ފީފާ ވޯލްޑް ކަޕްގެ ގްރޫޕް އީގައި ރޭ ކުޅުނު ފޯރިގަދަ މެޗުން އައިވަރީ ކޯސްޓް 2-1 އިން ބަލިކޮށް، ޖަރުމަނުވިލާތުން މުބާރާތުގެ ގަދަ 32 ގެ ބުރަށް ދަތުރުކޮށްފިއެވެ. ކެނެޑާގެ ޓޮރޮންޓޯގައި ކުޅުނު މި މެޗުގައި ޖަރުމަނު މޮޅުވީ ފަހަތުން އަރައި، މެޗުގެ ފަހު ވަގުތު ޖެހި ލަނޑުންނެވެ.
މި މެޗުގެ ފުރަތަމަ ހާފުގައި އައިވަރީ ކޯސްޓުން ވަނީ ޖަރުމަނުގެ ޑިފެންސަށް ބާރުބޮޑުކޮށްފައެވެ. ނަތީޖާއެއްގެ ގޮތުން މެޗުގެ 30 ވަނަ މިނެޓުގައި އެޓީމުގެ ކެޕްޓަން ފްރޭންކް ކެސިއޭ ވަނީ ލަނޑެއް ޖަހައި އައިވަރީ ކޯސްޓަށް ކުރިހޯދައިދީފައެވެ. މި ލަނޑު ޖެހުމުގައި އެޓީމުގެ ވިންގަރ ޔިއާން ޑިއޯމަންޑޭގެ ދައުރު ބޮޑެވެ. މި ލަނޑާއެކު ކެސިއޭ ވެފައިވަނީ އައިވަރީ ކޯސްޓަށް ވޯލްޑް ކަޕެއްގައި ލަނޑު ޖަހައިދިން ދެވަނައަށް އެންމެ އުމުރުން ދުވަސްވީ ކުޅުންތެރިޔާއަށެވެ.
ޖަރުމަނުގެ ކޯޗު ހޫލިއަން ނާގަލްސްމަން މެޗުގެ 60 ވަނަ މިނެޓުގައި ގެނައި ބަދަލުތަކާއެކު މެޗުގެ މަންޒަރު ބަދަލުވިއެވެ. ބަދަލު ކުޅުންތެރިއެއްގެ ގޮތުގައި ކުޅެން އެރި ޑެނިޒް އުންޑާވް ވަނީ ކުޅެން އެރިތާ އަށް މިނެޓު ތެރޭގައި ނަދީމް އަމީރީ ތަނަވަސްކޮށްދިން ފުރުސަތަކުން ލަނޑެއް ޖަހައި މެޗުގެ ނަތީޖާ ހަމަހަމަކޮށްފައެވެ.
މެޗުގެ ފުރިހަމަ ވަގުތު ހަމަވެ، އިތުރުވަގުތުގެ ގޮތުގައި ދެއްކި 94 ވަނަ މިނެޓުގައި އުންޑާވް ވަނީ އޭނާގެ ދެވަނަ ލަނޑު ޖަހައި ޖަރުމަނަށް މެޗުން މޮޅުކޮށްދީފައެވެ. މިއީ އޭނާ މިފަހަރުގެ ވޯލްޑް ކަޕްގައި ބަދަލު ކުޅުންތެރިއެއްގެ ގޮތުގައި އެރި ފުރަތަމަ ދެ މެޗުގައިވެސް ލަނޑު ޖެހި ފުރަތަމަ ޖަރުމަނު ކުޅުންތެރިޔާއެވެ. މީގެ ކުރިން މި ޝަރަފް ހޯދާފައިވަނީ 2002 ވަނަ އަހަރު މިރޮސްލާވް ކްލޯސާ އެވެ.
މި މޮޅާއެކު ޖަރުމަނުން ވަނީ ގްރޫޕް އީގެ ގަދަ ދެ ޓީމުގެ ތެރޭގައި ހިމެނުން ކަށަވަރުކޮށްފައެވެ. މިއީ 2018 އަދި 2022 ވަނަ އަހަރުގެ ވޯލްޑް ކަޕްގެ ގްރޫޕް ސްޓޭޖުން ކެޓުމަށްފަހު، ޖަރުމަނުން މުބާރާތުގެ ނޮކްއައުޓް ބުރަށް ދަތުރުކުރި ފުރަތަމަ ފަހަރެވެ. އެޓީމަށް ގްރޫޕްގެ އެއްވަނަ ލިބޭނީ އެކުއެޑޯ ކުޅޭ ކުރިއަށް އޮތް ދެ މެޗުން އެޓީމު މޮޅުނުވެއްޖެނަމައެވެ.

