ހުޅުމާލޭގެ ދެވަނަ ފިޔަވަހީގެ ކަރަންޓުގެ ޚިދުމަތް ދިނުމަށް ބޭނުންކުރާ ނެޓްވޯކް ބެލެހެއްޓުމުގެ މަސްއޫލިއްޔަތު ސްޓޭޓް އިލެކްޓްރިކް ކޮމްޕެނީ (ސްޓެލްކޯ) އިން ރަސްމީކޮށް އަތުލައިފިއެވެ. މިކަމަށްޓަކައި ބޭއްވި ޚާއްޞަ ރަސްމިއްޔާތެއްގައި ސްޓެލްކޯ އާއި ހައުސިންގ ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އެޗްޑީސީ) އާ ދެމެދު ވަނީ ފަހުމުނާމާއެއްގައި ސޮއިކޮށްފައެވެ.
ސްޓެލްކޯގެ ފަރާތުން މި އެއްބަސްވުމުގައި ސޮއިކުރެއްވީ އެ ކުންފުނީގެ މެނޭޖިންގ ޑިރެކްޓަރ ޑރ. އަލީ އަޒްވަރު އެވެ. އަދި އެޗްޑީސީގެ ފަރާތުން ސޮއިކުރެއްވީ އެ ކުންފުނީގެ މެނޭޖިންގ ޑިރެކްޓަރ އަލީ ޒުހައިރު އެވެ. މި އެއްބަސްވުމުގެ ދަށުން ދެވަނަ ފިޔަވަހީގެ ކަރަންޓު ނެޓްވޯކް އޮޕަރޭޓްކޮށް ބެލެހެއްޓުމުގެ ހުރިހާ ޒިންމާއެއް ދެން އުފުލާނީ ސްޓެލްކޯއިންނެވެ.
މި މަސައްކަތްތަކުގެ އިތުރުން، ދެވަނަ ފިޔަވަހީގައި ދިމާވާ ކުއްލި މައްސަލަތަކަށް އަވަސް ހައްލެއް ހޯދުމަށްޓަކައި “އިމަޖެންސީ ރެސްޕޮންސް ސެންޓަރެއް” ގާއިމުކުރުމަށް ބޭނުންވާ ބިންވެސް އެޗްޑީސީން ވަނީ ސްޓެލްކޯއާ ހަވާލުކޮށްފައެވެ. މީގެ އިތުރުން، ސްޓެލްކޯގެ އިޖުތިމާއީ ޒިންމާގެ ދަށުން އެޗްޑީސީއަށް އަށް ލައިޓް ޕޯސްޓް މިއަދު ވަނީ ހަދިޔާކޮށްފައެވެ.
ހުޅުމާލެ ދެވަނަ ފިޔަވަހީގެ އާބާދީ ދުވަހުން ދުވަހަށް އިތުރުވަމުންދާއިރު، ހިޔާ ފްލެޓްތަކާއި ފަހި ފްލެޓްތަކުގައި ގިނަ އަދަދެއްގެ ރައްޔިތުން މިހާރު ދިރިއުޅެމުންދެއެވެ. އެހެންކަމުން، އެ ސަރަހައްދުގެ ކަރަންޓުގެ ޚިދުމަތް މެދުނުކެނޑި އިތުބާރާއެކު ފޯރުކޮށްދިނުމަކީ ސްޓެލްކޯގެ މުހިންމު އަމާޒެކެވެ.
މާލެ ސަރަހައްދުގެ ކަރަންޓުގެ ހާލަތު ވަރުގަދަކުރުމަށް ކުރަމުންދާ މަސައްކަތްތަކުގެ ދަށުން، ހުޅުމާލޭގައި ހުންނަ 50 މެގަވޮޓުގެ އިންޖީނުގެ އަޕްގްރޭޑް ކުރުމުގެ ބޮޑު މަޝްރޫއެއްވެސް ސްޓެލްކޯއިން ވަނީ ފަށާފައެވެ. މި މަސައްކަތުގެ ފުރަތަމަ މަރުހަލާ މިހާރު ނިމިފައިވާއިރު، މީގެ ސަބަބުން އިންޖީނުގެއަށް އިތުރު ޖެނެރޭޝަން ފީޑްކޮށް، ޒަމާނީ ވަސީލަތްތަކާއެކު ޚިދުމަތުގެ ފެންވަރު މަތިވެގެންދާނެ ކަމަށް އެ ކުންފުނިން ބުނެއެވެ.

