މާލެ ސަރަޙައްދަށް ބަރޯސާވުން ކުޑަކޮށް، ރަށްރަށުގައި ދިރިއުޅޭ ރައްޔިތުންނަށް ފަހި ބޯހިޔާވަހިކަމެއް ހޯދައިދިނުމަށްޓަކައި ކުރިއަށް އޮތް މަހެއްހާ ދުވަހުގެ ތެރޭގައި އައު މަޝްރޫޢުތަކެއް ފެށުމަށް ސަރުކާރުން ތައްޔާރުވެއްޖެއެވެ. ބިނާރާ، ގެދޮރުވެރިކަމާއި އުމްރާނީ ތަރައްޤީއާ ބެހޭ ވުޒާރާއިން ހާމަކުރި ގޮތުގައި، މި މަޝްރޫޢުތަކަކީ އަތޮޅުތެރޭގެ ބޯހިޔާވަހިކަމުގެ ދަތިކަމަށް ދާއިމީ ހައްލެއް ހޯދައިދިނުމަށް ރޭވިފައިވާ މުހިންމު މަސައްކަތްތަކެކެވެ.
ޕީއެސްއެމް ނިއުސްގެ “ރާއްޖެ މިއަދު” ޕްރޮގްރާމްގައި ވާހަކަދައްކަވަމުން ގެދޮރުވެރިކަމާ ބެހޭ ވުޒާރާގެ ސްޓޭޓް މިނިސްޓަރ އަޙްމަދު ނާޒިމް މުޙައްމަދު ވިދާޅުވީ، އަލަށް ފަށާ މަޝްރޫޢުތައް މައިގަނޑު ދެ މޮޑެލްއަކަށް ބަހާލެވިފައިވާ ކަމަށެވެ. އޭގެ ތެރޭގައި ހިމެނެނީ އާންމު ރައްޔިތުންނަށް އަތްފޯރާ ފަށުގައި ލިބޭނެ “އެފޯޑަބަލް ހައުސިންގ” މަޝްރޫޢުތަކާއި، އަމިއްލަ ގޯތީގައި ގެދޮރު ބިނާކުރަން ބޭނުންވާ ފަރާތްތަކަށް މާލީ އިދާރާތައް މެދުވެރިކޮށް ފައިނޭންސިންގ ލިބޭނެ ނިޒާމެކެވެ.
“މިދެމަޝްރޫޢަކީ މިހާރު ހިނގަމުންދާ މަޝްރޫޢުތަކުގެ އިތުރުން ރަށްރަށުގައި ކުރިއަށްގެންދިޔުމަށް ރާވާފައިވާ މަޝްރޫޢުތަކަކީ. އިރާދަކުރެއްވިއްޔާ ކުރިއަށްއޮތް މަހެއްހާ ދުވަހުގެ ތެރޭގައި އެދެމަޝްރޫޢު އަޅުގަނޑުމެނަށް އިފްތިތާޙްކުރެވިގެންދާނެ،” ސްޓޭޓް މިނިސްޓަރ ނާޒިމް ވިދާޅުވިއެވެ. މި މަޝްރޫޢުތަކުގެ ސަބަބުން ކޮންމެ ރައްޔިތަކަށްވެސް އެމީހަކު ބޭނުންވާ ފެންވަރެއްގެ ބޯހިޔާވަހިކަމަކަށް ކުރިމަތިލުމުގެ ފުރުސަތު ތަނަވަސްވެގެންދާނެ ކަމަށް އޭނާ ފާހަގަކުރެއްވިއެވެ.
ސަރުކާރުގެ މި ސިޔާސަތުގެ މައިގަނޑު އެއް ބޭނުމަކީ ރިސޯޓުތަކުގައި ވަޒީފާ އަދާކުރާ ފަރާތްތަކަށްވެސް އެމީހުން މަސައްކަތްކުރާ ސަރަޙައްދާ ގާތުން އާއިލާއާއެކު ދިރިއުޅެވޭނެ އިންތިޒާމު ހަމަޖެއްސުމެވެ. އަދި މާލެއަށް ހިޖުރަކުރަން ޖެހޭ މައިގަނޑު ސަބަބަކީ ރަށްރަށުގައި ބޯހިޔާވަހިކަން ނެތުން ކަމަށްވާތީ، އަތޮޅުތެރޭގައި އާބަން ސެންޓަރުތައް ތަރައްޤީކޮށް، އެ ސަރަޙައްދުތަކުން ފެންވަރު ރަނގަޅު ދިރިއުޅުމެއް ހޯދައިދިނުމަކީ ރައީސުލްޖުމްހޫރިއްޔާގެ ވަޢުދުފުޅެކެވެ.
މީގެ އިތުރުން، މީގެ ކުރިން ފަށާފައި ހުރި ނަމަވެސް އެކި ސަބަބުތަކާހުރެ ހުއްޓިފައިވާ މަޝްރޫޢުތައް ނިންމުމަށާއި، އަމިއްލަ ގޯތީގައި ގެދޮރު އެޅުމަށް މާލީ އެހީތެރިކަން ބޭނުންވާ ފަރާތްތަކަށް އެހީތެރިވުމުގެ މަސައްކަތްވެސް މިހާރު ދަނީ ކުރިއަށެވެ. މިގޮތުން “ބޯހިޔާވަހިކަން އެންމެނަށް” ސިޔާސަތުގެ ދަށުން މިހާތަނަށް 43 ރަށަކުން މިފަދަ ފުރުސަތުތަކަށް އެދި ހުށަހަޅާފައިވާކަމަށް ވުޒާރާއިން މައުލޫމާތުދެއެވެ.

