ވިލިމާލޭގެ ރައްޔިތުންނަށާއި ތަރައްޤީއަށް އެންމެ ބޮޑު އިސްކަމެއް ދެއްވީ މިހާރުގެ ސަރުކާރުން ކަމަށް ވިލިމާލޭ ދާއިރާގެ މެމްބަރު މުހައްމަދު އިސްމާއިލް ވިދާޅުވެއްޖެއެވެ.
އޭނާ މިފަދައިން ވިދާޅުވެފައިވަނީ، ވިލިމާލޭގައި “މާލެ ޓެކްސީ ލައިން”ގެ ޚިދުމަތް ރަސްމީކޮށް ފެށުމަށް ބޭއްވި ރަސްމިއްޔާތުގައި ވާހަކަދައްކަވަމުންނެވެ.
ރާއްޖެއަށް މަލްޓި-ޕާޓީ ޑިމޮކްރަސީ ތަޢާރަފްވި ފަހުން ވޭތުވެދިޔަ 15 އަހަރުގެ ތެރޭގައި ވިލިމާލެއަކީ އޮތް ތަނެއްކަން އިހުސާސްވި ވެރިއަކު ވެރިކަން ކުރެއްވި ބޭފުޅުންގެ ތެރޭގައި ނެތް ކަން ފާހަގަކުރައްވާ މުހައްމަދު ވިދާޅުވީ، ރައީސް ޑރ މުހައްމަދު މުޢިއްޒު ވެރިކަމާ ހަވާލުވެވަޑައިގަތުމަށްފަހު، ވިލިމާލެއަށް ޚާއްޞަ އިސްކަމެއް ދެއްވައި، އެ ދާއިރާގެ ރައްޔިތުންނަށް ބޭނުންވާ އަސާސީ އަދި ތަރައްޤީގެ ޚިދުމަތްތައް ފުޅާކުރުމުގެ މަސައްކަތް ބާރުދުވެލީގައި ކުރިއަށްގެންދަވާކަމަށެވެ.
ވިލިމާލޭގައި އަޅާ 100 އެނދުގެ ހޮސްޕިޓަލުގެ މަސައްކަތް މިހާރު އަމަލީ ގޮތުން ފެށިގެން ކުރިއަށްދާކަން ވެސް ފާހަގަކުރައްވާ މެމްބަރު ވަނީ މި ސަރުކާރުން ވިލިމާލޭގެ ކުރިއެރުމަށް ގިނަގުނަ މަޝްރޫޢުތަކެއް ހިންގަމުންދާކަމަށް ވެސް ވިދާޅުވެފައެވެ.
އެމްޕީ އިތުރަށް ވިދާޅުވީ، މާޒީގެ ޞަފުޙާތަކަށް ބަލާއިރު ފާއިތުވި 15 އަހަރު ވިލިމާލެ އޮތީ އަޅާނުލެވި ނަމަވެސް، މިހާރުގެ ރައީސުލްޖުމްހޫރިއްޔާ ގެންގުޅުއްވާ ވަކި ރަށެއް ތަފާތު ނުކުރުމުގެ ސިޔާސަތުގެ ދަށުން، ރައްޔިތުންގެ ކަންބޮޑުވުންތައް އަޑުއައްސަވައި، އެންމެ ބޭނުންވާ ކަންކަން ފުއްދައިދިނުމަށް މަގުފަހިކޮށްދެއްވަމުން ގެންދަވާ ކަމަށެވެ.
މީގެ އިތުރުން 2028 ވަނަ އަހަރާ ހަމައަށްދާއިރު، މާޒީގައި ނުފެންނަ ފަދަ ބޮޑެތި ތަރައްޤީގެ މަޝްރޫޢުތައް ނިމި، އޭގެ ފައިދާ ރައްޔިތުންނަށް ލިބޭނެ ކަމަށާ އެގޮތުން ބޯހިޔާވަހިކަމުގެ މަޝްރޫޢުތައްވެސް ހިމެނޭނެ ކަމަށާއި، ރައީސްގެ ހުރިހާ ވަޢުދުފުޅުތަކެއް ފުއްދަވާނެ ކަމުގެ ފުރިހަމަ ޔަޤީންކަން އެބައޮތް ކަމަށް ވިލިމާލެ ދާއިރާގެ މަޖިލިސް މެންބަރު މުޙައްމަދު އިސްމާޢީލް ވިދާޅުވިިއެވެ.

