މޫސުމީ ބަދަލުތަކުގެ ސަބަބުން ކުރިމަތިވާ ގެއްލުންތަކުން އަރައިގަތުމަށް ދޭ ބައިނަލްއަގްވާމީ އެހީ އިތުރުކުރުމަށް ދިވެހިރާއްޖެއިން ގޮވާލައިފިއެވެ.
އދ.ގެ އިންސާނީ ހައްގުތަކާ ބެހޭ މަޖިލީހުގެ 62 ވަނަ ދައުރުގައި މޫސުމީ ބަދަލުތަކުން އިންސާނީ ހައްގުތަކަށް ކުރާ އަސަރު ދެނެގަތުމާއި ގުޅޭގޮތުން ބޭއްވި ބައްދަލުވުމުގައި ވާހަކަދައްކަވަމުން އދ.ގެ އޮފީހަށް ދިވެހިރާއްޖެއިން ކަނޑައަޅުއްވާފައިވާ ދާއިމީ މަންދޫބު ޑރ. ސަލްމާ ރަޝީދު ވަނީ، ހުރިހާ ގައުމުތަކުން “މަލްޓިޑައިމެންޝަނަލް ވަލްނަރަބިލިޓީ އިންޑެކްސް” (MVI) ބަލައިގަތުމަށް ގޮވާލައްވާފައެވެ. އަދި މޫސުމީ ބަދަލުތަކާ ގުޅިގެން އުފައްދާފައިވާ ބައިނަލްއަގުވާމީ ފަންޑުތަކަށް، ޚާއްސަކޮށް “ފަންޑް ފޯ ރެސްޕޮންޑިންގ” ފަދަ ވަސީލަތްތަކަށް ބޭނުންވާ ފައިސާ ފުރިހަމައަށް ހަމަޖެއްސުމަށް ވެސް އެކަމަނާގެ ވާހަކައިގައިި ބާރުއަޅުއްވާފައިވެއެވެ.
މިއާއެކު، ތިމާވެށީގެ ސަބަބުން އިންސާނީ ޙައްގުތަކަށް ކުރާ އަސަރާއި ގުޅޭގޮތުން ވާހަކަދައްކަވަމުން، ސަލްމާ ވަނީ ތިމާވެއްޓަށް އަންނަ ބަދަލުތަކާއި ގުޅިގެން، ރާއްޖެ ފަދަ މޫސުމީ ހިރާސް ބޮޑު ޤައުމުތަކަށް ވަރަށް ބޮޑަށް އަސަރުކުރާކަން ފާހަގަކުރައްވާފައެވެ.
ހަމައެހެންމެ، މޫސުމީ ބަދަލުތަކާއި އިންސާނީ ޙައްގުތަކާ ބެހޭ ޚާއްސަ ރެޕަޓުއާއާއެކު ބޭއްވި މުހިންމު މަޝްވަރާގައި، ދިވެހިރާއްޖޭގެ ފަރާތުންވަނީ ބަޔާނެއް އިއްވާފައެވެ. މިބަޔާނުގައި ކާބޯތަކެތީގެ ރައްކާތެރިކަމާއި، މޫސުމީ ވިލުންތެރިކަމާއި ދެމެދު އޮތް ގުޅުމުގެ މައްޗަށް ވެސް އަލިއަޅުއްވާލާފައިވެއެވެ.
މިގެ އިތުރުން ދޮށީގެ މަސްވެރިކަމަކީ ދެމެހެއްޓެނިވި ގޮތެއްގައި މަސްވެރިކަން ބެލެހެއްޓުމުގެ ނަމޫނާ މިސާލެއްގެ ގޮތުގައި ރާއްޖެއިން ވަނީ ފާހަގަކޮށްފައެވެ. ރަށު ފެންވަރުގައި ކުރެވޭ މިފަދަ މަސައްކަތްތަކުގެ ސަބަބުން، އާންމު ދިރިއުޅުމުގެ ފުރުސަތުތައް ފަހިވެ، މޫސުމީ ބަދަލުތަކުން ކުރިމަތިވާ ގޮންޖެހުންތަކަށް ކުރިމަތިލުމުގެ ގާބިލުކަން އިތުރުވާކަމަށް ރާއްޖެއިން ޤަބޫލުކުރާކަމަށް ވިދާޅުވިއެވެ. އަދި މުޖުތަމަޢުތައް އިސްވެ ކުރާ މަސައްކަތްތަކާއި އެކުއެކީ، ހަރުދަނާ ކާނާގެ ނިޒާމެއް ގާއިމުކުރުން މުހިންމުކަން ރާއްޖެއިން ފާހަގަކޮށްފައިވެއެވެ. މީގެއިތުރުން ބައިނަލްއަގުވާމީ އެއްބާރުލުން އިތުރުކުރުމާއި، މޫސުމީ ކަންކަމާއި ގުޅިގެން ހިލޭ އެހީގެ ގޮތުގައި ލިބޭ ފައިސާގެ ނިޒާމާއި، ކަންކަމުގައި ހައްލު ހޯދުމުގައި އެ ޤައުމެއްގެ ރައްޔިތުން މެދުވެރިވެގެން ހޯދާ ހައްލުތަކަށް ބާރުވެރިކަން ހޯދާދިނުމަށްވެސް ރާއްޖެއިން ވަނީ ގޮވާލާފައެވެ.

