މުޖުތަމައަކަށް ކުރެވޭނެ އެންމެ ފައިދާހުރި އަދި އެންމެ މުހިންމު އިންވެސްޓްމަންޓަކީ މީހުން ބިނާކުރުން ކަމުގައި ރައީސުލްޖުމްހޫރިއްޔާގެ އަނބިކަނބަލުން ސާޖިދާ މުޙައްމަދު މިއަދު ވިދާޅުވެއްޖެއެވެ. އެކަމަނާ މިހެން ވިދާޅުވީ އޮންލައިންކޮށް ބޭއްވި 8 ވަނަ މެރކް ފައުންޑޭޝަން ފަސްޓް ލޭޑީސް އިނިޝިއޭޓިވް (އެމްއެފްއެފްއެލްއައި) ސަމިޓުގައި ޝަރަފުވެރި މެހެމާނެއްގެ ގޮތުގައި ބައިވެރިވެވަޑައިގެން ދެއްކެވި ވާހަކަފުޅުގައެވެ.
އެފްރިކާ އަދި އޭޝިއާގެ ގައުމުތަކުގެ ފަސްޓް ލޭޑީން ބައިވެރިވެވަޑައިގެންނެވި މި ސަމިޓުގައި ވާހަކަފުޅު ދައްކަވަމުން މެޑަމް ސާޖިދާ ވަނީ، ކޮންމެ ސަރަހައްދެއްގައި ދިރިއުޅުނު ކަމުގައިވީ ނަމަވެސް، ފެންވަރު ރަނގަޅު ސިއްހީ ހިދުމަތް ލިބުމަކީ ކޮންމެ ފަރުދެއްގެ ހައްގަކަށް ވާންޖެހޭނެ ކަމަށް ވިދާޅުވެފައެވެ. ވަކިން ހާއްސަކޮށް، އެކަހެރި ރަށްރަށުގައި އުފަންވާ ކުދިންނަށްވެސް، މައި ސިޓީތަކުގައި އުފަންވާ ކުދިންނާ އެއްފަދަ ހަމަހަމަ ފުރުސަތުތަކެއް ލިބިދޭންޖެހޭނެ ކަމަށް އެކަމަނާ ބާރުއެޅުއްވިއެވެ.
ދިވެހިރާއްޖެއާއި މެރކް ފައުންޑޭޝަނާ ދެމެދު އޮތް ބަދަހި ގުޅުމުގެ މައްޗަށް އަލިއަޅުއްވާލައްވަމުން، އެ ގުޅުމުގެ ސަބަބުން ރާއްޖެއަށް ލިބިފައިވާ ކުރިއެރުންތައް އެކަމަނާ ފާހަގަކުރެއްވިއެވެ. އެގޮތުން، ފާޓިލިޓީ، އެންޑޯކްރިނޮލޮޖީ އަދި ޕީޑިއޭޓްރިކްސް ފަދަ މުހިންމު ދާއިރާތަކުން 13 ސްކޮލަޝިޕެއް ލިބިފައިވާކަމާއި، "އެޑިއުކޭޓިންގް ލިންޑާ" ޕްރޮގްރާމުގެ ދަށުން 3000 ސްކޫލް ސަޕްލައި ސެޓް ފޯރުކޮށްދެވިފައިވާކަން އެކަމަނާ ވިދާޅުވިއެވެ. މީގެ އިތުރުން މީޑިއާ އާއި ފަންނީ ދާއިރާތަކުން 8 ކްރިއޭޓިވް އެވޯޑެއް ލިބިފައިވާކަންވެސް ފާހަގަކުރެއްވިއެވެ.
ދެމެހެއްޓެނިވި ތަރައްގީއާ ގުޅޭގޮތުން ވާހަކަފުޅު ދައްކަވަމުން މެޑަމް ސާޖިދާ ވިދާޅުވީ، ތަރައްގީއަކީ ހަމައެކަނި އުމްރާނީ ގޮތުން ގެނެވޭ ބަދަލެއް ނޫން ކަމަށެވެ. އޭގެ ބަދަލުގައި، ކޮންމެ މީހަކަށްމެ އުންމީދާއި އަބުރުވެރިކަން ލިބިދޭ، އިތުބާރުގެ މައްޗަށް ބިނާވެފައިވާ ނިޒާމެއް ގާއިމުކުރުމަކީ ކޮންމެހެން ބޭނުންތެރި ކަމެއް ކަމަށް އެކަމަނާ ވިދާޅުވިއެވެ.
މެރކް ފައުންޑޭޝަންގެ "މޯ ދޭން އަ މަދަރ" ކެމްޕޭނުގެ އެމްބެސެޑަރެއްގެ ހައިސިއްޔަތުން، ދަރިމައިނުވުމުގެ މައްސަލަ ކުރިމަތިވާ ފަރާތްތަކަށް މުޖުތަމައުން ކުރިމަތިކުރާ ފާޑުކިޔުންތަކާ މެދު އެކަމަނާ ކަންބޮޑުވުން ފާޅުކުރެއްވިއެވެ. "އެފަދަ ތަފާތުކުރުންތަކަކީ އެ ބަލީގެ ވޭނާ އެއްވަރުގެ ކަމެއް،" ކަމަށް ވިދާޅުވެ، މީހުންނަށް ފާޑުކިޔުމުގެ ބަދަލުގައި ހަމްދަރުދީއާއި އިހުތިރާމް އިސްކުރާ މުޖުތަމައެއް ބިނާކުރުމަށް އެކަމަނާ ގޮވާލެއްވިއެވެ.
ވާހަކަފުޅު ނިންމަވާލައްވަމުން، މެރކް ފައުންޑޭޝަނަށް 9 އަހަރު ފުރުމުގެ ތަހުނިޔާ ފޮނުއްވައި، ސިއްހީ ހިދުމަތާއި އިންސާނީ ހައްގުތަކަކީ ހަމައެކަނި ވަކި ބަޔަކަށް އޮތް އިމްތިޔާޒަކަށް ނުހަދައި، އެއީ އެންމެންގެ ހައްގަކަށް ހެދުމަށް އެކުގައި މަސައްކަތް ކުރުމަށް ހުރިހާ ގައުމުތަކަށް އެކަމަނާ އިލްތިމާސްކުރެއްވިއެވެ.

