ނ. މަނަދޫގައި އިސްލާމީ ޔުނިވަރސިޓީ އޮފް މޯލްޑިވްސް (އައިޔޫއެމް) އިން ތަރައްޤީކުރާ ކެމްޕަހާއި ދަނާލުގެ އަމަލީ މަސައްކަތް ރަސްމީކޮށް ފަށައިފިއެވެ. މި މަޝްރޫޢަކީ އަތޮޅުތެރޭގައި އެ ޔުނިވަރސިޓީން ބިނާކުރާ ފުރަތަމަ ދާއިމީ ކެމްޕަސް ކަމަށްވާއިރު، މި މަސައްކަތް ހަވާލުކޮށްފައިވަނީ ޓްރަސްޓެންގ ކުންފުންޏާއެވެ.
މަނަދޫގައި ބޭއްވި ޚާއްޞަ ރަސްމިއްޔާތެއްގައި މި މަސައްކަތް ފައްޓަވައިދެއްވީ އައިޔޫއެމްގެ ޑެޕިއުޓީ ވައިސް ޗާންސެލަރ ޑރ. ޢަލީ ޒާހިރެވެ. މި ރަސްމިއްޔާތުގައި ޔުނިވަރސިޓީގެ އިސްވެރިންގެ އިތުރުން މަނަދޫ ކައުންސިލްގެ މެންބަރުން ބައިވެރިވެވަޑައިގެންނެވިއެވެ.
މި މަޝްރޫޢުގެ ދަށުން ޒަމާނީ ފެންވަރުގެ ކްލާސްރޫމްތަކާއި، ލައިބްރަރީއާއި، އިދާރީ އޮފީސްތަކުގެ އިތުރުން ސެމިނަރތައް ބޭއްވުމަށް ޚާއްޞަ ސަރަޙައްދެއް ތަރައްޤީކުރެވޭނެއެވެ. މީގެއިތުރުން، ދަރިވަރުންނަށް ބޭނުންވާ ދަނާލާއި މުވައްޒަފުންގެ އެކަމަޑޭޝަން ބްލޮކެއްވެސް މި މަޝްރޫޢުގެ ދަށުން ބިނާކުރުމަށް ވަނީ ހަމަޖެހިފައެވެ.
އައިޔޫއެމްގެ އަމާޒަކީ ކުރިއަށް އޮތް ދެ އަހަރު ދުވަހުގެ ތެރޭގައި މި އިމާރާތްތަކުގެ މަސައްކަތް އެއްކޮށް ނިންމާލައި، ކިޔަވައިދިނުމުގެ ޚިދުމަތް ފެށުމެވެ. މިވަގުތު ރާއްޖޭގެ އެއްވެސް ރަށެއްގައި އައިޔޫއެމްގެ ދާއިމީ ކެމްޕަހެއް ނެތް ނަމަވެސް، ރާއްޖޭގެ 11 ރަށެއްގައި ކެމްޕަސްތައް ތަރައްޤީކުރުމުގެ މަސައްކަތް އެކި މަރުހަލާތަކުގައި މިހާރު ދަނީ ކުރިއަށެވެ.
މިއީ މަތީ ތަޢުލީމު ހާސިލުކުރުމަށް މާލެއަށް ބަރޯސާވާންޖެހޭ މިންވަރު ކުޑަކުރުމަށް ސަރުކާރުން ކުރިއަށްގެންދާ ސިޔާސަތުގެ ދަށުން ކުރެވޭ މުހިންމު މަސައްކަތެކެވެ. ރައީސުލްޖުމްހޫރިއްޔާ އަތޮޅުތަކަށް ކުރެއްވި ދަތުރުފުޅުތަކުގައި އެމްއެންޔޫ އާއި އައިޔޫއެމްގެ ކެމްޕަސްތައް އެކި ރަށްރަށުގައި ބިނާކުރުމަށް ބިންގާ އަޅުއްވާފައިވެއެވެ.
ސަރުކާރުން ހާމަކުރައްވާފައިވާ ގޮތުގައި، ކުރިއަށް އޮތް ދެ އަހަރުގެ ތެރޭގައި މިފަދަ ގިނަ މަޝްރޫޢުތަކެއް ނިމި، އަތޮޅުތަކުގައި ތިބެގެން މަތީ ތަޢުލީމު ހާސިލުކުރުމުގެ ފުރުޞަތު މިހާރަށްވުރެ ބޮޑަށް ފުޅާވެގެންދާނެއެވެ.

