ގިނަ ރައްޔިތުންތަކެއް ދިރިއުޅެމުންދާ ހުޅުމާލެ 2 ވަނަ ފިޔަވަހީގެ ކަރަންޓުގެ ޚިދުމަތާ ސްޓޭޓް އިލްކެޓިކު ކޮމްޕެނީ (ސްޓެލްކޯ) އިން ހަވާލުވެއްޖެއެވެ.
އެ ކުންފުނިން މީސް މީޑިޔާގައި ކުރެއްވި ޕޯސްޓެގައި ހާމަކުރައްވާފައިވާ ގޮތުގައި، ހުޅުމާލެ ދެވަނަ ފިޔަވަހީގެ ކަރަންޓު ނެޓްވަރކާއި ސްޓެލްކޯއިން ޙަވާލުވުމުގެ ގޮތުން ބުރާސްފަތި ދުވަހު ވަނީ އެ ކުންފުންޏާއި ހައުސިންގ ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އެޗްޑީސީ) ދެމެދު ފަހުމުނާމާއެއްގައި ސޮއިކޮށްފައެވެ.
ސްޓެލްކޯގެ ފަރާތުން މި ފަހުމުނާމާގައި ސޮއިކުރެއްވީ މެނޭޖިންގް ޑިރެކްޓަރ ޑރ. ޢަލީ އަޒްވަރު، އަދި އެޗްޑީސީގެ ފަރާތުން ފަހުމުނާމާގައި ސޮއިކުރެއްވީ އެ ކުންފުނީގެ މެނޭޖިންގ ޑިރެކްޓަރ ބްރިގޭޑިއަރ (ރޓޑ) ޢަލީ ޒުހައިރުއެވެ.
މި ހަފްލާގައި ހުޅުމާލެ ދެވަނަ ފިޔަވަހީގައި އެ ކުންފުނީގެ އެމްރޖެންސީ ރެސްޕޮންސް ސެންޓަރެއް ޤާއިމްކުރުމަށް ބޭނުންވާ ޖާގަ ހައުސިންގ ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އެޗްޑީސީ)އިން އެ ކުންފުންޏާއި ޙަވާލުކޮށްފައިވާ ކަމަށްވެސް ސްޓެލްކޯއިން ހާމަކުރައްވާފައިވެއެވެ. އަދި ސްޓެލްކޯގެ ފަރާތުން ވަނީ ހައުސިންގ ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އެޗްޑީސީ)އަށް ލައިޓް ޕޯސްޓްތަކެއް ވެސް ހަދިޔާކޮށްފައިކަމަށް އެކުންފުނިން ވިދާޅުވެފައިވެއެވެ.
މާލެ ސަރަޙައްދުގެ ކަރަންޓްގެ ހާލަތު ރަނގަޅު ކުރުމަށް ސްޓެލްކޯ އިން ދަނީ ގިނަ މަސައްކަތްތަކެއް ކުރަމުންނެވެ. އަދި އެ ކުންފުނިން ހިދުމަތް ދެމުންދާ އަތޮޅުތެރޭގެ ރަށްރަށުގެ ކަރަންޓްގެ ހާލަތު ރަނގަޅު ކުރުމަށް ވެސް ބުރަ މަސައްކަތެއް އެ ކުންފުނިން އަންނަނީ ކުރަމުންނެވެ.

