ރާއްޖެއަށް ރަސްމީކޮށް ޕޭޕަލްގެ ޚިދުމަތް ތަޢާރަފުވުމަކީ ބައިނަލްއަޤްވާމީ އެހެނިހެން ޑިޖިޓަލް ވޮލެޓްތަކާއި މާލީ ޚިދުމަތްތައް ރާއްޖެއަށް ގެނައުމަށް ހުޅުވިގެންދިޔަ މުހިންމު ދޮރެއް ކަމަށް މިނިސްޓަރ އޮފް އިކޮނޮމިކް ޑިވެލޮޕްމަންޓް ޓްރާންސްޕޯޓް އެންޑް ޓްރޭޑް މުޙައްމަދު ސަޢީދު ވިދާޅުވެއްޖެއެވެ. ޕީއެސްއެމްގެ "ޓްރޭޑް ޑެސްކް ވިތު އަނާ" ޕްރޮގްރާމުގައި ވާހަކަފުޅު ދައްކަވަމުން ވަޒީރު ވިދާޅުވީ، މިކަމުގެ ސަބަބުން ރާއްޖެއަކީ މިފަދަ ޚިދުމަތްތަކަށް ފަހި އަދި މަޤްބޫލު ޤައުމަކަށް ވެގެންދާނެ ކަމަށެވެ.
ވަޒީރު ފާހަގަކުރެއްވި ގޮތުގައި، 2023 ވަނަ އަހަރުގެ ރިޔާސީ އިންތިޚާބުގެ ކެމްޕޭން ތެރޭގައި ރައްޔިތުން އެންމެ ބޮޑަށް އެދުނު އެއް ކަމަކީ ބައިނަލްއަޤްވާމީ ވިޔަފާރި ޕްލެޓްފޯމްތަކުގައި ދިވެހިންނަށް ފުރުސަތުތައް ހޯދައިދިނުމެވެ. ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ގެންގުޅުއްވި އެ ތަޞައްވުރު، ސަރުކާރުގެ ފުރަތަމަ ދެ އަހަރުގެ ތެރޭގައި ކާމިޔާބުވުމަކީ ލިބުނު ވަރަށް ބޮޑު ކުރިއެރުމެއްގެ ގޮތުގައި ސަޢީދު ސިފަކުރެއްވިއެވެ.
ދުނިޔޭގެ މާލީ މުޢާމަލާތްތައް ހަލުވި ދުވެލީގައި ކުރިއަށްދާއިރު، ޕޭޕަލް ފަދަ އިތުބާރު ހުރި ނިޒާމެއް ރާއްޖެއަށް ލިބުމަކީ އިޤްތިޞާދީ ގޮތުން ގިނަ ފުރުސަތުތަކެއް ހުޅުވޭނެ ކަމެކެވެ. "ޕޭޕަލް އައުމާއެކު ރާއްޖެއަށް ލިބިގެންދާ އިތުބާރާއެކު، ވަރަށްގިނަ މިކަހަލަ ވޮލެޓްތައް އަދި ޕޭމަންޓް ގޭޓްވޭސްތަކާއި އަދި އިތުރަށް ރާއްޖޭގެ މާލީ ނިޒާމް އިންޓަގްރޭޓް ކުރުމުގައި ރާއްޖެ ބަދަލުކޮށްލާނެ ސަބަބަކަށް މިކަން ވެގެންދާނެ" ވަޒީރު ވިދާޅުވިއެވެ.
މީގެ އިތުރުން، އޮންލައިން ވިޔަފާރީގެ ދާއިރާއިން ލިބޭނެ ފައިދާތަކަށް އަލިއަޅުއްވާލައްވަމުން ވަޒީރު ވިދާޅުވީ، "އޮތެންޓިކް މޯލްޑިވްސް" ގެ 400 އަށް ވުރެ ގިނަ ވެންޑަރުން މިހާރުވެސް ބައިނަލްއަޤްވާމީ ޕްލެޓްފޯމެއް ކަމަށްވާ އަލީބާބާގައި ރަޖިސްޓްރީވެފައިވާ ކަމަށެވެ. ޕޭޕަލްގެ ޚިދުމަތާއެކު، މިފަދަ ޕްލެޓްފޯމްތައް މެދުވެރިކޮށް ތަކެތި ވިއްކައިގެން ފައިސާ ހޯދުމުގެ މަގު ފަހިވެ، ދިވެހި އުފެއްދުންތެރިންނަށް ބައިނަލްއަޤްވާމީ ބާޒާރުގައި އިތުބާރު ހުރި ނިޒާމެއްގެ ތެރެއިން މުޢާމަލާތް ކުރެވޭނެ ކަމަށް ވަޒީރު ވިދާޅުވިއެވެ.

