ގައުމީ ބޭންކް، ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް) ގެ ކާޑުތައް ބޭނުންކޮށްގެން ރާއްޖޭން ބޭރުގެ މުއާމަލާތްތައް ކުރުމަށް ކަނޑައަޅާފައިވާ ލިމިޓްތަކަށް މި ހިނގާ މަސް ނިމުމުގެ ކުރިން ލުއިތަކެއް ދިނުމަށް އެ ބޭންކުން ނިންމައިފިއެވެ. ބޭންކަށް ލިބޭ ބޭރު ފައިސާއަށްވުރެ ޑޮލަރުގެ ޑިމާންޑް ބޮޑުވުމުގެ ސަބަބުން، ދިވެހި ރުފިޔާ ކާޑުތަކުން ރާއްޖޭން ބޭރުގެ އީ-ކޮމާސް އަދި އޮންލައިން ވިޔަފާރިތަކަށް ކުރެވޭ މުއާމަލާތްތަކަށް ބީއެމްއެލް އިން ހުރަސްތަކެއް ކުރިމަތިކުރީ މިދިޔަ މަހުގެ ތެރޭގައެވެ.
ބީއެމްއެލްގެ އޮފިޝަލަކު މައުލޫމާތު ދެއްވި ގޮތުގައި، ބޭރުގެ އޮންލައިން ވިޔަފާރިތަކަށް މިހާރު ކަނޑައަޅާފައިވާ ލިމިޓްތަކަށް ހެޔޮ ބަދަލެއް ގެނައުމަށްޓަކައި ވާންޖެހޭ ތައްޔާރީތައް ބޭންކުން ދަނީ ވަމުންނެވެ. އަދި މި މަސް ނިމުމުގެ ކުރިން ކަސްޓަމަރުންނަށް މި ލުއިތައް ލިބިގެންދާނެ ކަމަށް ބޭންކުން ޔަގީންކަންދެއެވެ. މީގެ އިތުރުން، ކަސްޓަމަރުންގެ އެކި ބޭނުންތަކަށް ވީހާވެސް ގިނައިން ބޭރު ފައިސާ ފޯރުކޮށްދިނުމަށް މަސައްކަތް ކުރަމުންދާ ކަމަށާއި، މި ކަމުގައި މޯލްޑިވްސް މަނިޓަރީ އޮތޯރިޓީ (އެމްއެމްއޭ) ގެ އެހީތެރިކަން ލިބޭނެ ކަމުގެ ޔަގީންކަން ލިބިފައިވާ ކަމަށްވެސް ބޭންކުން ހާމަކުރެއެވެ.
ރާއްޖޭގައި ހިންގާ އެހެން ބޭންކުތަކާ އަޅާބަލާއިރު، ދިވެހި ރުފިޔާ ކާޑުތަކުން ބޭރުގެ މުއާމަލާތްތައް ކުރުމަށް މިހާރުވެސް އެންމެ ބޮޑު ލިމިޓެއް ދޫކުރަމުންދަނީ ބީއެމްއެލް އިންނެވެ. މިހާރުގެ އުސޫލުތައް ބުނާގޮތުން، ރާއްޖޭން ބޭރަށް ދަތުރުކުރާ ފަރާތްތަކަށް ޕީއޯއެސް މެދުވެރިކޮށް މަހެއްގެ މައްޗަށް 1,000 ޑޮލަރާ ހަމައަށް މުއާމަލާތް ކުރެވެއެވެ. އަދި އެއަރލައިން ޓިކެޓް، ހޮޓެލް ބުކިންގް އަދި ހޮސްޕިޓަލްތަކުގެ ބޭނުންތަކަށް މަހަކު 3,000 ޑޮލަރުގެ ލިމިޓެއް ދީފައިވާއިރު، ބޭސްފަރުވާ އާއި ތައުލީމީ ކަންކަމަށް ފައިސާ ފޮނުވުމުގައި ދަތިވާ ފަރާތްތަކަށް ބޭންކުން ހާއްސަ އެހީތެރިކަމެއް ފޯރުކޮށްދެމުންދެއެވެ.
ބޭންކުގެ ތަފާސްހިސާބުތަކަށް ބަލާއިރު، ބީއެމްއެލް އިން ވިއްކާފައިވާ ޑޮލަރުގެ ނިސްބަތް ވަނީ ވަރަށް ބޮޑަށް އިތުރުވެފައެވެ. އެގޮތުން މި އަހަރުގެ ފުރަތަމަ ފަސް މަސްދުވަހުގެ ތެރޭގައި ޖުމްލަ 345 މިލިއަން ޑޮލަރު ވިއްކާފައިވެއެވެ. މީގެ ތެރެއިން 198 މިލިއަން ޑޮލަރު ކާޑު މުއާމަލާތްތަކަށް ހޭދަވެފައިވާއިރު، ވިޔަފާރިތަކަށް ދޫކޮށްފައިވަނީ 147 މިލިއަން ޑޮލަރެވެ. މިއީ މަހެއްގެ މައްޗަށް އެވްރެޖްކޮށް 69 މިލިއަން ޑޮލަރުގެ ނިސްބަތެއް ކަމަށްވާއިރު، މިއީ މިދިޔަ އަހަރުގެ މި މުއްދަތާ އަޅާބަލާއިރު 47 އިންސައްތައިގެ ބޮޑު ކުރިއެރުމެކެވެ.

