ނެޓްބޯލް އެސޯސިއޭޝަން އޮފް މޯލްޑިވްސްއިން އިންތިޒާމުކޮށްގެން ބާއްވާ “ބީއެމްއެލް ރާއްޖެ ޖޫނިއަރ ޗެމްޕިއަންޝިޕް 2026” ރައީސުލްޖުމްހޫރިއްޔާގެ އަނބިކަނބަލުން ސާޖިދާ މުޙައްމަދު މިއަދު ރަސްމީކޮށް ފައްޓަވައިދެއްވައިފިއެވެ.
މާލޭ ސޯޝަލް ސެންޓަރުގެ އެތެރޭ ކޯޓުގައި މިއަދު ހަވީރު ބޭއްވި މި ރަސްމިއްޔާތުގައި، މުބާރާތް ފައްޓަވައިދެއްވުމުގެ ގޮތުން އެކަމަނާ ވަނީ މުބާރާތުގެ ރަސްމީ ބޯޅައިގައި ސޮއިކުރައްވާފައެވެ. މީގެއިތުރުން، މުބާރާތް ހުޅުވުމުގެ ގޮތުން ކުޅުނު ފުރަތަމަ މެޗުގެ ދެ ޓީމުގެ ކުޅުންތެރިންނާއި އޮފިޝަލުންނާ އެކަމަނާ ވަނީ ބައްދަލުކުރައްވައި ސަލާމްކުރައްވާފައެވެ.
މި ރަސްމިއްޔާތުގައި މިނިސްޓަރ އޮފް ޔޫތު އެމްޕަވަރމަންޓް، ސްޕޯޓްސް އެންޑް ފިޓްނަސް ޢަބްދުﷲ ރާފިޢު އާއި، ބީއެމްއެލްގެ ސީއީއޯ މުޙައްމަދު ޝަރީފްގެ އިތުރުން ނެޓްބޯލް އެސޯސިއޭޝަންގެ އިސް ބޭފުޅުން ބައިވެރިވެވަޑައިގެންނެވިއެވެ. މުބާރާތް ހުޅުވުމުގެ މެޗުގައި ބައްދަލުކުރީ ހުރަވީ ސްކޫލާއި ޖަމާލުއްދީން ސްކޫލެވެ. 23-3 ގެ ނަތީޖާއަކުން މި މެޗު ކާމިޔާބުކުރީ ހުރަވީ ސްކޫލެވެ.
މެޗުގެ މޮޅު ކުޅުންތެރިޔާ ނުވަތަ “ކުއީން އޮފް ދަ މެޗް” އަކަށް ހޮވުނު ހުރަވީ ސްކޫލުގެ އާމިނަތު ތުގާއަށް އިނާމު ހަވާލުކޮށްދެއްވީ ރައީސުލްޖުމްހޫރިއްޔާގެ އަނބިކަނބަލުންނެވެ. މި މުބާރާތަކީ ރާއްޖޭގައި ނެޓްބޯޅަ ކުރިއަރުވައި، ޒުވާން ކުޅުންތެރިންގެ ހުނަރު ތަރައްގީކުރުމުގެ މަގްސަދުގައި ކުރިއަށްގެންދާ މުބާރާތެކެވެ.
ކުރިން “އިންޓަރ ސްކޫލް ނެޓްބޯލް ޓޯނަމަންޓް” ގެ ނަމުގައި ބާއްވަމުން އައި މި މުބާރާތް މިހާރު ވަނީ އައު ނަމަކަށް ބަދަލުކޮށްފައެވެ. މި އަހަރުގެ މުބާރާތުގައި ދެ އުމުރުފުރާއަކުން ޖުމްލަ 25 ޓީމު ވާދަކުރެއެވެ. އެއީ 15 އަހަރުން ދަށުގެ 14 ޓީމާއި 17 އަހަރުން ދަށުގެ 11 ޓީމެވެ.

