދާނެއެވެ.
މާލެ ޓެކްސީ ލައިންގެ ޚިދުމަތަކީ މާލޭ ސަރަޙައްދަށް ކުރިމަތިވެފައިވާ ޓެކްސީގެ ދަތިކަމަށް ވަށާޖެހޭ ޙައްލެއް ހޯއްދަވައިދެއްވުމަށް ރައީސުލްޖުމްހޫރިއްޔާގެ އިސްނެންގެވުމުގެ މަތީން ފަރުމާކުރައްވައި، މިދިޔަ އެޕްރީލް މަހުގެ 2 ވަނަ ދުވަހު ރަސްމީކޮށް އިފްތިތާޙުކުރި ޚިދުމަތެކެވެ.

