“ސައުތު އަރި މެރިން ޕްރޮޓެކްޓެޑް އޭރިއާ” (ސަމްޕާ) ބެލެހެއްޓުމަށް އެކުލަވާލާފައިވާ މެނޭޖްމަންޓް ޕްލޭންގެ ދަށުން، އެ ސަރަހައްދަށް ވަންނަ ހުރިހާ އުޅަނދަކީ އެންވަޔަރަންމަންޓަލް ރެގިއުލޭޓަރީ އޮތޯރިޓީގައި ރަޖިސްޓްރީކޮށްފައިވާ އުޅަނދުތަކަކަށް ވާންޖެހޭނެ ކަމަށް މިނިސްޓްރީ އޮފް އެންވަޔަރަންމަންޓުން ހާމަކޮށްފިއެވެ. މިއީ އެ ސަރަހައްދުގެ ދިރުންތައް ހިމާޔަތްކޮށް، ހަރުދަނާ ނިޒާމެއްގެ ދަށުން ކަންކަން ބެލެހެއްޓުމަށް ނިންމާފައިވާ ނިންމުމެކެވެ.
ދައުލަތުގެ މީޑިއާގައި ވާހަކަދައްކަވަމުން އެންވަޔަރަންމަންޓް މިނިސްޓްރީގެ ޑިރެކްޓަރ އޮފް ޕްރޮޓެކްޓެޑް އޭރިއާސް، މުހްސިނާ ޢަބްދުއްރަޙްމާން ވިދާޅުވީ 2025 ވަނަ އަހަރު އަމަލުކުރަން ފަށާ މި މެނޭޖްމަންޓް ޕްލޭންގެ މަގްސަދަކީ ތިމާވެށީގެ ގޮތުން އެ ސަރަހައްދަށް ކުރިމަތިވެފައިވާ ގޮންޖެހުންތަކަށް ހައްލު ހޯދުން ކަމަށެވެ. މިހާރު ކުރިއަށްދަނީ މި އާ ގަވާއިދުތަކަށް އާންމުންނާއި ސްޓޭކްހޯލްޑަރުން ހޭލުންތެރިކުރުވުމުގެ މަސައްކަތްކަން އޭނާ ފާހަގަކުރެއްވިއެވެ.
އާ އުސޫލުގެ ދަށުން ސަމްޕާ ސަރަހައްދަށް ވަދެވޭ އުޅަނދުތަކުގެ އަދަދާއި، އެ ސަރަހައްދުގައި އުޅަނދު ދުއްވަންޖެހޭ ބާރުމިން ވަނީ ވަކި މިންގަނޑުތަކަކަށް ފައްތާފައެވެ. މުހްސިނާ ފާހަގަކުރެއްވި ގޮތުގައި، މިހާރު އެ ސަރަހައްދުގައި ލައިސަންސް ނެތި އަދި ގަވާއިދާ ހިލާފަށް ބައެއް އުޅަނދުތައް ހަރަކާތްތެރިވަމުންދެއެވެ. އެހެންކަމުން، ރަޖިސްޓްރީކުރުމުގެ ނިޒާމާއެކު މިކަންކަން ހުއްޓުމަކަށް އަންނާނެއެވެ.
މީގެ އިތުރުން، ކަނޑުގެ ދިރުންތަކަށް ލިބޭ ގެއްލުން ކުޑަކުރުމުގެ ގޮތުން މި މަހުގެ 30 ވަނަ ދުވަހުން ފެށިގެން އެ ސަރަހައްދުގައި ދުއްވާ އުޅަނދުތަކުގެ ބުރަފަތީގައި “ޕްރޮޕެލާ ގާޑް” ހަރުކުރުން ވަނީ މަޖުބޫރުކޮށްފައެވެ. މިއީ އުޅަނދުތަކުގެ ސަބަބުން ކަނޑުގެ ދިރުންތަކަށް ލިބޭ އަނިޔާތައް މަދުކުރުމަށް އެޅޭ މުހިންމު ފިޔަވަޅެކެވެ.
ފަތުރުވެރިން ގޮވައިގެން އެ ސަރަހައްދަށްދާ ގައިޑުންނަށްވެސް އާ ޝަރުތުތަކެއް ވަނީ ކަނޑައަޅާފައެވެ. އެގޮތުން، މެނޭޖްމަންޓް ޕްލޭނަށް އަހުލުވެރިވުމަށްފަހު ދެވޭ ހާއްސަ ޓެސްޓަކުން 75 އިންސައްތައަށްވުރެ މަތިން މާކްސް ހޯދާ ފަރާތްތަކަށް ނޫނީ ގައިޑެއްގެ ގޮތުގައި އެ ސަރަހައްދުގައި މަސައްކަތް ނުކުރެވޭނެއެވެ.
މި ހުރިހާ ފިޔަވަޅުތަކަކީވެސް ސަމްޕާ ސަރަހައްދުގެ ގުދުރަތީ މުއްސަނދިކަން އަންނަން އޮތް ޖީލުތަކަށް ފޯރުކޮށްދިނުމަށްޓަކައި، ތިމާވެށީގެ މައްސަލަތަކަށް ރިއާޔަތްކޮށް އެކުލަވާލާފައިވާ މުހިންމު އުސޫލުތަކެއްކަން މިނިސްޓްރީން ފާހަގަކުރެއެވެ.

