މާލޭގެ މޭޔަރު އާދަމް އާޒިމާއެކު މިހާތަނަށް ދެކެވުނު ވާހަކަތަކުގެ ހަގީގަތް އޮޅޭގޮތަށް މޭޔަރު ވާހަކަދައްކަވަމުން ގެންދަވާތީ، މީގެ ފަހުން އާޒިމާއެކު ކުރާ ހުރިހާ މުއާމަލާތްތަކެއް ހަމައެކަނި ލިޔެކިޔުމުން ކުރެއްވުމަށް ހައުސިން މިނިސްޓަރު ޑރ. އަބްދުﷲ މުއްތަލިބް ނިންމަވައިފިއެވެ.
މިދިޔަ ބުރާސްފަތި ދުވަހު މޭޔަރަށް ފޮނުއްވި ސިޓީއެއްގައި މިނިސްޓަރު ވިދާޅުވީ، ފާއިތުވި ދުވަސްތަކުގައި ދެ ފަރާތުގެ މެދުގައި ކުރެވުނު މަޝްވަރާތަކުގެ ހަގީގަތް އޮޅޭ ގޮތަށް އެކި ޕްލެޓްފޯމްތަކުގައި މޭޔަރު ވާހަކަދައްކަވާފައިވާ ކަމަށެވެ. އަދި މާލޭގެ ތަރައްގީއަށް ސަރުކާރުން ހިންގާ މަޝްރޫއުތަކުގައި ސިޓީ ކައުންސިލާއެކު ބޭއްވި ބައްދަލުވުންތަކުގައި، އާޒިމްގެ ފަރާތުން އެދެވޭ އެއްބާރުލުމެއް ލިބިފައި ނުވާކަން ވެސް މިނިސްޓަރު ފާހަގަކުރެއްވިއެވެ.
މިނިސްޓަރު މުއްތަލިބް ވިދާޅުވީ “މީޑިއާ ސްޓަންޓް” ޖެއްސުމުގެ ބަދަލުގައި އެންމެ މަސްލަހަތު ހުރި ގޮތަކީ ލިޔެކިޔުމުން މުއާމަލާތް ކުރުން ކަމަށެވެ. އެހެންކަމުން، މޭޔަރާއި ސިޓީ ކައުންސިލުން ބޭނުންވާ ކަންކަން މީގެ ފަހުން މިނިސްޓްރީއަށް ރަސްމީކޮށް ލިޔުމުން ހުށަހެޅުމަށް މިނިސްޓަރު ވަނީ އެދިވަޑައިގެންފައެވެ.
މި ނިންމެވުން އިއުލާން ކުރައްވާފައި މިވަނީ، މިނިސްޓަރާ ބައްދަލުނުކުރެވޭތާ ދެ އަހަރުވެފައިވާ ކަމަށް ބުނެ، މޭޔަރާއި ކައުންސިލަރުން މިދިޔަ ބުދަ ދުވަހު ހައުސިން މިނިސްޓްރީއަށް ވަޑައިގެންފައި ވަނިކޮށެވެ. އެ ދުވަހު މިނިސްޓަރާ ބައްދަލުނުވުމުން، އާޒިމް ވަނީ މުއްތަލިބަކީ “ފިލައިގެން އުޅުއްވާ މިނިސްޓަރެއް” ކަމަށް ސިފަކުރައްވައި، ކޮންމެ ހަފުތާއަކު މިނިސްޓްރީއަށް ވަޑައިގަންނަވާނެ ކަމަށް ވިދާޅުވެފައެވެ.
މޭޔަރު އާޒިމް ވިދާޅުވާ ގޮތުގައި މިނިސްޓަރާ ބައްދަލުކުރައްވަން ބޭނުންވަނީ ވިލިމާލޭގެ ފުނަވައު ސަރަހައްދުގައި ހިންގާ ހައުސިން މަޝްރޫއާ ގުޅިގެން ގަސްތައް ކަނޑާތީ އާންމުންގެ ހުރި ކަންބޮޑުވުންތައް ހިއްސާކުރުމަށެވެ. މީގެ އިތުރުން މާލޭގެ މަގުތައް ހެދުމާއި އާ މަސްމާރުކޭޓުގެ މަޝްރޫއާ ގުޅޭގޮތުން މަޝްވަރާކުރަން ބޭނުންވާ ކަމަށް ވެސް އާޒިމް ވިދާޅުވެފައިވެއެވެ.
މި މައްސަލައިގައި ދެ ފަރާތުގެ މެދުގައި ބަހުގެ ހަމަލާތަކެއް ބަދަލުކުރެވެމުންދާއިރު، މިނިސްޓްރީން ބުނެފައި ވަނީ މި ހަފުތާގެ ތެރޭގައި ބައްދަލުވުމެއް ހަމަޖައްސައިދޭނެ ކަމަށެވެ. ނަމަވެސް ސަރުކާރުން މިހާރު ބާރުއަޅަނީ ހުރިހާ މުއާމަލާތްތަކެއް ރަސްމީ އިޖުރާއާތްތަކުގެ ތެރެއިން ލިޔެކިޔުމުން ކުރިއަށް ގެންދިއުމަށެވެ.

