އައްޑޫ ސިޓީ ގަން އިންޓަނޭޝަނަލް އެއާޕޯޓުގައި އަޅާ ޒަމާނީ "ގަން މިސްކިތް ކޮމްޕްލެކްސް" ގެ ބިންގާ އަޅައި، އެ މަޝްރޫއުގެ އަމަލީ މަސައްކަތް ރަސްމީކޮށް ފަށައިފިއެވެ. މި މަޝްރޫއަކީ ދަމާސް ކޮމްޕެނީގެ ޗެއާމަން އަދި ނިޝާން މުލީގޭ ޝަރަފްގެ އިއްޒަތުގެ ވެރިޔާ މުހައްމަދު ސާލިހުގެ ދީލަތި އެހީގައި ކުރިއަށްގެންދާ ވަގުފު މަޝްރޫއެކެވެ.
މި ކޮމްޕްލެކްސްގެ ބިންގާ އަޅުއްވައިދެއްވީ އިސްލާމީ ކަންތައްތަކާ ބެހޭ ވަޒީރު ޑރ. މުހައްމަދު ޝަހީމް އަލީ ސައީދާއި، މި މަޝްރޫއުގެ ދީލަތި އެހީތެރިޔާ މުހައްމަދު ސާލިހެވެ. މި ރަސްމިއްޔާތުގައި އައްޑޫ ސިޓީ ކައުންސިލުގެ މެންބަރުންނާއި އިސްލާމީ ކަންތައްތަކާ ބެހޭ ވުޒާރާގެ އިސް ބޭފުޅުން ބައިވެރިވެވަޑައިގެންނެވިއެވެ.
ދެ ފަންގިފިލާއަށް އިމާރާތްކުރާ މި ކޮމްޕްލެކްސްއަކީ އެއްފަހަރާ 800 މީހުންނަށް ނަމާދުކުރެވޭނެ ޖާގަ ހިމެނޭ ބިނާއެކެވެ. ނަމާދުކުރާ ސަރަހައްދުގެ އިތުރުން، މި އިމާރާތުގައި އިޖުތިމާއީ އަދި ދީނީ ހަރަކާތްތައް ހިންގުމަށް ހާއްސަ މަލްޓި ޕާޕަސް ހޯލަކާއި ލައިބްރަރީއެއް ހިމެނޭނެއެވެ. މިއީ އެއާޕޯޓުން ދަތުރުކުރާ ފަރާތްތަކަށާއި އެ ސަރަހައްދުގައި މަސައްކަތްކުރާ މުވައްޒަފުންނަށް ބޮޑު ލުޔެއް ލިބިގެންދާނެ މަސައްކަތެކެވެ.
މި ރަސްމިއްޔާތުގައި ވާހަކަދައްކަވަމުން މިނިސްޓަރު ޝަހީމް ވަނީ މުހައްމަދު ސާލިހުގެ ދީލަތި އެހީތެރިކަން ފާހަގަކުރައްވައި އެކަމަށް ތައުރީފް ކުރައްވާފައެވެ. ވަޒީރު ވިދާޅުވީ "މިއީ އަދުގެ ޒުވާން ޖީލަށް އޮތް ވަރަށް ރަނގަޅު ފިލާވަޅެއް" ކަމަށެވެ. މީގެ ކުރިންވެސް ސާލިހު ވަނީ އައްޑޫ ހުޅުދޫގައި ހުންނަ އެމަނިކުފާނުގެ އަމިއްލަ ގޯތި ވަގުފުކޮށް، އެތަނުގައި މިސްކިތެއް ބިނާކޮށްދެއްވާފައެވެ.
މި މަޝްރޫއު ނިމުމުން، މިއީ އައްޑޫ ސިޓީގެ ދީނީ އުމްރާނީ ތަރައްގީއަށް ލިބިގެންދާނެ ވަރަށް ބޮޑު ކުރިއެރުމެއްގެ ގޮތުގައި އިސްލާމީ ކަންތައްތަކާ ބެހޭ ވުޒާރާއިން ސިފަކުރެއެވެ.

