ގައުމު މިއަދު އޮތް ހާލަތަށް ރިއާޔަތްކުރާއިރު، ސިޔާސީ އެކި މަގާމުތަކުގެ މުސާރަ ބޮޑުކުރެވޭ ވަރަށް ހާލަތު ތަން ނުދޭ ކަމަށް ޕީއެންސީގެ މަޖިލިސް މެމްބަރުން ހާމަކޮށްފިއެވެ.
މިފަދަ ވާހަކަތަކެއް ތިލަވެފައި މިވަނީ، ކައުންސިލުތަކުގެ ރައީސުންގެ މުސާރަ ސެކްރެޓަރީ ޖެނެރަލުންގެ މުސާރައަށް ވުރެ ކުޑަ ކަމަށާ އަދި ނައިބުންގެ މުސާރަ އެގްޒެކްޓިވުންގެ މުސާރައަށްވުރެ ކުޑަ ކަމަށާއި، ކައުންސިލަރުންގެ މުސާރަ ބައެއް މުވައްޒަފުންގެ މުސާރައަށް ވުރެ ވެސް ކުޑަ ކަމަށް ވިދާޅުވެ އެ ބޭފުޅުންގެ މުސާރަ ބޮޑުކުރަން އެދި ގަލޮޅު ދެކުނު ދާއިރާގެ އެމްޑީޕީ މެންބަރު މީކާއީލް އަޙްމަދު ނަސީމް މިދިޔަ މެއި މަހުގެ 11ވަނަ ދުވަހު ހުށަހެޅުއްވި ގަރާރަށް ބަހުސްކުރިއަށް ދަނިކޮށެވެ.
މަޖިލީހުގެ ތަޅުމުގައި ބުދަ ދުވަހު ކުރިއަށް ދިޔަ ބަހުސްގައި ވާހަކަ ދައްކަވަމުން ޕީއެންސީގެ އެކި މެމްބަރުން ވަނީ މިއީ އެފަދަ ކަމެއް ކުރަން އެންމެ ރަގަޅު ދަނޑިވަޅު ނޫން ކަމަށް ވިދާޅުވެފައެވެ.
އެގޮތުން ބާރަށު ދާއިރާގެ މެމްބަރު އަދި ޕީއެންސީގެ ނައިބު ރައީސް، އިބްރާހިމު ޝުޖާއު ވަނީ، 2018ވަނަ އަހަރު އެމްޑީޕީއަށް ވެރިކަން ލިބުނުއިރު ރާއްޖޭގެ އިގުތިޞާދު އޮތީ ރަނގަޅު ހާލަތުގައި ކަމަށާއި، ހެޔޮ ނިޔަތެއް އޮތް ނަމަ 19ވަނަ މަޖިލީހުން ކައުންސިލަރުންގެ މުސާރަ ބޮޑުކުރީސް ކަމަށެވެ. އެހެން ނަމަވެސް އާރާ ބާރާ އޮތްއިރު އެފަދަ ކަންކަމާ އިޚުލާސްތެރި ނިޔަތަކާ އެކު ނޫޅުއްވާ، މިހާރު ގައުމު ދަށް ހާލަތެއްގައި އޮއްވާ އެފަދަ ކަންކަމާ އެމްޑީޕީއިން އުޅުވުން ޝުޖާއު ސިފަކުރެއްވީ “އަޖާއިބެއް” ފަދަ ަކަމެއްގެ ގޮތުގައެވެ.
ޝުޖާއު ވަނީ ގަރާރު ހުށސަހެޅުމުގައި އިހުލާސްތެރި ނިޔަތެއް ނެތް ކަމަށާ، އެހެންކަމުން އެ ގަރާރަށް ޕީއެންސީއިން ތާއީދުނުކުރާނެ ކަމަށް ވެސް ވިދާޅުވެފައެވެ. އަދި މި ގައުމު މިވަގުތު އެފަދަ ގޮތަކަށް އެ މުސާރަތައް ބޮޑުކުރަން ތަން ނުދޭ ކަމަށާ އެހެން ނަމަވެސް ކުރިން އޭނާ އިޝާރާތްކުރެއްވި ފަދައިން އެއީ ޖުމުލަ ގޮތެއްގައި ޕީއެންސީއިން ތާއީދުކުރާ ކަމެއްކަން ހާމަކުރައްވާ ޝުޖާއުވަނީ އެކަން އިރާދަފުޅުކުރެއްވިއްޔާ މި ދައުރުގައި ދެކޭނެ ކަމަށް ވެސް ވިދާޅުވެފައެވެ.
މުސާރަ ބޮޑުކުރުމާ ދެކޮޅަށް ވާހަކަ ދައްކަވަމުން ފޭދޫ ދެކުނު ދާއިރާގެ މެންބަރު އިބްރާހީމް ދީދީ (އައިބީ) ވިދާޅުވީ، ކައުންސިލުތަކުގައި އެންމެ ބުރަކޮށް މަސައްކަތްކުރަނީ ސިވިލް ސާވަންޓުން ކަމަށެވެ. ކައުންސިލަރުންގެ މުސާރަ ރަނގަޅުކުރަން މި ސަރުކާރުން މަސައްކަތްކުރާ ކަމަށްވެސް އައިބީ ވިދާޅުވިއެވެ.
ީމީގެ އިތުރުން މީކާއިލް ހުށަހެޅުއްވި ގަރާރާ ދެކޮޅު ހައްދަވާ ތިނަދޫ އުތުރު ދާއިރާގެ މެންބަރު ސަޢުދުالله ޙިލްމީ ވިދާޅުވީ، އެ ބަޔަކު ކުރާ މަސައްކަތަކާ އެއްވަރަށް، އަބުރުވެރިކަމާއެކީ ދިރިއުޅެވޭ ވަރަށް އުޖޫރަ ލިބެން ޖެހޭ ކަމަށް ގަބޫލުކުރައްވާ ކަމަށެވެ.
އެހެން ނަމަވެސް މި ވަގުތަކީ މިއީ އެކިއެކި ފަންތީގެ މުސާރަ ބޮޑުކުރަން ގައުމުގެ އިގުތިޞާދު އެހާ ތަންދޭ ވަގުތެއްނޫން ކަމަށްވެސް ސަޢުދުالله ވިދާޅުވެފައިވެއެވެ.
ކައުންސިލަރުންގެ މުސާރަ ބޮޑު ކުރުމާ މިވަގުތު ޕީއެންސީ މެމްބަރުން ދެކޮޅު ހަދާފައިވާއިރު، މިއަދުގެ ޖަލްސާގައިވަނީ ގަރާރު ބަލައިގަތުމަށް ފެނޭތޯވެސް ވޯޓަށް އަހައިފައެވެ. ޕީއެންސީއިން ވަނީ އަޣްލަބިއްޔަތުން މި ގަރާރު ބަލައިނުގަތުމަށް ނިންމާފައެވެ. އެގޮތުން ގަރާރު ބަލައިގަތުމާ އެއްކޮޅަށް 14 މެންބަރުން ވޯޓުދެއްވިއިރު، ނުފެންނަ ކަމަށް 48 މެންބަރަކު ވޯޓު ދެއްވިއެވެ.

