މާލޭގައި ގަވާއިދާ ހިލާފަށް އުޅެމުންދާ ބިދޭސީން ހޯދުމަށް ސަރުކާރުން ކުރިއަށްގެންދާ ހާއްސަ މަސައްކަތްތަކުގެ ތެރެއިން، އިތުރު 26 ބިދޭސީއަކު ބަލައި ފާސްކޮށްފިއެވެ. މި އޮޕަރޭޝަނަކީ މާލޭގެ އެކި ސަރަހައްދުތަކުގައި ބިދޭސީން ހިންގަމުންދާ ވިޔަފާރިތަކާއި އާންމު ތަންތަނަށް އަމާޒުކޮށްގެން ކުރިއަށްގެންދާ ހަރަކާތެކެވެ.
މޯލްޑިވްސް އިމިގްރޭޝަނުން މައުލޫމާތު ދެއްވި ގޮތުގައި، މިދިޔަ އަންގާރަ ދުވަހު އިމިގްރޭޝަން ޓާސްކްފޯސްއިން ވަނީ މާލޭގެ ތިން ސަރަހައްދެއްގައި ހަރަކާތްތެރިވެފައެވެ. އެގޮތުން އާޓިފިޝަލް ބީޗް، ހީނާމާގެ ޕާކިން ސަރަހައްދު އަދި ރަސްފަންނު ސަރަހައްދުގައި ތިބި ބިދޭސީންނާ ސުވާލުކޮށް، އެމީހުންގެ ލިޔެކިޔުންތައް ވަނީ ޗެކްކޮށްފައެވެ.
މި އޮޕަރޭޝަނުގައި ބަލައި ފާސްކުރި 26 މީހުންގެ ތެރެއިން، ރާއްޖޭގައި ގަވާއިދާ ހިލާފަށް އުޅެމުންދިޔަ ތިން ބިދޭސީއަކު ވަނީ އިމިގްރޭޝަންގެ ބެލުމުގެ ދަށަށް ގެންގޮސްފައެވެ. މި ފަރާތްތަކަކީ ރާއްޖޭގައި އުޅުމުގެ ސައްހަ ހުއްދައެއް ނެތް ފަރާތްތަކެއް ކަމަށް އިމިގްރޭޝަނުން ފާހަގަކުރެއެވެ.
ވޭތުވެދިޔަ އަހަރާއި މި އަހަރުގެ ތެރޭގައި އިމިގްރޭޝަނުން އަންނަނީ މާލެއާއި އަތޮޅުތެރޭގައި ގަވާއިދާ ހިލާފަށް އުޅޭ ބިދޭސީން ހޯދުމަށް ގިނަ ރެއިޑް އޮޕަރޭޝަންތަކެއް ހިންގަމުންނެވެ. މި އޮޕަރޭޝަންތަކުގައި މިހާތަނަށް ގިނަ އަދަދެއްގެ ބިދޭސީން ވަނީ އިދާރާތަކުގެ ބެލުމުގެ ދަށަށް ގެނެސްފައެވެ.
އިމިގްރޭޝަނުން އިތުރަށް ވިދާޅުވީ، ގަވާއިދާ ހިލާފަށް އުޅޭ ބިދޭސީންގެ މައްސަލަ ހައްލުކުރުމަށް ކުރާ މަސައްކަތުގެ ދަށުން، ބެލުމުގެ ދަށަށް ގެނެވޭ ފަރާތްތައް ޑިޕޯޓޭޝަން ސެންޓަރުގައި ބައިތިއްބައިގެން އަނބުރާ ގައުމަށް ފޮނުވާލުމުގެ އިދާރީ މަސައްކަތްތައް މެދުކެނޑުމެއްނެތި ކުރިއަށްދާ ކަމަށެވެ.

