ކ. ގިރިފުށީގައި ހުންނަ ސިފައިންގެ ތަމްރީނު މަރުކަޒުގެ ބިން ހިއްކުމާއި، އައްސޭރިފަށް ހިމާޔަތްކުރުމުގެ އިތުރުން ބަނދަރު އަޕްގްރޭޑް ކުރުމުގެ ބޮޑު މަޝްރޫޢު ރަސްމީކޮށް މިއަދު އިފުތިތާހުކޮށްފިއެވެ. ގިރިފުށި ޓްރޭނިންގ ސެންޓަރުގައި ބޭއްވި ޚާއްޞަ ރަސްމިއްޔާތެއްގައި މި މަޝްރޫޢު ފައްޓަވައިދެއްވީ ދިފާޢީ އަދި ވަޠަނީ ޚިދުމަތާ ބެހޭ ވަޒީރު ޙަސަން ރަޝީދެވެ.
މި މަޝްރޫޢަކީ ރައީސުލްޖުމްހޫރިއްޔާ އަދި ސިފައިންގެ އެންމެ މަތީވެރިޔާ ޑރ. މުޙައްމަދު މުޢިއްޒު، ދިވެހި އަސްކަރިއްޔާގެ ޤާބިލުކަން އިތުރުކުރުމަށް ގެންގުޅުއްވާ އިސްތިރާޖީ ސިޔާސަތުގެ ދަށުން ކުރިއަށްގެންދާ މުހިންމު މަސައްކަތެކެވެ. އެމްޓީސީސީއާ ހަވާލުކޮށްގެން ކުރިއަށްގެންދާ މި މަޝްރޫޢުގެ ދަށުން، މިހާރު ގިރިފުށީގައި އޮތް 5.7 ހެކްޓަރުގެ ބިމަށް 13.3 ހެކްޓަރުގެ ބިން އިތުރުކޮށް، ތަމްރީނުތަކަށް ބޭނުންވާ ޖާގަ ބޮޑުތަނުން ފުޅާކުރެވޭނެއެވެ.
މި މަޝްރޫޢުގެ ތެރެއިން ރަށުގެ އައްސޭރިފަށް ހިމާޔަތްކުރުމަށް ބޮޑުގަލުގެ ރިވެޓްމަންޓާއި، ބޭރުތޮށްޓާއި ގްރޮއިންސް ޖެހުމުގެ މަސައްކަތް ކުރެވޭނެއެވެ. މީގެއިތުރުން، އުޅަނދުފަހަރު ކައިރިކުރުމަށް އެލް-ބްލޮކް ކީ-ވޯލް ހެދުމާއި، 40 މީޓަރު އަދި 12 މީޓަރުގެ ދެ ޖެޓީ ތަރައްޤީކުރުން ހިމެނެއެވެ. އަދި މިހާރު ހުރި 100 މީޓަރުގެ ފަޔަރިންގ ރޭންޖުގެ ބަދަލުގައި 300 މީޓަރުގެ ޒަމާނީ ސްމޯލް އާމްސް ރޭންޖެއް ވެސް މި މަޝްރޫޢުގެ ދަށުން ގާއިމްކުރެވޭނެއެވެ.

ގިރިފުށި ބިންހިއްކުމާއި ގޮނޑުދޮށް ހިމާޔަތް ކުރުމުގެ މަޝްރޫއު ފެށުން– ފޮޓޯ: އެމްޓީސީސީ
ޤައުމީ ދިފާޢީ ބާރުން ހާމަކުރި ގޮތުގައި، މި މަޝްރޫޢު ނިމުމުން ގިރިފުށި ވެގެންދާނީ ޒަމާނީ ހުރިހާ ވަސީލަތްތަކެއް ހިމެނޭ ތަމްރީނު މަރުކަޒަކަށެވެ. މިއީ ރައީސުލްޖުމްހޫރިއްޔާ އިފުތިތާހުކޮށްދެއްވާފައިވާ "ދިވެހި ވަޠަނީ ޚިދުމަތް" ޕްރޮގްރާމްގެ މައި މަރުކަޒަށް ވެސް ވެގެންދާނެއެވެ. މިތަނުގައި އޮފިސަރުންނާއި އެންސީއޯ އެކެޑަމީގެ ދަރިވަރުންނަށް ބޭނުންވާ އެކޮމޮޑޭޝަން ފެސިލިޓީތަކާއި ސަޕޯޓް ނިޒާމްތައް ވެސް ގާއިމްކުރެވޭނެއެވެ.
މި ރަސްމިއްޔާތުގައި ޗީފް އޮފް ޑިފެންސް ފޯސް މޭޖަރ ޖެނެރަލް އިބްރާހީމް ޙިލްމީއާއި، އެމްއެންޑީއެފްގެ އިސް ޖެނެރަލް އޮފިސަރުންނާއި، އެމްޓީސީސީގެ މެނޭޖިންގ ޑިރެކްޓަރ އަޙްމަދު ސަޢުދީގެ އިތުރުން ދިފާޢީ ވުޒާރާގެ އިސް ބޭފުޅުން ބައިވެރިވެވަޑައިގެންނެވިއެވެ.

