ސަރުކާރުގެ އެކި ކުންފުނިތަކުން މުވައްޒަފުން މަދުކުރަނީ ގައުމުގެ އުފެއްދުންތެރިކަން އިތުރުކުރުމަށް ކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ މުހައްމަދު މުއިއްޒު ވިދާޅުވެއްޖެއެވެ.
އެމަނިކުފާނު މިފަދައިން ވިދާޅުވެފައިވަނީ، “ދަ ޕަލްސް” ޕޮޑްކާސްޓް ސިލްސިލާގެ ދެވަނަ އެޕިސޯޑްގައި، ރާއްޖޭގެ މަސްވެރިކަމުގެ ސިނާޢަތާ ގުޅޭގޮތުން ވާހަކަފުޅު ދައްކަވަމުންނެވެ.
ރައީސް މުއިއްޒު ވިދާޅުވީ، ސަރުކާރު ހިއްސާވާ ކުންފުނިތައް އެދެވޭ ސައިޒަކަށް ކުޑަކުރުމުގެ މަސައްކަތް މިހާރު ފަށްޓަވާފައިވަނީ، ރާއްޖޭގެ އިގްތިސޯދަށް އެންމެ ފައިދާހުރި ގޮތް ކަމަށް ގަބޫލުކުރެއްވޭތީ ކަމަށެވެ. ކުންފުނިތަކުގައި ގިނަ އަދަދެއްގެ ޒުވާނުންނާއި ރައްޔިތުން ވަޒީފާތަކުގައި ހިފަހައްޓާފައި ތިބުމުން، ޤައުމުގެ އިގްތިސޯދު ފުޅާވެ، އުފެއްދުންތެރިކަން އިތުރުނުވާ ކަމަށްވެސް އެމަނިކުފާނު ވިދާޅުވިއެވެ.
އެގޮތުން ކުންފުނިތަކުގެ އޮނިގަނޑު ކުޑަކުރުމުން މަސްވެރިކަމުގެ ސިނާޢަތަށް ނުކުންނަ ޒުވާނުން އިތުރުވެގެންދާނެ ކަމަށާއި، މީގެ އިތުރުން އަމިއްލަ ވިޔަފާރިތަކަށް ނުވަތަ ޕްރައިވެޓް ސެކްޓަރަށް ބޭނުންވާނެ ހީވާގި ޒުވާނުން ލިބުމަށްވެސް މަގުފަހިވެގެންދާނެ ކަމަށް ރައީސް ވިދާޅުވިއެވެ.
ފެނަކަ ކޯޕަރޭޝަނަށް މިވަގުތު ބޮޑު ސަމާލުކަމެއް ދީގެން މި މަސައްކަތް ކުރަމުންދާކަން ފާހަގަކުރައްވައި ރައީސް ވިދާޅުވީ، ސަރުކާރުން މިހާރު މަސައްކަތް ކުރަމުންދަނީ ވަށާޖެހޭ އިޤްތިޞާދީ ސިޔާސަތެއްގެ ތެރެއިން މިކަންކަން ރަނގަޅުކުރުމަށް ކަމަށާއި، މި ފިޔަވަޅުތަކުގެ ސަބަބުން ހާއްސަކޮށް މަސްވެރިކަމުގެ ސިނާޢަތަށާއި އެހެނިހެން ދާއިރާތަކަށް ވަރަށް ބޮޑު ކުރިއެރުމެއް ލިބިގެންދާނެ ކަމަށެވެ.
ދައުލަތުގެ ޚަރަދުތައް ކުޑަކުރުމުގެ ފިޔަވަޅެއްގެ ގޮތުން ސަރުކާރު ހިއްސާވާ ކުންފުނިތަކުގެ މުވައްޒަފުންގެ އަދަދު 33 އިންސައްތައަށް މަދުކުރުމަށް ޕްރައިވަޓައިޒޭޝަން އެންޑް ކޯޕަރަޓައިޒޭޝަން ބޯޑު (ޕީސީބީ) އިން މިދިޔަ އޭޕްރީލް މަހު ވަނީ އަންގާފައެވެ.
ޕީސީބީގެ އެ އެންގުމާ އެއްގޮތަށް، ބައެއް ކުންފުނިތަކުން މުވައްޒަފުން މަދުކުރުމުގެ މަސައްކަތް މިހާރު ވަނީ ފަށާފައެވެ.

