މޫސުމީ ބަދަލުތަކުން އަރައިގަންނަން ނާޒުކު ޤައުމުތަކަށް އެހީތެރިވުމަށް ދިވެހިރާއްޖޭގެ އިއްޒްތަތެރި ނައިބު ރައީސް، ހުސެއިން މުހައްމަދު ލަތީފު ގޮވާލައްވައިފިއެވެ.
އެމަނިކުފާނު މިފަދައިން ގޮވާލައްވާފައިވަނީ، ބަރލިން ކްލައިމެޓް މޮބިލިޓީ ފޯރަމް 2026ގައި ކުރިއަށް ގެންދިޔަ ކްލައިމެޓް މޮބިލިޓީ ޕްރިންސިޕަލްސްއާ ބެހޭ މަތީ ފަންތީގެ ބައްދަލުވުމުގައި ރާއްޖޭގެ ފަރާތުން ބަޔާން އިއްވަވައިދެއްވަމުންނެވެ.
ނައިބު ރައީސް ވަނީ، މޫސުމީ ބަދަލުތަކުން އަރައިގަންނަން ނާޒުކު ޤައުމުތަކަށް އެހީތެރިވުމަށް ބައިނަލްއަޤުވާމީ އެއްބާރުލުން ހަރުދަނާ ކުރަން ޖެހޭ ކަން ފާހަގަކުރައްވާ، ދިވެހީންގެ ދިރިއުޅުމާއި މޫސުމަށް އަންނަ ބަދަލުތަކާ ގުޅިފައިވާ ކަމަށާއި ޤައުމުގެ ކުރިމަގާއި ތަރައްޤީގައި ކްލައިމެޓް މޮބިލިޓީ ނުވަތަ މޫސުމީ ހިޖުރަކުރުމާބެހޭ ބައިނަލްއަޤުވާމީ އުސޫލުތަކަކީ އަވަސް އަދި ދެމެހެއްޓެނިވި ހައްލެއް ބޭނުންވެފައިވާ ކަމެއްކަން ސަމާލުކަމަށް ގެންނަވާފައެވެ.
ހަމައެހެންމެ ރާއްޖޭން މޫސުމީ ބަދަލުތަކަށް ވިލުންތެރި ރަށްރަށުގައި އިންވެސްޓްކުރަމުން އަންނަކަންވެސް ނައިބު ރައީސް ފާހަގަކުރެއްވިއެވެ. އެގޮތުން، ހުޅުމާލެއަކީ މޫސުމީ ބަދަލުތަކަށް ވިލުންތެރި އުމްރާނީ ތަރައްޤީގެ ނަމޫނާއެއް ކަމަށާއި ރަސްމާލެވެސް ތަރައްޤީ ކުރެވޭނީ އެފަދަ ގޮތަކަށް ދިގު މުއްދަތުގެ ޙައްލުތައް ލިބިގެންދާނެ ގޮތަށް ކަމަށް ވިދާޅުވިއެވެ.
މޫސުމީ ހިޖުރަ ކުރުމާބެހޭ ބައިނަލްއަޤުވާމީ އުސޫލުތަކުގައި މުޖުތަމަޢުތަކަށް ރައްކާތެރިކަމާއެކު އަމިއްލަ ވަޒަނުގައި ތިބެވޭނެ ގޮތްތަކަށް އިސްކަންދޭންޖެހޭ ކަމަށްވެސް ނައިބު ރައީސް ވިދާޅުވިއެވެ. އަދި މޫސުމަށް އަންނަ ބަދަލުތަކުން އަރައިގަތުމަށް ހިޖުރަކުރާނަމަ އެކަން ކުރަންވާނީ ފުރިހަމަ ތައްޔާރީއާއެކު އެ ބަޔަކު ބޭނުންވެގެންކަން ކަށަވަރު ކުރަންޖެހޭ ކަމަށްވެސް ނައިބު ރައީސް ވިދާޅުވިއެވެ.
އެމަނިކުފާނު ވަނީ، މޫސުމީ ބަދަލުތަކަށް ހޭނުމަށް ފޯރުކޮށްދޭ މާލީ އެހީތެރިކަމުގެ މުުހިންމުކަން ފާހަގަކުރައްވައި ނާޒުކު ޤައުމުތަކަށް، އެކަނި ގޮންޖެހުންތަކާ ކުރިމަތިނުލެވޭނެ ކަމަށް ވިދާޅުވެފައެވެ. އެހެންކަމުން ކުދި އަދި ތަރައްޤީވަމުން އަންނަ ޤައުމުތަކުގެ ބޭނުންތަކާ އެއްގޮތަށް ކޮންސެޝަނަލް އަދި ގްރާންޓް ބޭސްޑް ފައިނޭންސިން އިތުރުކޮށް، ޓެކްނޮލޮޖީއާއި ކެޕޭސިޓީ އިތުރު ކުރުމަށްވެސް އެމަނިކުފާނު ވަނީ ގޮވާލައްވާފައެވެ.
މީގެ އިތުރުން ކްލައިމެޓް މޮބިލިޓީ ނުވަތަ މޫސުމީ ހިޖުރަކުރުމާބެހޭ ބައިނަލްއަޤުވާމީ އުސޫލުތަކަށް މަރުޙަބާ ވިދާޅުވެ، ރާއްޖޭން އަބަދުވެސް ރައްޔިތުންނަށް ފައިދާހުރި އަދި ޙައްގުތަށް ކަށަވަރުވާ ގޮތަށް ކުރާ މިފަދަ ކަންކަމަށް ތަޢީދު ކުރައްވާނެ ކަމަށްވެސް އެމަނިކުފާނު ވިދާޅުވެފައެވެ.

