ގައުމީ ދިފާއީ ބާރުގައި 21 އަހަރަށް ވުރެ ދިގު މުއްދަތަކަށް ހިދުމަތްކުރެއްވި ސާޖަންޓް ފަސްޓް ކްލާސް ޙުސައިން ޢަބްދުއްރަޙުމާން (ސނ: 5536) ނިޔާވުމާ ގުޅިގެން ރައީސުލްޖުމްހޫރިއްޔާ ތައުޒިޔާ އަރިސްކުރައްވައިފިއެވެ.
ހުސެއިން އަބްދުއްރަހްމާން ނިޔާވީ ކުއްލި ގޮތަކަށް ކަމަށްވާއިރު، ރައީސް ފޮނުއްވި ތައުޒިޔާގެ މެސެޖުގައިވަނީ، ސާޖަންޓް ފަސްޓް ކްލާސް ޙުސައިން ޢަބްދުއްރަޙުމާނަކީ ދިވެހިރާއްޖޭގެ 21 އަހަރާއި 7 މަހާއި 16 ދުވަހު އިޚްލާޞްތެރިކަމާއެކު ޚިދުމަތްކުރައްވާފައިވާ ބޭކަލެއްކަން ފާހަގަކުރައްވާ އޭނާގެ ކުއްލި ވަކިވުމުގެ ޚަބަރު އެމަނިކުފާނު އެއްސެވީ ފުން ހިތާމައާ އެކު ކަމަށް ވިދާޅުވެފައެވެ.
ހުސެއިން އަބްދުއްރަހްމާނުގެ އާއިލާއަށް މި ދިމާވި ކުއްލި ހިތާމަވެރި ވަގުތުގައި މަރުޙޫމްގެ ޢާއިލާއަށާއި ދިވެހިރާއްޖޭގެ ޤައުމީ ދިފާޢީ ބާރުގެ އެންމެހައި ސިފައިންނަށް ރައީސް ވަނީ އިޚުލާޞްތެރިކަމާއެކު ތަޢުޒިޔާ ދަންނަވާފައެވެ.
މީގެ އިތުރުން، މާތްالله މަރުޙޫމްގެ ފުރާނައަށް ސުވަރުގޭގެ ދާއިމީ ނިޢުމަތް މިންވަރުކުރައްވައި، ޢާއިލާއަށް މި ހިތާމައިގައި ކެތްތެރިކަން ދެއްވުން އެދި ރައީސުލްޖުމްހޫރިއްޔާ ވަނީ ދުޢާ ކުރައްވާފައެވެ.
ސާޖަންޓް ފަސްޓް ކްލާސް ޙުސައިން ޢަބްދުއްރަޙުމާނަކީ ދިވެހި ސިފައިންގެ ޚިދުމަތުގައި ދިގު މުއްދަތެއް ހޭދަކުރައްވާފައިވާ، ތަޖުރިބާކާރު ބޭފުޅެކެވެ.
މި ހިތާމަވެރި ވަގުތުގައި، ހުވަދޫ އޮންލައިންގެ މެނޭޖުމަންޓާ އެންމެހާ ސްޓާފުންގެ ނަމުގައި އެ އާއިލާއަށް ތައުޒިޔާ ފޮނުވާ، މަރްހޫމުގެ ފުރާނައަށް ސުވަރުގެ މިންވަރު ކުރެއްވުން އެދޭ ހާލު އާއިލާއަށް ކެތްތެރިކަން ދެއްވުން އެދި ދުއާކުރަން. އާމީން…

