ވިލިމާލޭގެ ރައްޔިތުންނަށް ދިމާވެފައިވާ ދަތުރުފަތުރުގެ ދަތިތަކަށް ދާއިމީ ހައްލެއް ހޯދައިދިނުމުގެ ގޮތުން، ސަރުކާރުން ކުރިއަށްގެންދާ "މާލޭ ޓެކްސީ ލައިން" ގެ ޚިދުމަތް އެ އަވަށުގައި ރަސްމީކޮށް މިއަދު އިފްތިތާހުކޮށްފިއެވެ. ވިލިމާލޭ ފެރީ ޓާމިނަލް ސަރަހައްދުގައި މިއަދު ހަވީރު ބޭއްވި ޚާއްސަ ރަސްމިއްޔާތެއްގައި މި ޚިދުމަތް ފަށްޓަވައިދެއްވީ އިޤްތިޞާދީ ތަރައްޤީއާއި ދަތުރުފަތުރާ ބެހޭ ވަޒީރު މުޙައްމަދު ސަޢީދުއެވެ.
މިއީ މާލެ ސަރަހައްދުގައި ޓެކްސީ ލިބުމުގެ ދަތިކަން ހައްލުކުރުމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުއިއްޒު ގެންގުޅުއްވާ ސިޔާސަތުގެ ދަށުން ފެށި ޚިދުމަތެކެވެ. ވިލިމާލޭގައި މި ޚިދުމަތް ދިނުމަށް ހަމަޖެހިފައިވަނީ ތިމާވެއްޓާ ރައްޓެހި، ކަރަންޓުން ދުއްވާ އުޅަނދުތައް ބޭނުންކޮށްގެންނެވެ. މީގެ ސަބަބުން ވިލިމާލޭގެ ތިމާވެށީގެ ސާފުތާހިރުކަން ދެމެހެއްޓުމަށް ބޮޑު އެހީތެރިކަމެއް ލިބޭނެއެވެ.
މި ރަސްމިއްޔާތުގައި އެމްޓީސީސީގެ މެނޭޖިންގ ޑިރެކްޓަރު އަހުމަދު ސައުދު އާއި ވިލިމާލެ ދާއިރާގެ މެންބަރު މުހައްމަދު އިސްމާއިލްގެ އިތުރުން ސަރުކާރުގެ އިސް ބޭފުޅުން ބައިވެރިވެވަޑައިގެންނެވިއެވެ. އެމްޓީސީސީގެ އެމްޑީ ސައުދު ވިދާޅުވީ، މި ޚިދުމަތާއެކު ވިލިމާލޭގެ ހަނި ގޯޅިތަކަށް ދަތުރުކުރުމުގައި ރައްޔިތުންނަށް ކުރިމަތިވާ ޝަކުވާތަކަށް ހައްލެއް ލިބޭނެ ކަމަށެވެ.
"މި ޚިދުމަތް ކުރިއަށް ދިޔަޔަސް ބަހުގެ ޚިދުމަތް ކުރިއަށް ދާނެ. ބަހުގެ ޚިދުމަތް ދޭ އިރު ބަހަށް ނުވަދެވޭ ހަނި ގޯޅިތަކަށް. ބަސް ކުޑަ ކުރެވޭކަށް ނެތް. އެހެންވީމަ މިއާއި އެކު ލުއިތަކެއް ލިބޭނެ،" ސައުދު ވިދާޅުވިއެވެ. އޭނާ އިތުރަށް ފާހަގަކުރެއްވި ގޮތުގައި، ޓެކްސީ ޚިދުމަތަށް އެދުމަށް ޚާއްސަ އެޕްލިކޭޝަނެއްގެ އިތުރުން ހޮޓްލައިން ނަންބަރު 1655 މެދުވެރިކޮށް ވެސް ގުޅޭނެއެވެ.
މާލޭ ޓެކްސީ ލައިންގެ ޚިދުމަތް މިދިޔަ އޭޕްރިލް މަހުގެ ތެރޭގައި މާލެ އާއި ހުޅުމާލޭގައި ވަނީ ފަށާފައެވެ. ވިލިމާލޭގައި ވެސް މި ޚިދުމަތް 24 ގަޑިއިރު މެދުނުކެނޑި ލިބޭނެ އިންތިޒާމު މިހާރު ވަނީ ހަމަޖެހިފައެވެ. މިއީ އެ އަވަށުގެ އެތެރޭގެ ދަތުރުފަތުރުގެ ނިޒާމު ހަރުދަނާކުރުމަށް އެޅުނު މުހިންމު ފިޔަވަޅެކެވެ.

