ގދ. ތިނަދޫ ސިޓީގައި ހުންނަ ދިވެހިރާއްޖޭގެ ގައުމީ ޔުނިވަރސިޓީ (އެމްއެންޔޫ) ކެމްޕަސް ތަރައްގީކުރުމުގެ މަޝްރޫއުގެ ދަށުން، އެތަނުގައި އަޅާ އެކޮމޮޑޭޝަން ބްލޮކްގެ މުހިންމު މަރުހަލާއެއްގެ މަސައްކަތްތައް މިހާރު ފަށައިގެން ކުރިއަށްދާކަމަށް މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިން ކޮމްޕެނީ (އެމްޓީސީސީ) އިން ހާމަކޮށްފިއެވެ.
އެމްޓީސީސީން މައުލޫމާތު ދޭ ގޮތުގައި، މިހާރު ކުރިއަށްދަނީ އެކޮމޮޑޭޝަން އިމާރާތުގެ ފުރަތަމަ ފަންގިފިލާގެ ބީމްތަކާއި ސްލެބްތަކުގެ ދަގަނޑު ބަނުމުގެ މަސައްކަތުގެ އިތުރުން، ކޮންކްރީޓް އެޅުމަށްޓަކައި ތައްޔާރުކުރަންޖެހޭ ފޯމްވޯކް ނުވަތަ ފިލާޖެހުމުގެ މަސައްކަތްތަކެވެ. މި މަޝްރޫއަކީ އެ ކެމްޕަހުގައި ކިޔަވާ ދަރިވަރުންނާއި ހިދުމަތް ދޭ މުވައްޒަފުންނަށް ބޭނުންވާ ބޯހިޔާވަހިކަން ފޯރުކޮށްދިނުމަށް އަމާޒުކޮށްގެން ކުރިއަށްގެންދާ މަޝްރޫއެކެވެ.
މި ތަރައްގީގެ މަޝްރޫއު ބެހިގެންވަނީ މައިގަނޑު ތިން ބަޔަކަށެވެ. އެގޮތުން ތިން ފަންގިފިލާގެ ކެމްޕަސް އިމާރާތެއްގެ އިތުރުން، ދަރިވަރުންނަށް ހާއްސަ ދެ ފަންގިފިލާގެ އެކޮމޮޑޭޝަން ބްލޮކެއް މި މަޝްރޫއުގެ ދަށުން ބިނާކުރެވޭނެއެވެ. ދަރިވަރުންގެ ބްލޮކުގައި 31 ކޮޓަރިއާއި ލޯންޑަރީއެއް ހިމެނޭނެ ކަމަށް އެމްޓީސީސީން ބުނެއެވެ.
މީގެ އިތުރުން، މުވައްޒަފުންނަށް ހާއްސަކޮށްގެން ދެ ފަންގިފިލާގެ ވަކި ބްލޮކެއް ތަރައްގީކުރުމަށް ވަނީ ހަމަޖެހިފައެވެ. މި ބްލޮކުގައި ހަތް ކޮޓަރީގެ އިތުރުން ކެފޭއެއްގެ ހިދުމަތް ލިބޭނެ ގޮތް ހަމަޖެހިގެންދާނެއެވެ. މި މަޝްރޫއު ނިމި ހިދުމަތް ދޭން ފެށުމުން، 10،000 އަށް ވުރެ ބޮޑު އާބާދީއެއް އޮތް ތިނަދޫގެ ތައުލީމީ ދާއިރާއަށް ބޮޑު ކުރިއެރުމެއް ލިބިގެންދާނެ ކަމަށް ބެލެވެއެވެ.
ރާއްޖޭގެ އެކި ކަންކޮޅުތަކުގައި ހުއްޓިފައި ހުރި ޒަރޫރީ މަޝްރޫއުތައް އަލުން ފަށައި، ރައްޔިތުންނަށް ބޭނުންވާ ހިދުމަތްތައް އަވަސްކުރުމަކީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ހާއްސަ އިސްކަމެއް ދެއްވާ ކަމެކެވެ. އެގޮތުން އެމަނިކުފާނުގެ އިރުޝާދުގެ ދަށުން ގިނަ މަޝްރޫއުތަކެއް އެމްޓީސީސީއާ ހަވާލުކޮށްގެން މިހާރު އަންނަނީ ބާރުސްޕީޑުގައި ކުރިއަށް ގެންދަމުންނެވެ.

